މީދޫ ކޯޕަރޭޓިވް ކޮމިއުނިއަން (އެމްސީސީ) އިންތިޒާމު ކޮށްގެން އައްޑޫ ސިޓީގެ މީދޫގައި ކުރިއަށް ގެންދިޔަ އެމްސީސީ ވޮލީބޯލް ޓޯނަމަންޓް 2012ގެ ޗެމްޕިއަންކަން މީދޫ ޓީމު ހޯދައިފި އެވެ.

އިއްޔެ ހަވީރު މީދޫ އިޖްތިމާއީ މަރުކަޒުގައި ކުޅުނު ފައިނަލު މެޗުގައި މީދޫ ޓީމު ޗެމްޕިއަކަން ހޯދީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހުޅުދޫ ޔޫތު ފައުންޑޭޝަން (އެޗްވައިއެފް) ސީދާ ތިން ސެޓުން ބަލި ކޮށްގެން ނެވެ. ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލު މެޗުގެ ސެޓްތައް މީދޫ ޓީމު ގެންދިޔައީ 19-25، 22-25 އަދި 14-25 އިން ނެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރި ޔާގެ މަގާމަށް ހޮވުނީ މީދޫ ޓީމުގެ އިސްމާއީލް ސާޖިދު އެވެ. މީގެ އިތުރުން ސާޖިދު އަށް ވަނީ މުބާރާތުގެ ބެސްޓު ސްޕައިކަރު އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފަ އެވެ. މުބާރާތުގެ ބެސްޓު ސެޓަރަކަށް ހޮވުނީ މީދޫ ޓީމުގެ އިބްރާހިމް ޖަމާލު އެވެ. ބެސްޓު ސާވާ އަކަށް ހޮވުނީ މީދޫ ޓީމުގެ އަހްމަދު އަނިލް ނަސީރު އެވެ. ބެސްޓް ރިސީވާ އަކަށް މީދޫ ޓީމުގެ އަޝްފާގު އާދަމް ހޮވިފައިވާ އިރު ބެސްޓު ބޮލޮކަރަކަށް ހޮވުނީ އެޓީމުގެ މުހައްމަދު ޔާސީން އެވެ.

މުބާރާތުގެ ބެސްޓު ޑިގާ އަކަށް ހޮވުނީ އެޗްވައިއެފްގެ ހަސަން ސޮލާހު އެވެ. އަދި ފެއާ ޕްލޭ ކުޅުން ތެރިޔާގެ މަގާމު އެޗްވައިއެފްގެ އަލީ ވިފާގަށް ލިބުނު އިރު މުބާރާތުގެ އެންމެ ހަގު ކުޅުންތެރިއަކަށް ހޮވުނީ މުލިމަތި ޔުނައިޓެޑްގެ އަސްލަމް އަލީ އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ މީދޫ ޓީމުގެ ކޯޗު ހުސައިން ސާޖިދު އެވެ. މީގެ އިތުރުން މުބާރާތުގެ ތިން ވަނަ މަގާމު ލިބުނު ޝަންގްރިއްލާ ޔުނައިޓެޑަށް ވަނީ މުބާރާތުގެ ފެއާޕްލޭ ޓީމްގެ މަގާމު ވެސް ލިބިފަ އެވެ.

ރާއްޖޭގެ މަޝްހޫރު ވޮލީބޯޅާ ކުޅުންތެރިން ބަވެރިކޮށްގެން ކުޅުނު މި މުބާރާތުގެ ޗެމްޕިއަން މީދޫ ޓީމަށް ގޯލްޑް މެޑަލްގެ އިތުރުން 20،000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ. އަދި މުބާރަތުގެ ރަނައަޕް ހުޅުދޫ ޔޫތު ފައުންޑޭޝަން އަށް ސިލްވާ މެޑަލްގެ އިތުރުން 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.