15 Dec 2012, 09:45
ރާއްޖޭގެ ނާޒުގު އިގްތިސޯދު ބިނާވެގެން ވަނީ ޓޫރިޒަމްގެ މައްޗަށެވެ. ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނަމަ އޭގެ ފައިދާ ޖުމްލަކޮށް މުޅި އިގްތިސޯދަށް ކުރާނެ އެވެ. ގިނަ ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލްވުމަށް ސަރުކާރުން މިހާރު ވަނީ މުޅިން އާ އަމާޒަކަށް މިސްރާބު ހިފައިފަ އެވެ. އެއީ މިއަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅު އިއުލާންކުރި އެއްމިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެވެ. ވެރިކަން ބަދަލުވުމާ އެކު އުފެދުނު ހަލަބޮލިކަމާ އެކު އެ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. އެ މައްސަލަ ގަނޑުގެ ތެރެއިން އުފެދުނު ޓޫރިޒަމްގެ ބޮއިކޮޓް ކެމްޕޭންތަކާއި ހުރެ އެ އަމާޒަށް ވާސިލްވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ. އެ އަމާޒަށް މިއަހަރު ވާސިލްވުމަށް އަދިވެސް ކުރަންޖެހޭ ދަތުރު ދިގެވެ.
މިއަހަރު ނިމެން މާގިނަ ދުވަސްތަކެއް ނެތް އިރު ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބް ވިދާޅުވީ ބުރަ މަސައްކަތްތަކަކުން މިދިޔަ އަހަރަށްވުރެ މިއަހަރުގެ ޓޫރިސްޓުން ރާއްޖެއަށް ގެނެވޭލެއް އިތުރުވެގެންދާނެ ކަމަށާއި އަދި އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އަދީބް ވިދާޅުވީ ސިޔާސީ ފަރާތްތަކުގެ ބައެއް އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މިއަހަރު ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
"ރާއްޖެއަކީ އަމާންކަމެއްނެތް ގައުމެއްކަމަށް ބޭރުގެ ފަރާތްތަކަށް އެންގުމަށާއި ސީދާ ޓޫރިޒަމަށް ބައެއް ފަރާތްކުން ހިންގި އެންޓި ކެމްޕޭންތަކަކީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި އަސަރުތަކެއްކުރުވި ކަމެއް، ނަމަވެސް އަޅުގަނޑުމެންގެ ބުރަ މަސައްކަތާއެކު ޓޫރިޒަމް މިވަނީ ހަމަޔަކަށް އަޅުވާފައި" އަދީބް ވިދާޅުވިއެވެ.
އެއްމިލިއަން ޓޫރިސްޓުން ގެނައުން ޓާގެޓަށް އެޅުނު އެންމެ ބޮޑު ހުރަހަކަށްވީ ސިޔާސީ ހަލަބޮލިކަމެވެ. ވެރިކަން ބަދަލުވުމާ އެކު ތަފާތު މީޑިއާތަކުގައި ރާއްޖެއާ ބެހޭގޮތުން ފެތުރުނު ހަބަރުތަކުގެ ނަތީޖާއަކަށްވީ ޓޫރިޒަމަށް އޭގެ ހިޔަނި ވަރަށް ބޮޑުއެޅުމެވެ. ދެން ނުކުތީވެސް އެހެން މައްސަލައެކެވެ. ދިވެހި ބަޔަކު އިސްކޮށް ތިބެގެން ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާ އެންޓިކެމްޕެއިންތަކުގެ އަޑުގަދަވުމެވެ. ކުރީގެ ރައީސް ނަޝީދު ބޭރުގެ މީޑިއާތަކުގައި ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލާ ދެއްކެވި ވާހަކަތަކުންވެސް ދިޔައީ ސީދާ ގޮތުންނާއި ނުސީދާގޮތުން ޓޫރިޒަމަށް އަސަރުކުރަމުންނެވެ.
ސިޔާސީ ހާޔަކަށް ގައުމުވެފައިވީ ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާތަނަށްވީ އިތުރެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 783999 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 760231 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 3.1 ޕަސެންޓް އިތުރު އަދެދެކެވެ. މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް 783999 ގެ ޓޫރިސްޓުން ރާއްޖެޒިޔާރަތްކޮށް ބާކީ ދެމަހުގެ ތަފާސް ހިސާބުތަށް އަދި އާންމު ނުވެފައިވާއިރު އެއް މިލިއަނަށް ހަމަވާން މަދުވަނީ 216001 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހާއި ޑިސެމްބަރު މަހަށް ބަލާއިރު އެދެމަހު ރާއްޖެއަށް ވަނީ 171102 ޓުރިސްޓުން ޒިޔާރަތްކޮށްފައެވެ. ނަމަވެސް ރާއްޖެ އިސްތިހާރުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު މިދިޔަ އަހަރަށްވުރެ މިއަހަރުގެ ޓޫރިޒަމް ދަނީ ރަނގަޅު ވަމުންނެވެ.
އަހަރުފެށިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް ރާއްޖެއަކީ މަގުބޫލް މަންޒިލަކަށް ހެދުމަށް ޓޫރިޒަމް މިނިސްޓްރީއިން ދިޔައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދުނިޔޭގެ 15 ގައުމެއްގެ 19 ސިޓީގައި ބޭއްވި 21 ފެއާގައި ބައިވެރިވެފައިވާއިރު ހަތް ގައުމެއްގެ 14 ސިޓީގައި ވަނީ ތަފާތް ރޯޑްޝޯތަށް ބާއްވައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމުގެ ގޮތުން ތަފާތު ގިނަ މަސައްތައްކޮށްފަ އެވެ. އަދި ބޭރުގެ މީޑިއާތަކުގައި ރާއްޖެ އިސްތިހާރުކުރުމުގެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 100 އަށްވުރެގިނަ ނޫސްވެރިން ރާއްޖެގެނެސް ރާއްޖެއާ ބެހޭ މައުލޫމާތު ވަނީ ދީފަ އެވެ.
އެމްއެމްޕީއާރްސީ ހިންގަވައި ޓޫރިޒަމް މިނިސްޓްރީގެ ނައިބު، މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒަށް ވާސިލު ވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށާއި ޑިސެމްބަރުމަހަކީ ސީޒަން ކަމަށްވުމާއި އަދި ރާއްޖެ އަށް އަންނަ އެއާލައިންތައް މިވީ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރުވެފައިވާތީ ރާއްޖޭގެ ޓޫރިޒަމަށް ހެޔޮ ބަދަލުތަކެއް އައިސް އެއް މިލިއަން ޓޫރިސްޓުން ގެނެވޭނެކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.
ތަފާތް ގޮންޖެހުންތަކަކާއެކު އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓަށް ވާސިލްވެވޭނެކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނަމުންދާއިރު އެކަން ހާސިލްވެއްޖެ ނަމަ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރޭ އަހަރަކީ ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ބޮޑުކުރިއެރުމެއް ލިބޭނެ އަހަރެކެވެ. އެ ޓާގެޓަށް ވާސިލް ވާން ރާއްޖެއަށް ބޭނުންވަނީ އިތުރު 216001 ޓުރިސްޓުން ގެންނާށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން މިހާރުވެސް ބޮޑެވެ.