ކައިވެނިން ބޭރުން އަންހެނަކާ ގުޅުމެއް ބޭއްވި ކަމަށް އިއުތިރާފު ވެވަޑައިގެން، ސިންގަޕޫރު ޕާލަމެންޓްގެ ސުޕީކަރު މައިކަލް ޕާމާ މިދިޔަ ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ދަރިކަލަކު ލިބިވަޑައިގެންފައިވާ އުމުރުން 44 އަހަރުގެ ޕާމާ ވަނީ އެ މައްސަލައިގާ ޕާލަމެންޓްގެ ސުޕީކަރު ކަމުގެ އިތުރުން މަޖިލިސްގެ މެމްބަރުކަމުންނާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ، ސިންގަޕޫރުގެ ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕާމާ ގުޅުމެއް ބޭއްވެވީ ކޮންސްޓިޓިއުއެންސީ އޮފީހުގައި މަސައްކަތް ކުރި މުވައްޒަފަކާ އެކުގަ އެވެ. އަދި އެމުވައްޒަފު ވެސް ވަނީ އޭނާ ހުރި މަގާމުން އިސްތިއުފާދީފަ އެވެ.

"އަހަރެން މި އިސްތިއުފާ ދިނީ އިތުރަށް ލަދު ގަތުމުން ސަލާމަތް ވުމަށް،" އިސްތިއުފާ ދެއްވުމަށް ފަހު ބޭއްވެވި ނޫސް ކޮންފަރެންސްގައި ޕާމާ ވިދާޅުވި ކަމަށް އައިބީއެން ލައިވް ބުންޏެވެ. އޭނާ އަދި ވިދާޅުވެފައި ވަނީ އޭނާ އަށް ހެއްދެވުނު ބޮޑު ގޯހުގެ ޒިންމާ ފުރިހަމައަށް އުފުއްލަވާ ކަމަށެވެ.

ޕާމާއަކީ ސިންގަޕޫރުގެ ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީގެ އިސް ވެރިންގެ ތެރެއިން މިފަދަ މައްސަލައެއްގައި ، ފަހަކަށް އައިސް އިސްތިއުފާ ދެއްވި ފުރަތަމަ ބޭފުޅާ އެވެ.
ޕާމާ އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ ޕުގޯލް އީސްޓް ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ބާއްވާނެ ތާރީހެއް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސެން ލޫން ނިންމަވާނެ ކަމަށް ބޮޑުވަޒީރުގެ ނައިބު ޓިއޯ ޗީ ހީން ވިދާޅުވިއެވެ.