13 Dec 2012, 22:23
ސާޅީސް ހަތް ވަނަ ގައުމީ ކުރިކެޓް މުބާރާތުގެ ފައިނަލުގައި މާލޭ ސްޕޯޓްސް ކުލަބާއި ހިންނަވަރު ހިރިޔާ ބައްދަލު ކުރާ މެޗުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިންމާލި އިރު ކުޅެމުން ގެންދަނީ މާލޭ ސްޕޯޓްސް ކުލަބުގެ އިނިންގްސް އެވެ.
ޓޮސް ދިމާވުމުން ހިންނަވަރު ހިރިޔާ ކުޅެން އަރައި ފުރަތަމަ އިނިންގްސް ގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު ހެދިފައި ވަނީ 295 ލަނޑެވެ. މި އިނިންގްސް ގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 79 ލަނޑު ހެދި މިހުސާން ހާމިދާއި 46 ލަނޑު ހެދި އިޝާން އެވެ. މާލޭ ސްޕޯޓްސް ކުލަބުން އަހްމަދު ނީސަމް ވަނީ 14 އޯވަރުގެ ތެރޭގައި 49 ލަނޑަށް ހަތަރު ވިކެޓް ނަގައިފަ އެވެ.
މާލޭ ސްޕޯޓްސް ކުލަބުން ފުރަތަމަ ދުވަހުގެ ކުޅުން ނިންމާލި އިރު ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 27 ލަނޑު ހަދައިފަ އެވެ. ކުޅުން ހުއްޓާލި އިރު އެޓީމުން ކުޅެންތިބީ އަށް ލަނޑު ހެދި މަހުމޫދު ރިޔާޒާއި ނުވަ ލަނޑު ހެދި އަޝާން އެވެ.
މާލޭ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗުގެ ދެވަނަ ދުވަސް (މާދަމާ)ގެ ކުޅުން ފަށާނީ ހެނދުނު 8:30ގަ އެވެ.