އަޔަލެންޑްގެ ވެރިރަށް ޑަބްލިންގައި ހުންނަ އެމެރިކަން ކޮލެޖްގެ ޑީން އަކަށް ކުރިން ހުރި ދިވެހި ޒުވާނަކު އެ މަގާމުގައި ހުރި އިރު ކޮލެޖްގެ ކްރެޑިޓްކާޑުން ވައްކަން ކުރި (އަމިއްލަ ކަންތައްތަކަށް ބޭނުންކުރި) ކަމަށް ކުރި ތުހުމަތު އޭނާގެ މައްޗަށް ސާބިތު ވެއްޖެ އެވެ.

އަޔަލެންޑްގެ، ދަ އިންޑިޕެންޑެންޓް ނޫހުން ބުނީ ދިވެހި ރާއްޖެ އަށް އުފަން، އުމުރުން 36 އަހަރުގެ އަލީ ޝިމާޒު ޑަބްލިންގައި ހުންނަ އެމެރިކަން ކޮލެޖްގެ ޑީން އެއްގެ ގޮތުގައި، އެކޮލެޖަށް ބޭރު ގައުމުތަކުގެ ދަރިވަރުން ވެއްދުމުގެ ޒިންމާއާ ހަވާލުވެގެން ހުރި އިރު ކޮލެޖްގެ ކާޑުން ޖުމްލަ 5622 ޔޫރޯ ވައްކަން ކުރިކަން ސާބިތުވެ، އޭނާ 3000 ޔޯރޯ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ނޫހުގައިވާ ގޮތުން 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ކާޑުން ވައްކަން ކުރުމުގެ 11 ކަމެއް އޭނާ ކޮށްފައިވާކަން ޑަބްލިންގެ ސާކިޓް ކްރިމިނަލް ކޯޓަށް ވަނީ ސާބިތުވެފަ އެވެ.
ޝިމާޒުގެ މައްޗަށް މީގެ ކުރިން އެހެން ކުށެއް ސާބިތުވެފައި ނުވާ ކަމަށާއި އޭނާ އެމެރިކަން ކޮލެޖްގެ ކާޑުން ވަގަށް ހަރަދު ކުރި ފައިސާ އެކޮލެޖަށް މިހާރު އަނބުރާ ދައްކާފައިވާ ކަމަށް ނޫހުގައިވެ އެވެ.

ޝިމާޒުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން ދޮޅު ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މައްސަލަ ބެލި ޖަޖު މޭރީ އެލެން ރިންގް އަމުރުކުރެއްވި ކަމަށާއި އޭނާ ވައްކަން ކޮށްފައި ވަނީ އެހާ މޮޅަށް ނޫން ކަމަށް ޖަޖު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އެހެންވެ އޭނާ ކާޑުން ކުރި ވައްކަންތައް އީމެއިލްތަކާއި ކްރެޑިޓްކާޑް ސްޓޭޓްމެންޓްތަކުން ސާފުކޮށް އެނގެން އޮތް ކަމަށް ޖަޖު ވިދާޅުވި ކަމަށް ވެސް ނޫހުގައިވެ އެވެ.

ޖަޖުރި ރިންގް ވަނީ ޝިމާޒަށް ފަހުން ވަޒީފާ ދިން ކޮލެޖަށް ތައުރީފުކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ވަޒީފާ ދޭ އިތުރު ފަރާތްތަކުން އެގޮތަށް ކަންތައް ނުކުރާ ކަމީ ލަދުވެތި ކަމެއް ކަމަށާއި ރިހިބިލިޓޭޓް ވުމަށް ޓަކައި އެފަދަ ފުރުސަތުތައް މުހިއްމު ކަމަށެވެ.

ޝިމާޒު ޖަލަށް ލުމަކީ މުޖުތަމައަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، ޖަޖު ރިންގް ހުކުމް ކުރެއްވީ އޭނާ 3000 ޔޯރޯ ޖޫރިމަނާ ކުރުމަށް ކަމަށާއި އެއީ އޭނާގެ ތަހުގީގަށް ހަރަދުވި ފައިސާގެ ތެރެއިން ކޮންމެވެސް މިންވަރެއް ހޯއްދެވުމުގެ ގޮތުން ކަމަށް ވެސް އިންޑިޕެންޑެންޓް ނޫހުގައިވެ އެވެ.

އަމިއްލަ ކަންތައްތަކަށް ހަރަދު ކުރުމަށް ޝިމާޒު ބޭނުންކުރި (ވައްކަން ކުރި) ކާޑަކީ އޭނާގެ މަގާމުގެ ގޮތުން، ކޮންފަރެންސްތަކާއި ފެއާތަކުގައި ބައިވެރިވުމަށް އެކި ގައުމުތަކަށް ކުރަން ޖެހޭ ދަތުރުތަކަށް ހަރަދުކުރަން ދިން ކާޑެކެވެ. އަދި އޭނާ ކާޑުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވުނީ ކުރި ހަރަދުތަކުގެ ރަސީދު ނުގެނައުމުންނެވެ.

އަދި ޝައްކުވުމުން އޭނާގެ އީމެއިލް އެކައުންޓްތައް ތަހުގީގުކުރުމުން ކޮލެޖްގެ މަސައްކަތާ ނުގުޅޭ ދަތުރުތަކަކަށް ރިޒަވޭޝަން ހަދާފައިވާކަން އެނގުނެވެ. އެގޮތުން ރިޒަވޭޝަންތައް ހަދާފައި ވަނީ އޭނާގެ އަންހެނުންނަށާއި އޭނާ އަށް ކަމާއި، އޭނާއާ އެކު ގުޅުމެއް އޮންނަ އަންހެނަކު ހުންނާނީ ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްއަށް ދަތުރުކުރުމަށް ހަރަދުކުރިކަން ވެސް އެނގުނެވެ.

އެ ހާދިސާއާ ގުޅިގެން ކޮލެޖްގެ ވައިސް ޕްރެޒިޑެންޓާއި އެހެން ޑީންއަކާ ބައްދަލުކޮށް، ޝިމާޒު ކުށަށް އިއުތިރާފްވެ، މަގާމުން އިސްތިއުފާ ދިނުމަށާއި ފައިސާ އަނބުރާ ދައްކަން އެއްބަސްވި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތު ވުމާ ހަމަށް ވެސް ފައިސާ ނުދައްކަ އެވެ.

ޝިމާޒު ސެކަންޑްރީ ތައުލީމު ހާސިލުކުރީ ރާއްޖޭން ކަމަށާއި އޭގެ ފަހުން އެމެރިކަން ކޮލެޖްގެ އެކައުންޓްސް އޮފިސަރަކަށް ބަދަލުވުމުގެ ކުރިން 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް އެކޮލެޖްގައި ކިޔެވި ކަމަށް އޭނާގެ މައްސަލަ ތަހުގީގުކުރި ފަރާތާ ހަވާލާދީ ނޫހުގައިވެ އެވެ.