އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ޓީ-ރެކްސް އާއި ޕޮލިސް ކުލަބު ރޭ ކުޅުނު ފޯރިގަދަ މެޗު ޓީ-ރެކްސް އިން ކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭކުޅުނު މެޗު ޓީ-ރެކްސް އިން ކާމިޔާބު ކޮށްފައި ވަނީ 86 ޕޮއިންޓު 76 ޕޮއިންޓުން ނެވެ. ރޭގެ މެޗުގައި ޓީ-ރެކްސް ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދީ އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އެޓީމުގެ އެކަސޮމީ ކްރިސްޓޮފާ އެވެ. އޭނާ ވަނީ ޖުމުލަ 26 ޕޮއިންޓު ހޯދާފަ އެވެ.

ޕޮލިސް ކުލަބަށް އެންމެ ގިނަ ޕޮއިންޓް ނަގައި ދިނީ މުޅި މެޗުގައި ވެސް އެންމެ ގިނަ ޕޮއިންޓު ހޯދި ބޯޔަން ޕޮޕޮވިޗް އެވެ. ރޭގެ މެޗުގައި އޭނާ ވަނީ ޕޮލިސް ކުލަބަށް 42 ޕޮއިންޓު ހޯދައި ދީފަ އެވެ.

ގައުމީ ލީގުގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ރޭގެ މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާ އެކު ޖުމުލަ 10 ޕޮއިންޓު ހޯދައިގެ ޓީ-ރެކްސް މިހާރު އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. 12 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި އޮތީ ރެޑްލައިން ކުލަބެވެ. އަށް ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގައި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް އޮތް އިރު 6 ޕޮއިންޓާ އެކު ހަރިކޭން އޮތީ ފަސް ވަނައިގަ އެވެ. އަދި ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ފުލުގައި އޮތީ ކުލަބު އީގަލްސް އެވެ.

މިރޭވެސް މި މުބާރާތިގެ މެޗެއް ކުޅެން ވަނީ ހަމަ ޖެހިފަ އެވެ. މި މެޗުގައި ބައްދަލު ކުރާނީ ރެޑްލައިން ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ. މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާ އިރު އެވެ.