ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލުމުގައި ބައިވެރިވުމުގެ ކުށް ދެ ކުއްޖެއްގެ މައްޗަށް ސާބިތު ނުވާކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދައުވާ ލިބުނު ދެ ކުދިން ދައުވާއަށް އިންކާރު ކުރުމުން ދައުވާ ސާބިތު ކުރުމަށް ދައުލަތުން ފަސް މީހަކު ހެކީންގެ ގޮތުގައި ހުށަހެޅި ކަމަށެވެ. އަދި އެ ފަސް މީހުންގެ ހެކިބަސް ނެގި އިރު އެ ދެ ކުދިން ކުރެ ކުއްޖަކު ހާދިސާ ހިނގި ތަނުން ފެނުނުކަން ޔަގީންކޮށް ބުނެދޭން ނޭނގޭ ކަމަށް ހުރިހާ ހެކީން ބުނެފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ކުށް ސާބިތުނުވި އެ ދެ ކުދިންގެ ތެރެއިން އެކަކީ އަންހެން ކުއްޖެއް ކަމަށެވެ. އަދި ހާދިސާ ހިނގި އިރު އެ ކުދިންނަށް 18 އަހަރު ފުރިފައި ނުވި ނަމަވެސް މިހާރު ދެ ކުދިންގެ އުމުރަކީ 19 އަހަރު ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުން އެ ދެ ކުދިންގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މާޗް 17، 2011 ވަނަ ދުވަހުގެ ރޭ ދަންވަރު 3:20 އެހާކަންހާ އިރު އެ ދެ ކުދިން އަލިކިލޭގެ ފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އުޅުނު އުޅުމުގައި އަހުސަން ބަޝީރު އެ ސަރަހައްދުގައި އުޅެނިކޮށް، އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކާ އޭނާއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ. އަދި އޭގެތެރެއިން އެއްކުއްޖަކު އަހުސަން ބަޝީރަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ އިރު، ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދާއިދެ މީހުން ސައިކަލެއްގައި އެތަނަށް ގޮސް އެ ދެ މީހުންގެ ތެރެއިން ޝަހުމް އޭނާ އަށް ތޫނުއެއްޗަކުން ހަމަލާދިނުމަށް ފަހު ފިރިހެން ކުއްޖާއާ އެކު ސައިކަލްގައި ފިލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.

އެ މީހުން ސައިލްގައި އެތަނުން ފިލާފައިވާ އިރު، އެތަނުން ފިލަންވެގެން ފައިވާން އަތަށް ލައިގެން އަންހެންކުއްޖާ ދުވެފައި ދިޔަކަން އެނގެން އޮންނަ ކަމަށާއި އަދި އޭގެ ފަހުން ކާކުކަން އޮޅުވާލުމަށް އެ އަންހެން ކުއްޖާ ބުރުގާ ނަގާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.

ލިބުނު އަނިޔާތަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް އަހުސަން ބަޝީރު މަރުވެފައި ވާތީ ޝަހުމް އާ ޝިމާޒުގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.