15 Dec 2012, 00:20
އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ދެކުނުފަރާތު އަތިރިމަތީގައި ތުއްތު ކުއްޖަކު ވަޅުލާފައި އޮއްވައި މިރޭ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އުފަންވި ގޮތަށް ވަޅުލާފައި އޮތް އެ ކުއްޖާ އޮތީ މަރުވެފައި ކަމަށެވެ. އަދި އެ ކުއްޖާ އަކީ ފިރިހެން ކުއްޖެއް ކަމަށާއި އެއީ ގާތްގަނޑަކަށް، ބަނޑަށް ފަސް މަހުގައި ވިހާފައި ނޫނީ އެބޯޓް ކޮށްފައިވާ ކުއްޖެއް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިޑިއާ އޮފިޝަލް ވިދާޅުވީ އެކަން ފުލުހުންނަށް އެނގުނީ، މަރަދޫ އަތިރިމައްޗަށް ސައިކަލެއްގައި ދިޔަ މީހަކު ސައިކަލު މަޑި ދަށުން އެއްޗެއް ނަގައި ވަޅުލި މަންޒަރު ބަޔަކަށް ފެނިގެން މިރޭ 9:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދަށް ގޮސް އެ ކުއްޖާ ނެގުމަށް ފަހު ވަގުތުން މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.