15 Dec 2012, 09:42
ޗައިނާގައި ބަދިގެ އަށް ބޭނުންވާ ސާމާނުތައް ވިއްކާ ބައިނައްލަގުވާމީ ބްރޭންޑެއް ކަމަށްވާ "އޫލިން ބްރޭންޑް" ސަންފުރަންޓް ލިވިންއިން ރޭ ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.
ރޭ ސަން ފްރަންޓް ލިވިންގައި ބޭއްވި ރަސްމީއްޔާތަށް ފަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ސަން ފްރަންޓް ލިވިންގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ޝަހީރު ވިދާޅުވީ ސަން ފްރަންޓް ލިވިންގައި ހުޅުވި އެ ޝޯރޫމަކީ އޭޝިއާ ސަރަހައްދުގައި ވެސް އަދި ރާއްޖޭގައި ވެސް ހުޅުވި މިފަދަ ފުރަތަމަ ޝޯރޫމް ކަމަށެވެ.
"ސަން ފްރަންޓް ލިވިންގައި މި ހުޅުވުނު މި އޫލިން ބްރޭންޑުގެ ކިޗަން ސިސްޓަމަކީ ނުވަތަ އޫލިން ބްރޭންޑްގެ ބަދިގެއަށް ބޭނުންވާ ސާމާނުތަކުގެ ޝޯރޫމަކީ އޭޝިއާ ސަރަހައްދުގައި ވެސް އަދި ރާއްޖޭގައި ވެސް ހުޅުވުނު މި ބްރޭންޑްގެ ފުރުރަތަމަ ޝޯރޫމް. މި ބްރޭންޑްގެ ސާމާނުތައް އިންޑިއާ އަދި ލަންކާގައި އުފައްދާ. އެހެންނަމަވެސް އޫލިންގެ ޝޯރޫމެއް އޭޝިއާ ސަރަހައްދުގައި ހުޅުވާފައެއް ނުހުންނާނެ." ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޫލިން ބްރޭންޑަކީ ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުތަކުގައި ވިއްކަމުން އަންނަ ބްރޭންޑެއް ކަމަށެވެ. އަދި އެ ބްރޭންޑް އެންމެ ގިނައިން ވިއްކަމުން ގެންދަނީ ޔޫރަޕްގެ ގައުމުތަކުގައި ކަމަށެވެ.
ރޭގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އޫލިން ބްރޭންޑްގެ ވައިސް ޕްރެޒިޑިޓް ބިލް ޒަވީ ވިދާޅުވީ އޫލިން ބްރޭންޑްގެ ޝޯރޫމެއް ރާއްޖޭގައި ހުޅުވިގެން ދިއުމަކީ އެ ކުންފުންޏަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސަންފުރަންޓް ފަދަ ކުންފުންޏަކާ އެކު މަސައްކަތް ކުރަން ލިބުމަކީ އެ ކުންފުންޏަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ދެކޭ ކަމަށެވެ.
ސަން ފްރަންޓް ލިވިން އިން ބުނި ގޮތުގައި އޫލިން ބްރޭންޑްގެ ބަދިގެއަށް ބޭނުންވާ ސަމާނުތައް ރެއިން ފެށިގެން ދެ މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ދާނެ ކަމަށެވެ. އެ ގޮތުން އެ މުއްދަތުގައި ވިޔަފާރި ކުރާ ފަރާތްތަކަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ބުނީ ބްރޭޑަކީ އިންޓަނޭޝަނަލް ބްރޭޑެއް ކަމަށް ވިޔަސް އެހެން ވެސް ބަދިގެ ސާމާނުތައް ލިބޭ އަގުގައި ލިބޭނެ ކަމަށެވެ.