ގދ. އޮޅުކައުންސިލްގެ ގައްދޫ ދާއިރާގެ ބައި އިލެކްޝަން އާއި ދ. އަތޮޅު ކައުންސިލްގެ ކުޑަހުވަދޫ ދާއިރާ އިން ހުސްވެފައިވާ ގޮނޑި އަށް މީހުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލިކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސަން އޮންލައިނަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަންގެ އޮފިޝަލް ޝުޢައިބު ޔޫސްފް ވިދާޅުވީ އެ ދެ އަތޮޅުން ހުސްވެފައިވާ ދެ ގޮނޑި އަށް މީހުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަމަޖެހިދައިވާ ކަމަށެވެ.

"ގދ. ގައްދޫ އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށާއި އަދި ދ. ކުޑަހުވަދޫ އަތޮޅު ކައުންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް މި އަންނަ ޖެނުއަރީ މަހު 26 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން އިއުލާން ކޮށްފައި މިހާރު އޮންނާނީ." ޝުޢައިބު ވިދާޅުވި އެވެ.

ދ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އެ އަތޮޅު ކައުންސިލްގެ މެންބަރު އިސްމާއިލް ސައީދަކީ ގާނޫނީ ގޮތުން ކައުންސިލަށް އިންތިޚާބުވެފައިވާ މެންބަރެއް ނޫންކަމަށް ސުޕްރީމް ކޯޓުން މި މަހުގެ ތިން ވަނަ ދުވަހު ހުކުމްކޮށްފައިވާތީ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ ޚިޔާނާތުގެ މައްސަލައެއްގައި އިސްމާއީލަކީ އޭނާ ކައުންސިލަރު ކަމަށް ކުރިމަތިލެއްވި އިރު ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގައި ކައުންސިލަރު ކަމަށް ކުރިމަތި ލުމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަ ނުވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ގދ. އަތޮޅު ކައުންސިލް ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި މި ވަނީ އެ ކައުންސިލްގައި ޑީއާރްޕީ ތަމްސީލް ކުރެއްވި މެންބަރު މުހައްމަދު ޝާމިހު ކައުންސިލަރު ކަމުން މި މަހުގެ ތިން ވަނަ ދުވަހު އިސްތިއުފާ ދެެއްވައިފައި ވާތީ އެވެ.

އިލްކްޝަން ކޮމިޝަނުން ބުނޫ އެ ދެ ބައި އިލެކްޝަނަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 26ގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.