ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ ސާޅީސް ހަތަރު ވަނަ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2012 ގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗުގައި މިއަދު ހަވީރު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ތިންސެޓު ދެސެޓުން ބަލިކޮށް މުބާރާތުގެ ތަށި ޕޮލިސް ކުލަބު އުފުލާލައިފި އެވެ.

ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ސެޓް 25/15 އިން ގެންދިޔައީ ޕޮލިސް ކުލަބެވެ. އަދި ދެވަނަ ސެޓް 14/25 އިން ތިންވަނަ ސެޓް 19/25 އިން އިމަގު ކާމިޔާބު ކުރުމުން މެޗުގެ ފޯރި އިތުރަށް ގަދަވި އެވެ. ހަމަ އެއާއި އެކު ޕޮލިސް ކުލަބު އިތުރު ފޯރިއާއެކު ކުޅުން ވަރުގަދަ ކޮށް 25/20 ހަތަރު ވަނަ ސެޓު ގެނައުމުން މެޗުގެ ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓު 15/12 އިން ކާމިޔާބުކޮށް ޕޮލިސް ވަނީ މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފަ އެވެ.

މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕޮލިސް ކުލަބު މިއަހަރުގެ ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ހޯދި އިރު މިއީ އެޓީމު މި މުބާރާތުގެ ތަށި ޖެހިޖެހިގެން ހޯދާ ހަވަނަ ފަހަރެވެ.

ފައިނަލު މެޗަށް ފަހު މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަަކަށް ތަށްޓާއި މެޑައްޔާއި ހަނދާނީ ލިޔުން ދިނުން އޮތެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އަބްރަހަމް މިނިމޯލް އެވެ. ފައިނަލް މެޗުގެ ކުއީން އޮފްދަ މެޗް ގެ މަގާމު ވެސް ލިބުނީ މިނިމޯލް އަށެވެ. ބެސްޓު ސާވަރަކަށް ހޮވުނީ ޕޯލް ސްޓާގެ ނަސްރާ އިބްރާހިމް އެވެ. ބެސްޓް ސެޓަރަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ސުހާނާ އަހުމަދު އެވެ. ބެސްޓު ސްޕައިކަރަކަށް ހޮވުނީ އިމަގުގެ ތަރުއާ އަންނިކާ އެވެ. ބެސްޓު ބްލޮކަރަކަށް ޕޮލިސްގެ ލީލާ ހަމީދު ހޮވުނު އިރު ބެސްޓު ލިބަރޯ އަކަށް ހޮވުނީ އެޓީމުގެ މުއީނާ ހަސަން އެވެ. އަދި ބެސްޓު ޑިގަރަކަށް ހޮވުނީ ޕޯލް ސްޓާގެ އެރީކާ އެންޑަސަން އެވެ.

މީގެ އިތުރުން މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިމަގުގެ އައިޝަތު މާޖިދާ ހޯދި އިރު 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ހަމަ އެޓީމުގެ އައިޝަތު ލުބުނާ އެވެ. މުބާރާތުގެ ފެއަޕްލޭ ކުޅުންތެރިޔާގެ މަގާމު ލިބުނީ މުރައިދޫ އެކުވެރިންގެ ރޫހުގެ ފާތިމަތު ސަމާހު އަށެވެ. ޓީމަށް އެންމެ ފައިދާކޮށްދިން ކޯޗަކަށް ހޮވުނީ ޕޮލިސްޓީމުގެ ކޯޗު މުހައްމަދު ނަދީމެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބަށް ތައްޓާއި ރަންމެޑަލްގެ އިތުރުން ހަނދާނީ ލިޔުން ދީފައިވާ އިރު މުބާރާތުގެ ރަނައަޕް އިހަވަންދޫ މަސްވެރިންގެ ގުޅުމަށް ވަނީ ރިހި ރިހިމެޑެއްޔާއި ހަނދާނީ ލިޔުން ދީފަ އެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމް ޕޯލްސްޓާ އަށް ރަންވަންލޯ މެޑެލް ދީފަވާ އިރު މުބާރާތުގެ ފެއަޕުލޭ ޓީމަކަށް ވެސް ހޮވިފައިވަނީ ޕޯލްސްޓާ އެވެ.