އެސްޓީއޯގެ 1600 ގަނޑު ޓިނު ހިފައިގެން ތިލަފުށިން މާލެ އަންނަނިކޮށް "ހައްދުންމަތި" ދޯނި ބަންޑުން ޖަހައިލުމުގެ ސަބަބުން ލިބުނު މާލީ ގެއްލުން ދެ ލައްކަ ރުފިޔާއަށް ވުރެ ބޮޑު ކަމަށް އެދޯނީގެ ވެރިފަރާތުން ބުނެފި އެވެ.


ދޯނީގެ ވެރިޔާ މުހައްމަދު ހިލްމީ މިރޭ ބުނީ، ސިފައިންގެ އެހީތެރިކަމާއެކު ރޭ އިރާކޮޅު ކެރޭނެއް ބޭނުންކޮށްގެން މާލޭ ޓީޖެޓީއަށް ދޯނި ވައްދާފައިވާ ކަމަށެވެ. އަދި މާދަމާ ކަފުޖަހައިން ތިލަފުއްޓަށް ދޯނި ގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ ބަންޑުން ޖަހައިލުމުގެ ސަބަބުން ދޯންޏަށް ލިބުނު ގެއްލުންތައް ދެ ލައްކަ ރުފިޔާއަށްވުރެ މަތި ކަމަށެވެ.


"ދޯނީގެ ބަނޑުފިލާ ފަޅައިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ގާތްގަނޑަކަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ދޯނި އަލުން ހަދަން" ހިލްމީ ބުންޏެވެ.  


ތ. މަޑިފުށީ ބަޔަކު ދުއްވާ މި ދޯނި ޓީ ޖެޓީއާ ދިމާލުން ކަނޑިންމަ ކައިރިއަށް ބަންޑުން ޖެހިއިރު، އޭގައި ހުރި އެސްޓީއޯގެ 1600 ގަނޑަށްވުރެ ގިނަ ޓިނު ވަނީ މޫދު އަޑިއަށްގޮސްފަ އެވެ. ހިލްމީ ބުނިގޮތުގައި، ގާތްގަނޑަކަށް ހަ ލައްކައެއްހާ ރުފިޔާގެ އަގުހުރި ޓިނުތައް އަދިވެސް ހުރީ މޫދު އަޑީގަ އެވެ.


"ޓިނުތައްވީ އަދިވެސް މޫދު އަޑީގައި. އެ ނެގުމުގެ މަސައްކަތް އެއްވެސް ބަޔަކު ނުކުރޭ. އެ ޓިނުތަކަށް އަޅުގަނޑުމެން ޒިންމާވާކަށް ނުޖެހޭ. އޭގެ ވެރިފަރާތުން އެއާ ހަވާލުވާނީ"


"ހައްދުންމަތި" ދޯންޏަކީ ކޮންޓްރެކްޓް އުސޫލުން އެސްޓީއޯ އަށް ތިލަފުށިން މުދާ އުފުލައިދޭ ދޯންޏެކެވެ. ދިގުމިނުގައި ޖުމްލަ 63 ފޫޓު ހުރި "ހައްދުންމަތި" ދޯނި ބަންޑުން ޖަހައިލީ، އާ ހާބަރުން މާލެ ވަންނަން އުޅެނިކޮށް ބާރު ސްޕީޑުގައި އައި ލޯންޗެއް ހުރަސްކުރުމުގެ ތެރޭގައި އުފެދުނު ބާނީގެ ސަބަބުންނެވެ.