ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަތަރު ވަނަ ޓުވިޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރޫމް ސާވިސް އެމްވީ އިން ހޯދައިފި އެވެ.

ހަ ޓީމް ބައިވެރިވި މުބާރާތުގައި ރޫމް ސާވިސް ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި ޕެސްޓެކްސްއާ ބައްދަލުކޮށް ދޭއް އެކަކުން ޕެސްޓެކްސް ބަލިކުރުމަށް ފަހު އެވެ.

ސޯޝަލް ނެޓްވޯކް ސައިޓުތަކުގެ ތެރެއިން މަޝްހޫރު ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ބައިވެރި ވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތް އިންތިޒާމް ކުރި ފަރާތުން ބުނީ މި މުބާރާތަކީ ވަކި ޖަމާއަތަކުން ނުވަތަ ޖަމިއްޔާއަކުން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ރާއްޖޭގައި ޓުވިޓާ ބޭނުންކުރާ ފަރާތްތައް ގުޅިގެން އިންތިޒާމް ކުރާ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެން މިއީކީ ވަކި ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ނޫން. މިއީ ހަމަ ޓުވިޓާގައި އުޅޭ ރަހްމަތްތެރިންތަކެއް. އަޅުގަނޑުމެން އެންމެން ގުޅިގެން ޓުވިޓާ ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުމަށް ދެން ހަމަ ބާއްވާ ހަރަކާތެއްމީ،" އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވި ޒުވާނަކު ސަން އަށް ކިޔައި ދިނެވެ.

އެމްވީ ޓުވިޓްސަލް މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޝިޒާން ސަން އޮންލައިނަށް ދިން ހާއްސަ އިންޓަވިއު އެއްގައި ބުނީ މި މުބާރާތަކި މާކަ ބޮޑު މުބާރާތެއް ނޫން ނަމަވެސް މިއަހަރުގެ މުބާރާތަށް ބައިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އަދި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ވެސް ލިބުނު ކަމަށެވެ.

"މިއީކީ ދެން މާކަ ބޮޑު މުބާރާތެއް ނޫން. އެކަމަކު މީ މުބާރަތް ބާއްވާ ހަތަރުވަނަ ފަހަރު. މިފަހަރު ހަމަގައިމު ވެސް ހަ ޓީމް އެބައޮތް ފަސްދޮޅަސް ކުޅުންތެރިން އެބަތިބި. ކުރިން ދެ ޓީމް އަދި ހަތަރު ޓީމް މި ފެންނަނީ. އެހެންވީމާ އަޅުގަނޑު މެންނަށް އެބަ ފެނޭ މިއަށް ތަރުހީބު ލިބެމުންދާ ތަން. ދެން މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އަދި ޓީމް ސްޕޮންސަރުންނަކީ ސީހައުސް ކެފޭ، އޮކްސީޖަން ކެފޭ، ރޫމް ސާވިސް، ލެކިއުޓް އިލެކްޓްރޯނިކްސް، ޕެސްޓެކްސް އަދި ފުލައިބޯޑް އެމްވީ." ޝިޒާން ބުންޏެވެ.

އަދި އޭނާ ބުނީ 2009 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތަށް ކުޅުންތެރިން ނަގަނީ މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ޓުވިޓާގައި ދެ ހަފުތާއެއްހާ ދުވަހަށް ހުޅުވާލައިގެން ކަމަށެވެ. އަދި ބައިވެރިން ޓީމްތަކަށް ބަހަނީ ގުރުއަތުލައިގެން ކަމަށެވެ. މުބާރާތުގައި ބައިވެރި ވުމުގެ ޝަރުތަކީ 1000 ޓްވީޓް ކޮށްފައި ވުމެވެ. ބައިވެރިވީ ޓީމުތަކަށް ނަންދީފައި ވަނީ ސްޕޮންސަރުންގެ ނަންތަކަށް ނިސްބަތްވާ ޓްވިޓާ އެކައުންޓު ތަކުގެ ނަމުން ނެވެ.

މި އަހަރުގެ ޓުވިޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް އެތީނާ ސިނަމާ ހިންގާ ޝްވެކް ތިއޭޓާސް އިން 10 ކުޅުން ތެރިންނަށް ގިފްޓު ވައުޗަރު ހުށަހަޅާފައިވާ ކަމަށާއި އަދި އިވެންޓް އިންތިޒާމްކުރާ "އެޓް އެމްވީޓްވީޓްސަލް"ގެ ފަރާތުން މުބާރާތުގެ އެކިއެކި ވަނަތަކަށް އަންނަ ފަރާތް ތަކަށް ތައްޓާއި މެޑަލް ދޭނެ އެވެ. އަދި ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މުބާރާތުގެ ކޮންމެ ބައިވެރިޔަކަށް ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަ ޖެހިފަ އެވެ.