14 Dec 2012, 11:43
ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އަށް ކުރިމަތިވީ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި މ. ކޮޅުފުށީ ރައްޔިތުންނަށް ސަރުކާރުން ދޭ ދާއިމީ ހިޔާ ތަކުގެ ތަޅުދަނޑި މިދިޔަ ހޯމަ ދުވަހުން ފެށިގެން ގޭގެ ވެރި ފަރާތްތަކާ ހަވާލު ކުރަން ފަށައިފި އެވެ.
ސަރުކާރުން އެމްޓީސީސީ އާ ހަވާލު ކޮށްގެން ކޮޅުފުށީގައި އިމާރާތް ކުރަން ހަމަޖެހިފައި ވަނީ 168 ގެއެވެ.
ކޮޅުފުށީ ކައުންސިލްގެ ރައީސް އީސާ މުމްދޫދު ސަން އަށް ވިދާޅުވީ ކޮޅުފުށީގައި އިމާރާތްކުރާ ގެތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ހަވާލުކުރީ ޖުމްލަ 20ގެ ކަމަށެވެ. އޭނާ ވިދާޅުވީ ވެރިފަރާތާއި، ތަޅުދަނޑި ހަވާލު ކުރި ނަމަވެސް އެ ގެތަކުގައި އަދި ދިރި އުޅެވެން ނެތް ކަމަށެވެ. މުމްދޫދު ފާހަގަ ކުރެއްވި ގޮތުގައި މިފަހަރު ހަވާލުކުރި 20 ގޭގައި އަދިވެސް ވަރަށްގިނަ މަސައްކަތް ތަކެއް ކުރަން އެބަހުރި ކަމަށެވެ. އެމަސައްކަތްތަކުގެ ތެރޭގައި ކުލަ ލުމާއި، ނަރުދަމާ ގުޅައި ދިނުމުގެ އިތުރުން ކަރަންޓުގެ މަސައްކަތްތަށްވެސް އިތުރަށް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިހާރު ތަޅުދަނޑި ހަވާލު ކޮށްފިން. އެކަމަކު ގެތަކުގައި ކިހިނެއް މީހުން އުޅޭނި. ކަރަންޓެއް ނެތް. އަދި އިންޖީނުގެ ވެސް ނުނިމެ. ނަރުދަމާވެސް ހުރީ ނުގުޅާ. ކުލަ ލުމުގެ މަސައްކަތްވެސް އަދި ނުނިމެ. ފެނެއްވެސް އަދި ނެތް. ގެ އެކަނި ކޮންޕްލީޓް ވެފައި އިނީ. ވަރަށް ގިނަ ބަޔަކު މައްސަލަވެސް އެބަ ޖައްސާ. ފަރުނީޗަރެއްވެސް ނެތް،" ދޫކުރި ގެތަކުގެ ހާލަތު ބަޔާން ކޮށްދެމުން މުމްދޫދު ވިދާޅުވި އެވެ.
މުމްދޫދު ވިދާޅުވީ މަސައްކަތް ނުނިމި ބާކީ ހުރި 148 ގޭގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި، ނިމުނުހާ އަވަހަކަށް ވެރިފަރާތާއި ތަޅުދަނޑި ހަވާލުކުރާނެ ކަމަށެެވެ. ސުނާމީ އެރިފަހުން އަށް އަހަރު ފާއިތުވެފައިވާއިރުވެސް އެ ހާދިސާގައި ގެދޮރު ހަލާކުވެ ހާލުގައި ޖެހުނު ބައެއް އާއިލާތައް އަދިވެސް އުޅެނީ ވަގުތީ ހިޔާތަކުގައި ދަތި ހާލުގަ އެވެ.