މިއަހަރުގެ 11 މަސްދުވަސް ފާއިތުވެފައިވާއިރު ދައުލަތުން ކުރި ހަރަދު 11.8 ބިލިއަން ރުފިޔާ ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު އާމްކުރާ ދައުލަތުގެ އާމްދަނީއާ ހަރަދުގެ ހިސާބުތަކަށް ބަލާއިރު 11 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް 11.8 ބިލިއަން ރުފިޔާ ހަރަދުކުރަން ޖެހުމުން މިއަހަރުގެ ބަޖެޓް ޑެފިސިޓް މިހާރުވެސް ހުރީ 2.7 ބިލިއަން ރުފިޔާގަ އެވެ. މިއަހަރު ނިމުމަށް މާގިނަ ދުވަސްނެތް އިރު އެ އަދަދު ތިން ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފަ އެވެ.

މިދިޔަ 11 މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ހަރަދު 12 ބިލިއަން ރުފިޔާއާ ގާތްކޮށް ބަޖެޓް ޑެފިސިޓް ތިން ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ފާސްކުރި ދައުލަތުގެ ބަޖެޓަކީ 14 ބިލިއަން ރުފިޔާގެ ބިޔަ އަދި 3.8 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދަށް 8.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އަދި ކެޕިޓަލް ހަރަދުތަކަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ދަރަނި އަދާކުރުމާއި ލޯނު ދޫކުރުމަށް 1.7 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ.

ދައުލަތުން އެންމެ ބޮޑު ހަރަދެއް ހިނގަނީ މުވައްޒަފުންގެ މުސާރައަށެވެ. މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ޖުމްލަ 4.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ދައުލަތުގެ އޮފީސްތައް ހިންގުމުގެ ހަރަދަށް ދައުލަތުން 4.2 ބިލިއަން ރުފިޔާވަނީ ހަރަދުކޮށްފަ އެވެ.

އެންމެ ގިނައިން ހަރަދުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 1.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެން އެންމެ ގިނައިން ހަރަދުކުރި، ހެލްތް މިނިސްޓްރީން 1.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުންވެސް 3.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 103.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހަށް 153.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ނަގާފައިވާ އެކި ލޯނުތައް ދެއްކުމަށްވެސް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ކުރު މުއްދަތުގެ ޑޮމެސްޓިކް ލޯނު އަބުރާދެއްކުމަށް 2.6 މިލިއަން ރުފިޔާ އާއި ދިގުމުއްދަތުގެ ޑޮމެސްޓިކް ލޯން އަބުރާ ދެއްކުމަށް 879.4 މިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނި ހަލާސްކުރުމަށް 804.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 20 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސުންލަފާކުރެ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ރިއަލް ޖީޑީޕީން، 115 ޕަސެންޓާއި ގާތްކުރާ އަދަދެކެވެ. ދެހާސް އަށް ވަނަ އަހަރުގެ ރާއްޖޭގެ ދަރަނި އުޅެނީ 9.8 ބިލިއަން ރުފިޔާގަ އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރަމުންނެވެ. އަންނަ އަހަރަށް ހުށަހެޅި ބަޖެޓްގެ އަދަދަކީ 16.9 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓް 14 ބިލިއަން ރުފިޔާއަށް ކުޑަކުރަން ޖެހޭ ކަމަށް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ބަޖެޓް ބޮޑުވުމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވައިފަ އެވެ.