15 Dec 2012, 09:20
އެމެރިކާގެ ކަނެކްޓިކަޓްގެ ޕްރައިމަރީ ސްކޫލެއްގައި ބަޑީން ދިން ހަމަލާއެއްގައި 20 ދަރިވަރުންނާއި ބޮޑު 7 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަމަލާ ދިން މީހާ ވެސް ހިމެނޭ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
ކަނެކްޓިކަޓްގެ ނިއުޓަން ސަރަހައްދުގައި ހުންނަ ސޭންޑީ ހޫކް އެލިމެންޓަރީ ސްކޫލުގައި ތައުލީމު ހާސިލު ކުރަނީ އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދީން ކަމަށް އޮފިޝަލުން ބުނެއެވެ. އެ ސްކޫލުގައި ކިޔަވައިދެނީ ކިންޑަގާޓަނުން ފެށިގެން 4 ވަނަ ގުރޭޑާ ހަމަޔަށެވެ.
ބަޑީން ހަމަލާ ދިން، އުމުރުން 20 އަހަރުގެ މީހާ އަކީ މި ސްކޫލުގެ އަންހެން ޓީޗަރެއްގެ ދަރިއެކެވެ. އެޑަމް ލާންޒާ ނަމަކަށް ކިޔާ މި މީހާ ވަނީ ސްކޫލުގެ ތެރޭގައި ބަޑީން ހަމަލާ ދިނުމުގެ ކުރީން، އޭނާގެ މަންމަ ނޭންސީ ލާންޒާ ގަޔަށް ވެސް ބަޑި ޖަހައި މަރައިލައިފައެވެ.
އެޑަމް ލާންޒާގެ ހަމަލާ އަމާޒުވެފައި ވަނީ އޭނާގެ މަންމަ ނޭންސީ ލާންޒާ ކިޔަވައިދޭ ކުލާހަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޮފިޝަލުން ވިދާޅުވާ އިރު، މި ހަމަލާ ދިން ކަމުގެ ތުހުމަތު ފުރަތަމައަށް ކުރެވުނީ އެޑަމް ލާންޒާގެ ބޭބެ ރަޔާން ލާންޒާއަށެވެ. މި ހަމަލާގައި ރަޔާން ލާންޒާގެ ދައުރެއް ނެތް ކަން މިހާރު ޔަގީން ކުރެވިފައި ވިޔަސް، ފުލުހުން އަދިވެސް ދަނީ މި މައްސަލައާ ގުޅޭ ގޮތުން ރަޔާން ލާންޒާއާ ސުވާލު ކުރަމުންނެވެ.
މި ހާދިސާގައި މަރުވެފައިވާ 20 ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން މަރުވެފައިވާ އިރު، 2 ދަރިވަރަކު މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.
އިއްޔެގެ މި ހަމަލާއަކީ 2012 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގައި ދިން، ބަޑީގެ މިފަދަ ތިންވަނަ ހަމަލާއެވެ. ޖުލައި މަހުގެ ތެރޭގައި ކޮލޮރާޑޯގައި ފިލްމެއް ޕްރީމިޔަރ ކުރި ތަނެއްގައި މީހަކު ދިން ހަމަލާއެއްގައި 12 މީހުން މަރުވެފައި ވާ އިރު، ވިސްކޮންސިންގައި ހުންނަ، ސިކުންގެ ގުރުދުވާރާއަކަށް އޯގަސްޓް މަހުގައި ދިން ހަމަލާއެއްގައި 6 މީހުން މަރުވެފައި ވެއެވެ.
އެމެރިކާގައި ވާ އެންމެ ރައްކާތެރި އެއް ހިސާބުގެ ގޮތުގައި ފާހަގަ ކުރެވޭ ކަނެކްޓިކަޓްގައި ހިނގި މި ހާދިސާގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އާންމުންގެ އަތުގައި ބަޑި ގެންގުޅުން ހުއްދަ އެމެރިކާގައި ބަޑީގެ ހަމަލާތަކުގައި ދޭތެރެދޭތެރެއިން މީހުން މަރުވުމަކީ އާންމު ކަމެކެވެ.