ރައްޔިތުންގެ މެދުގައިވާ ޚިޔާލު ތަފާތުވުންތައް ކުޑަކޮށް ސިޔާސީ ކުލަތައް މަދުކޮށް، އަދި ހުރިހާ އަޑުތަކެއްގެ މައްޗަށް ދިވެހި ދިދަ އާއި ދިވެހި ކުލަތައް އުފުއްލަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.

ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ފިކުރީ ތަފާތުތަކަށް ވުރެ ބޮޑަށް ބޭނުންވަނީ، ރަށް ތަރައްގީކޮށް ރައްޔިތުންނަށް ފަސޭހަކަމާ އެކު ދިރިއުޅެވޭނެ ގޮތްތައް ހޯދުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެންމެ ގިނައިން އިވިވަޑައިގަންނަވާ އެއް އަޑަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ނުލިބުމުގެ އަޑު ކަމަށް ވިދާޅުވި އެވެ. ބޯފެނުގެ ޚިދްމަތާއި ނަރުދަމާގެ ޚިދްމަތާއި ބަނދަރު ހެދުން ފަދަ އަސާސީ ޚިދްމަތްތަކަކީ، ރައްޔިތުންނަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ޚިދްމަތްތަކެއް ކަމަށްވީ ނަމަވެސް އަދި އެއީ ރައްޔިތުންނަށް ލިބިދޭން ޖެހޭ ޙައްޤުތަކެއް ކަމަށްވީ ނަމަވެސް، މިހާތަނަށް އައިއިރުވެސް، ގިނަ ރަށްރަށުގައި މި ޚިދްމަތްތައް ގަވާއިދުން ދޭން ފެށިފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މިކަންކަމަށް ފުދޭވަރެއްގެ ބޮޑު ޚަރަދުތަކެއް ހިނގާ އިރު، މިއީ ކުރަން އެހާ ފަސޭހަ ކަންތައްތަކެއް ނޫން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދްމަތްތައް، ބަޖެޓް ވެސް ތަންދިން މިންވަރަކުން ދެއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޑިމޮކްރަސީ ގެންނަނީ ރައްޔިތުން ބޭނުންވާ އަސާސީ ކަންކަމުން، އެމީހުން މަޙްރޫމް ކުރުވުމަށް ނޫން ކަމަށާއި ޑިމޮކްރަސީގެ ބޭނުމަކީ، ތަރައްޤީ ގެނައުން ކަމުގައި ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަރައްގީއާނުލައި އޮތީ ކޮން ޑިމޮކްރަސީއެއްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވި އެވެ.

ދެއްވަދުއަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ދެއްވަދޫ ބަނދަރުގެ މަސައްކަތް މިހާރު ފެށިފައި ވުމާ އެކު، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި، އެ މަސައްކަތް މުޅިން ނިމޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ދެއްވަދޫގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ވެސް، އަންނަ އަހަރު ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާމ ވިދާޅުވި އެވެ. މީގެއިތުރުން ވެސް، ކުރެވެންހުރި އެހެން ކަންކަން، ބަޖެޓް ތަންދިން މިންވަރަކުން ކުރައްވަމުން ގެންދަވާނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓްގައި އެންމެބޮޑު ސަމާލުކަމެއް ދެއްވާފައިވަނީ، ތަޢުލީމަށާއި ޞިއްޙަތަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.