13 Dec 2012, 15:55
ގއ. ދެއްވަދޫގައި މިހާރު ދިރިއުޅޭ ނ. ހޮޅުދޫ ނޫވިލާގޭ އުމުރުން ދޮޅުއަހަރުގެ އައިމިނަތް މީޝާ ޝާފިއު ގިފިއްޔަށް ވެއްޓި ސީރިއަސް އަނިޔާތަކެއްވެގެން އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ދޮޅު އަހަރުގެ މީޝާގެ މަންމަ އައިޝްތު ސިލްމާ މިއަދު ސަން އޮންލައިނަށް ބުނީ އޭނާގެ ދަރިފުޅު ވެއްޓި އަނިޔާވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެގޮތަށް ދިމާވީ ދަރިފުޅަށް ކާންދިނުމަށް ފަހު ތުންދޮވުމަށް ގިފިއްޔަށް ގެންގޮސްފައި ހުއްޓައި ވެއްޓި ތަނެއްގައި ބޯޖެހިގެން ކަމަށެވެ. އަދި ބުނީ މިހާރު އެ ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ސިކުޑީގެ އެއްބަޔަށް ލޭއަރާފައިވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.
"ތުން ދޮވުމަށް ފަހު އަޅުގަނޑު ހިނގާގަތީ ކޮޓަރިއާ ދިމާލަށް އޭރު ދަރިފުޅު ވެސް ފަހަތުންއައި ދެން ކުއްލިއަކަށް އިވުނީބާރު އަޑެއް އިވިގެން ބަލާލި އިރު ދަރިފުޅު އޮތީ ވެއްޓިފައި، އެވަގުތު ވެސް ހެއެއްނެތް" ފެން ކަޅިވެހުރެ މީޝާގެ މަންމަ ކިޔައިދިނެވެ.
އަދި ބުނީ އެވަގުތު ދަރިފުޅުގެ ބޮލަށް އައިސްއަޅައި ވަގުތުން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އަދި ސިއްހީ މަރުކަޒުގެ އެންގުމުގެމަތިން އެ ދުވަހު ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އެ ހޮސްޕިޓަލުން މާލެ ދިއުމަށް ބުނުމުން މިދިޔަ ހުކުރު ދުވަހު މާލެ އައިސްފައިވާ ކަމަށެވެ. އަދި ބުނީ މިހާރު މީޝާ އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށާއި ދަރިފުޅުގެ ސިކުޑީގެ އެއްބަޔަށް ލޭއަރާފައި ވާތީ ވަގުތުން ބޭރަށް ދިއުމަށް ހޮސްޕިޓަލުން އަންގާފައިވީ ނަމަވެސް އެހީނުލިބިގެން އަދި އެކަންނުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ތަންތަނަށް ސިޓި ލައިފިން ނަމަވެސް އަދިވެސް އެހީއެއް ހަމައެއްނުޖެހޭ،" ބައްޕަގެ އެހީއާއި ނުލާ ދެ ދަރިން ބަލަމުންދާ އަދި މިހާރު ދެއްވަދޫގައި މީހަކަ އިނދެގެން ދިރިއުޅެން ފަށާފައިވާ ސިލްމާ ބުންޏެވެ.
-----------------
އެހީދެއްވުމަށް ގުޅުއްވާނީ 7715658