15 Dec 2012, 09:19
ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށް ވާ ވިދްޔާ ބާލަން، އިއްޔެ އޭނާގެ ހަޔާތުގެ ބައިވެރިޔާ ސިދާރްތު ރާއޭ ކަޕޫރާ ކައިވެނިކޮށްފިއެވެ.
މި ކައިވެނީގެ ރަސްމުތައް ކުރިޔަށް ގެންގޮސްފައިވަނީ ތަމަޅަ އަދި ޕަންޖާބީ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ވިދްޔާ ބާލަން އަކީ ކެރެލާގެ ޕާލައްކާޑުގެ ތަމަޅަ އާއިލާއަކަށް އުފަން ތަރިއެކެވެ. ސިދާރްތު ރާއޭ ކަޕޫރު ނިސްބަތް ވަނީ ޕަންޖާބީ އާއިލާއަކަށެވެ.
ވިދްޔާ ބާލަންއާ ކައިވެނިކުރި ސިދާރްތު ރާއޭ ކަޕޫރަކީ އިންޑިޔާގައި ފިލްމާއި ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރުމުގައި މަޝްހޫރު ކުންފުންޏެއް ކަމަށް ވާ ޔޫޓީވީ މޯޝަން ޕިކްޗަރޒްގެ ސީއީއޯއެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި ކައިވެނީގެ ތައްޔާރީތައް ފެށިފައިވަނީ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ނެށުމުގެ ހަފްލާއިންނެވެ. ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު އޮތީ ހީނާ އެޅުމުގެ ރަސްމެވެ.
ވިދްޔާގެ ކައިވެނީގެ ވަލީމާ ބޮންބޭގައި ބާއްވައިފައި ވީ ނަމަވެސް ޗެންނާއީގައި ވެސް ވަލީމާއެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބެއެވެ.
އުމުރުން 34 އަހަރުގެ ވިދްޔާ ބާލަން މިހާތަނަށް އެތަކެއް ހިންދީ، ބެންގާލީ، ތަމަޅަ، އަދި މަލަޔާޅަމް ފިލްމުތަކުގައި ހަރަކާތްތެރިވެފައި ވާ އިރު، އެތައް އެވޯޑެއް ވެސް ވަނީ ހާސިލްކޮށްފައެވެ. ކައިވެންޏަށް ފަހު ވެސް ފިލްމީ ދާއިރާއާ ދުރަށް ދާން ގަސްތުކޮށްފައި ނުވާ ކަމަށް ވިދްޔާ ވަނީ ބުނެފައެވެ.