13 Mar 2010, 10:32
އަކަފޫޓް ހަމަނުވާ ގޯތިތައް ވޭތުވެދިޔަ އަށް އަހަރު ތެރޭ ގާނޫނާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ވިދާޅުވެއްޖެ އެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ 2002 އަހަރުން ފެށިގެން އަމަލް ކުރަމުން އަންނަ ބިމާ ބެހޭ ގާނޫނު ބުނާ ގޮތުން 600 އަކަފޫޓް ހަމަނުވާ ގޯތި ރަޖިސްޓްރީކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި އެ ގާނޫނަށް ހިލާފަށް މާލެ މުނިސިޕަލްޓީން އަމަލް ކުރަމުންދާ ކަމަށް ފެންމަތިވީ 600 އަކަފޫޓަށް ވުރެ ކުދި ގޯތި ރަޖިސްޓްރީ ކުރުމަށް ފަހަކަށް އައިސް ހުށަހަޅަމުން ދާތީ އެ ކަންތައް ގާނޫނުގައި އޮތް ގޮތެއް ބެލުމަށްޓަކައި ކުރި މަސައްކަތުން ކަމަށެވެ. އަދި މީގެ ކުރިންވެސް އެ ގާނޫނާ ހިލާފަށް، ވެރިއެއްގެ ނުފޫޒުން ކަންތައްތައް ކޮށްފައިވާ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ. ނަމަވެސް މިހާރު އެގޮތަށް އެ ކަންތައް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިމާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަންތައްތައް ފުރިހަމައަށް ބެލުމެއް ނެތި، 600 އަކަފޫޓް ހަމަނުވާ ގޯތި މީސްމީހުންނަށް ރަޖިސްޓްރީކޮށްދިނުމަށް ނުވަތަ އެ ގެތައް އެގޮތަށް ބެހުމަށް ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.