ބައްތިރީސް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގައި ގުޑީސް ސްޕޯޓްސް ކުލަބް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއްވަނައިގައި އިތުރަށް ވަރުގަދަ ކޮށްފި އެވެ.

އިއްޔެ ހަވީރު ވިކްޓަރީ ސްޕޯޓްސް ކުލަބާ ވާދަކޮށް ކުޅުނު ފޯރިގަދަ މެޗު ގުޑީސް ކާމިޔަބު ކުރީ 52 ޕޮއިންޓު 51 ޕޮއިންޓުންނެވެ. އިއްޔެގެ މެޗުގައި ގުޑީސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 23 ޕޮއިންޓު ހޯދައިގެން މުޅި މެޗުގައި ވެސް އެންމެ ގިނަ ޕޮއިންޓު ހޯދި ފާތިމަތު ރިޝްމާ އެވެ. ވިކްޓަރީ އަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ އެ ޓީމަށް 20 ޕޮއިންޓު ހޯދައިދިން ނަޝްފާ އާމިރު އެވެ. މެޗުގެ މޮޅު ކުޅުން ތެރިޔާގެ މަގާމަށް ހޮވުނީ ވިކްޓަރީ އަށް 15 ޕޮއިންޓު ހޯދައިދީ އަދި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޝިޒުނާ ރަޝީދު އެވެ.

މުބާރަތުގައި މިހާތަނަށް ހަތަރު މެޗު ކުޅެވުނު އިރު ނުވަ ޕޮއިންޓާ އެކު ތާވަލުގެ ކުރީގައި އޮތީ ގުޑީސް އެވެ. ހަތަރު ޕޮއިންޓާ އެކު ޓީ-ރެކްސް ދެވަނައިގައި އޮތް އިރު އެއްވެސް މެޗަކުން މޮޅުނުވެ ތިން ޕޮއިންޓާ އެކު ވިކްޓާރީ އޮތީ ތާވަލުގެ ފުލުގަ އެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ މާދަމާ ހަވީރު އެވެ. ގުޑީސް އާއި ވިކްޓަރީ ބައްދަލު ކުރާ މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:15 ގަ އެވެ.