މީހުން މެރިކަމުގެ ދައުވާ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އާބިސިތު ވަޖަޖީވާގެ މައްޗަށް އުފުލައިފި އެވެ.

އާބިސިތާއި އޭނާގެ ނައިބު ސުތޭޕް ތައުގްސްބާންއާ ދެ ބޭފުޅުންގެ މައްޗަށް ބެންކޮކްގެ ޑިޕާޓްމެންޓް އޮފް ސްޕެޝަލް އިންވެސްޓިގޭޝަން( ޑީއެސްއައި)ގައި ރަސްމީކޮށް ދައުވާ އުފުލީ މީގެ ދެ އަހަރު ކުރިން އެގައުމުގައި ކުރި ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގެ ތެރޭގައި މީހުން މަރުވި މައްސަލައިގާ ކަމަށް އެ ދެ ބޭފުޅުން ނިސްބަތްވާ ޑިމޮކްރޭޓް ޕާޓީއާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.

ތައިލެންޑްގައި ފަހަކަށް އައިސް ހިނގި އެންމެ ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގައި ހިނގި ކަމަކާ ގުޅިގެން އެގައުމުގެ އޭރުގެ ސަރުކާރުގެ އިސްފަރާތަކާ ދެކޮޅަށް ދައުވާއެއް ކުރި މިއީ ފުރަތަމަ ފަހަރެކެވެ.

މުޒާހަރާތަކުގައި މަރުވި މީހެއްގެ މައްސަލައިގާ ޑީއެސް އައި އަށް ވަޑައިގެންނެވި އިރު މުޒާހަރާގައި މަރުވި މީހުންގެ ފޮޓޯތައް ހިފައިގެން އެމީހުންގެ އާއިލާތަކުގެ މެމްބަރުން ތިބި ކަމަށާއި އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް އޮތީ ވަރަށް ވަރުގަދަކޮށްފައި ކަމަށް ވެސް އަލްޖަޒީރާ ބުންޏެވެ.

ތައިލެންޑްގައި އޭރު ކުރި މުޒާހަރާތަކުގައި 90 މީހުން މަރުވެ 1900 މީހުން ޒަހަމްވި އެވެ.
ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ދައުވާ އުފުލި އިރު އޭރު މުޒާހަރާ ކުރަމުން ދިޔަ ތައިލެންޑްގެ އިދިކޮޅު ރެޑް ޝާޓްސް ހަރަކާތުގެ އިސް 24 ބޭފުޅަކާ މެދު ކުރާ ޓެރިޒަމްގެ ދައުވާ އޮތީ ލަސްވެފަ އެވެ. އެ 14 ބޭފުޅުންގެ ތެރޭގައި ތައިލެންޑްގެ ޕާލަމެންޓްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ އިރު އެ ދައުވާ ލަސްވީ ހެކިން ކޯޓަށް ހާޒިރު ނުވެގެންނެވެ.