ޕްރޮސެކިއިޓާ ޖެނެރަލް އަހުމަދު މުއިއްޒާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލާގައި ޕީޖީ އޮފީހުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެއޮފީހުން ބުނެފި އެވެ.

ޮްޕްރޮސެކިޓާ ޖެނެރަލް އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ޕްރޮސެކިއުޓާ ޖެނަރަލް ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވަން އެކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ޕްރޮސެކިއުޓާ ޖެނަރަލް ގާނޫނުގެ ދަށުން ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި ގާނޫނާއި އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަަތެއް ކަމުގައިވާ އިރު އެ އޮފީހުގެ ފަރާތުން ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ހިނގާފައިވާ ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ގަބޫލްކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއްވާ ނަމަ އެފަދަ ކަންތައްތައް ބަލައި ތަހުގީގު ކުރުމަށް ފަހު ކަންހިނގައި ދިޔަ ގޮތް ރަނގަޅަށް ސާފުކޮށް އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ޕީޖީ އޮފީހުގެ އޮޑިޓާ ގުޅިގެން ބެލުމަށް މަޖިލީހުން ނިންމާފައިވާ ކަންތައްތައް ބެލުމަށް އެއޮފީހުން މަގުފަހިކޮށްދިނުމުގެ ގޮތުން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށް ޕީޖީ އޮފީހުގެ ނޫސް ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ކޮމެޓީން ދިރާސާ ކުރި އިރު ގާނޫނު އަސާސީގެ ދެ މާއްދާއަކާ ޕީޖީ ހިލާފުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް މާލިއްޔަތު ކޮމެޓީގެ ރިޕޯޓް އިއްވަވަމުން ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި ޕީޖީ ހިލާފުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ޕީޖީ އޮފީހާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސްއާ ގުޅިގެން އީ-ކްރައިމް ކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންގެ ޝަރަފުގައި އޮތް ފަރިއްކޮޅަށް ހަރަދުކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 15: 8 (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންމެ އެކަށީގެންވާ ފަރާތެއް ހޯދަން އާންމުކޮށް އިއުލާން ނުކުރައްވައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ އޭސީސީ އަށް ފޮނުވަން ނިންމާފައިވާ ކަމަށް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޕީޖީ އޮފީހަށް އެންގުމަށް ވެސް މާލީއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.