25 Sep 2010, 05:09
މޯލްޑިވިއަންގެ އެތެރޭގެ ޖާގަ ކިތަންމެ ތާށި ވެފައި އިށީންނަން ހުންނަ ގޮނޑިތައް ފުޅާ ނޫނަސް އެ އެއާލައިންގައި ދަތުރު ކުރީމަ އަޅުގަނޑަށް ލިބޭ ހިތްހަމަ ޖެހުން އެހެން އެއަރލައިނަކުން ދަތުރު ކޮށްގެނެއް ނުލިބެ އެވެ. އެހެން އެއްވެސް އެއާލައިނަކަށް ވުރެ މޯލްޑިވިއަންގެ މުވައްޒަފުންގެ އަޚުލާގު ރަނގަޅު ވެފައި ހިތް ހެވެވެ. ޢާންމުކޮށް ދަތުރު ކުރެވޭ މެލޭޝިއަން އެއާލައިންސާއި ސިންގަޕޫރު އެއާލައިންސް ނުވަތަ ސްރީލަންކަން އެއާލައިންގަ ހުންނަ ވަރުގެ ބޮޑެތި ގޮނޑިތައް ނެތިގެން އަޅުގަނޑަށް އިށީންނަން އުނދަގުލެއް ނުވެ އެވެ. މޯލްޑިވިއަން އެކޭ އެއް ދުރުމިނެއްގެ ދަތުރު ތަކަށް ބަލާ އިރު ވަގުތުގެ ދިގުމިނުގެ ސަބަބުން ދަތުރުގެ ދިގުމިން 15 މިނެޓު ވަރު އެހެން އެއާލައިން ތަކަށް ވުރެ އިތުރު ވިޔަސް އަޅުގަނޑުގަޑަށް މާބޮޑު ފަރުވާލެއް ނެތެވެ. އެއީ މޯލްޑިވިއަނުން ފައިބައިގެން އެހެން އެއާލައިނެއް އިޚުތިޔާރު ކުރަން ޖެހޭ ވަރުގެ މައްސަލަ އަކަށް ނުވެ އެވެ. މޯލްޑިވިއަން އަކަށް ވީތީ، މޯލްޑިވިއަން ދަތުރު ކުރާ މަންޒިލަކަށް ދާ ނަމަ އަޅުގަނޑު އަބަދުވެސް އިޚުތިޔާރު ކުރަނީ މޯލްޑިވިއަން އެވެ.
ދުނިޔޭގެ އެހެން ގައުމު ތަކަށް ކުރާ ދަތުރު ތަކުގައި އެކި ގައުމު ތަކުގެ ދިދަ ޖަހާފައި ހުންނަ ބޮޑެތި އެއާލައިންތައް ފެނުނީމަ އަޅުގަނޑު ދެރަވެ އެވެ. އެ ގައުމު ތަކުގެ މީހުން ވާނެ އުފާ އިތަށް އަރަ އެވެ. އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އަކީ ހުރިހާ ދިވެހިންގެ ޤައުމީ ފަޚުރަކަށް ވާން ޖެހެ އެވެ. ރާއްޖޭގެ ޤައުމީ ދިދަ ޖަހާފައިވާ މޯލްޑިވިއަން ބައިނަލް އަޤުވާމީ މަންޒިލް ތަކަށް އުދުހުމަކީ ހަމަ ގައިމު ވެސް އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ކަމެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވަޓައިޒް ކުރަން ސަރުކާރުން ނިންމައި، އެ އެއާޕޯޓު މިހާރު ވަނީ އިންޑިއާގެ ޖީއެމްއާރު ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ މައި ދޮރާށި ބޭރު ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ އޭގެ ފައިދާ އާއި ގެއްލުން ހުރި ކަމެކެވެ. އެ މައްސަލައިގެ ތަފުސީލަށް ދާކަށް އަޅުގަނޑު ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ކަމުގެ ސަބަބުން ދިވެހިންގެ ވަރަ ބިނދިދާނެތީ އަޅުގަނޑު ބިރު ގަނެ އެވެ. މިހާ ތަނަށް ވެސް މޯލްޑިވިއަން ސަލާމަތް ވަމުން އައީ، ދަތުރުވެރިން ގޮވައިގެން އުދުހިގެން ލިބޭ އާމްދަނީ އަކަށް ވުރެ ބޮޑަށް އެއާޕޯޓާ ގުޅިފައިވާ ޚިދުމަތްތަކުން ލިބޭ ފައިދާއިންނެވެ.
މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި، އައިލެންޑް އޭވިއޭޝަންގެ މިދިޔަ އަހަރުގެ ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 56 ޕަސެންޓް މައްޗަށް ޖެހި 45 މިލިއަން ރުފިޔާ އަށް އަރާފައިވެ އެވެ. މި ފައިދާގައި އެންމެ ބޮޑަށް ހިއްސާ ކޮށްފައި ވަނީ ގްރައުންޑް ސާވިސް އާއި ކާގޯ އަދި ލޯންޖު ތަކުން ލިބުނު އާމްދަނީ އެވެ. މި ހުރިހާ ދާއިރާ އަކީ ވެސް މިހާރު އެއާޕޯޓު ކުއްޔަށް ދީފައިވާ އެގްރީމެންޓުގައިވާ ގޮތުން ކުރިޔަށް އޮތް ތަނުގައި އައިލެންޑް އޭވިއޭޝަނަށް އާމްދަނީ ނުލިބޭނެ ދާއިރާ ތަކެވެ. އެތެރޭގެ އުދުހުންތަކުން އައިލެންޑް އޭވިއޭޝަނަށް މިހާރު ވެސް ފައިދާއެއް ނުވެ އެވެ.
އައިލެންޑް އޭވިއޭޝަނަށް އާމްދަނީ ލިބޭ ދޮރުތައް ބަންދު ވުމަކީ އެ ކުންފުނި އަދި ދިވެހިންގެ ގައުމީ އެއާލައިން ދިރި ދެމި އޮތުމާ މެދު ސުވާލު އުފެދޭ ކަމެކެވެ. ސަރުކާރުން ބުނެފައި ވަނީ އެއާޕޯޓްސް ކޮމްޕެނީ ކުއްޔަށް ދިނުމުގެ ސަބަބުން މަދުވާ ބައި ސަބްސިޑީޒްގެ ގޮތުގައި ދެއްވާނެ ކަމަށެވެ. އެކަމަކު ތެލިސީމިއާ ކުއްޖަކަށް ލޭ އަޅާ އުސޫލުން ކޮންމެ އަހަރަކަށް މަދުވާ ބައި ބަޖެޓުން ދީގެން ގައުމީ އެއާލައިން އުމުރު ދުވަހު ހިންގުމުގެ ވިސްނުމަކީ ރަނގަޅު ގޮތް ކަމަށް ޤަބޫލެއް ނުކުރެވެ އެވެ. މި ބަދަލުގެ ވަށައިގެން ހުރި މައްސަލަ ތަކަށް ފިކުރު ހިންގާން ޖެހެ އެވެ. ކުންފުންޏަށް ލިބޭ އާމްދަނީގެ ދޮރުތައް ބަންދުވެ، ނޭވާ ހޮޅިއަށް އެޅޭ އިރު މި ފިޔައިގެ ދަށުގައި ތިބި 700 އެއްހާ މުވައްޒަފުންގެ ވަޒީފާ އަށް ވާނެ ގޮތެއް ނޭނގެ އެވެ. ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެތެރޭގެ އުދުހުން ތަކުގެ ޓިކެޓު އަގާއި އެހެނިހެން ޚިދުމަތްތަކުގެ އަގު ވެސް ބޮޑުވުން އެކަށީގެންވެ އެވެ. މި ހުރިހާ ކަމެއްގެ ވަށައިގެން ގައުމުގެ އެކި ކަންކަމުގައި މޯލްޑިވިއަން އަދާ ކުރާ އިޖުތިމާޢީ ޒިންމާ އަކީ ވެސް ފާހަގަ ކުރެވޭ ފަދަ ޚިދުމަތެކެވެ. އޭގެ ސަބަބުން ގައުމީ ރޫހުގެ ވިސްނުން ދިވެހިންގެ ހިތްތަކުގައި އުފައްދައިދީފައިވެ އެވެ.
މޯލްޑިވިއަން އަކީ ދިވެހިން އުދުހެން ބޭނުން ކުރާ ދިވެހިންގެ ވަރަ އެވެ. އެ ވަރަ ބިންދައިގެން ގޮސްފި ނަމަ އެއީ ލިބޭނެ ވަރަށް ފުން ހިތާމަ އެކެވެ. ގައުމީ ހިތާމަ އެކެވެ. މޯލްޑިވިއަން އަކަށް ވީތީ، މޯލްޑިވިއަންގައި ދަތުރު ކުރުމުގެ ފުރުސަތު ފުޅާ ވުމަކީ އަޅުގަނޑު އަބަދުވެސް ބޭނުންވާ ކަމެކެވެ. އަޅުގަނޑު ހިތުން ހުރިހާ ދިވެހިން ވެސް އެދޭނީ ހަމަ މި ގޮތެވެ. މުޅި ދުނިޔޭގަ ނެތް ވަރުގެ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ވެގެން އަޅުގަނޑުމެން މި ތިބެނީ ޝަރަފުގެ މެޑަލް ޖަހައިގެންނެވެ. މި ޝަރަފުގެ އަހުލުވެރިން އެހެން ގައުމުތަކަށް އުދުހެން އޮތް ހަމައެކަނި މަގަކީ ކުލީ ބޯޓު ފަހަރު ކަމަށް ވުމަކީ ހަމަ ގައިމުވެސް އަޅުގަނޑު ލަދު ގަންނަ ކަމެކެވެ. މޯލްޑިވިއަން އަކަށް ވީތީ އެވެ.