ދ. ކުޑަހުވަދޫގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރިކޮށް އެ ރަށު ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ) މަރާލުމުގައި ބައިވެރިވުމުގެ ކުށުން ދެ ކުއްޖަކު ކުށްވެރިވެއްޖެ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ ކުދިން ތަހުގީގުގައި ވެސް އަދި ޝަރީއަތުގައި ވެސް ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުދިންގެ ނަން ހާމަކުރުމަށް ކޯޓުން ވަނީ އިއުތިރާޒުކޮށްފަ އެވެ.

އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވި އިރު ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ދައުލަތުން ކުރި ދައުވާ އަށް އެ ކުއްޖާ އިންކާރު ކޮށްފައިވާ އިރު ތަހުގީގުގައި ވެސް އެ ކުއްޖާ ކުށަށް އިންކާރުކޮށްފައިވާ ކަމަށެވެ. އޭނާ ދައުވާ އަށް އިންކާރު ކުރުމުން ހެކި ހުށަހަޅަން ދައުލަތަށް ފުރުސަތު ދިނުމުން ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ކޯޓުން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު އައްޔުބެ މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރި ކުއްޖާގެ އުމުރަކީ 17 އަހަރު ކަމަށާއި ނަމަވެސް މިހާރު އޭނަ އަށް 18 އަހަރު ފުރިފައިވާ ކަމަށެވެ. އަދި އައްޔުބޭ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް 17 އަހަރު ފުރިފައިވާ އިރު އަނެއް ކުއްޖާ އަށް 17 އަހަރު ފުރޭނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އައްޔުބޭގެ 10 ވާރިސުންގެ ތެރެއިން ނުވަ ވާރިސެއްގެ ބަޔާން ނެގުމުން އެ މީހުން ބުނެފައި ވަނީ ދައުވާ ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ ބާލިޣުވެ ތަސައްރަފު ނުފުރޭތީ އައްޔުބޭގެ ވާރިސުންގެ ތެރެއިން އެކެއްގެ ބަޔާން ނުނެގޭ ކަމަށެވެ. އޭނާގެ އުމުރަކީ ދިހަ އަހަރެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އައްޔުބޭ މަރާލުމުގައި ބައިވެރިވުމުގެ ކުށް އެ ދެ ކުދިންގެ މައްޗަށް ސާބިތުވެފައިވާ އިރު އެ ކުށަށް އިސްލާމީ ޝަރީއަރުގައި ކަނޑައެޅިފައިވާ އަދަބަކީ މަރުގެ އަދަބު ކަމަށެވެ. އަދި އެ ކުށަކީ އައްޔުބޭގެ ވާރިސުންގެ މައްޗަށް ހައްގުތަކެއް އެކުލެވިފައިވާ ކުށެއް ކަމަށް ވެސް ޖުވެނައިލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.

އެ ކުށަކީ ވާރިސުންގެ މައްޗަށް ހައްގުތަކެއް އެކުލެވޭ ކުށަކަށްވާ އިރު އައްޔުބޭގެ ވާރިސުންގެ ތެރެއިން އެކަކީ ތަސައްރަފް ފުދި އަދި ރުޝްތު ލިބިފައި ނުވާ، އޭނާގެ ހައްގުގައި އެއްޗެއް ބުނުމުގެ އަހުލިއްޔަތު ލިބިފައިވާ އުމުރުގެ ކުއްޖަކަށް ނުވާތީ، އޭނާ ތަސައްރަފް ފުދި ބާލިޣުވެ ބޮޑުވަންދެން އޭނާގެ ހައްގާ މެދު ގޮތެއް ނުނިންމައި މަޑު ކުރަން ޖެހޭ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައިވެ އެވެ. އަދި އެ ކުއްޖާ ތަސައްރަފް ފުދި ބާލިޣުވެ ބޮޑުވަންދެން އެ ދެ ކުދިން ޖަލުގައި ބޭތިއްބުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

މީގެ އިތުރުން އެ ކުއްޖާ ތަސައްރަފް ފުދި ބޮޑުވެ ބާލިޣުވުމުން ވާރިސެއްގެ ހައިސިއްޔަތުން އެކުއްޖާގެ ފަރުދީ ހައްގާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި އަލުން އެ ދައުވާ ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.

".....ޖިނާއީ ކޯޓުގެ ދެ ގަޒިއްޔާ އަކާއި ޖުވެނައިލް ކޯޓުން ވެސް ކުރިން ނިމިފައިވާ ގަޒިއްޔާއެއްގައި ގާއިމްކޮށްފައިވާ ޖަޖް މޭކްސް ލޯ މި ޕްރިސީޑެންޓްގެ ދަށުން މަރަށް މަރު ނުވަތަ ގިސޯސް ނުހިފާ ހާލަތުގައި އުމުރަށް ޖަލަށް ލުމުގެ އުސޫލަށް ރިއާޔަތްކޮށް އަލީ ހަސަންގެ ވާރިސުން ކުރެ ވާރިސްގެ ބަސް ނުލިބޭ ކުއްޖާ ތަސައްރަފް ފުދި ބޮޑުވެ ބާލިޣުވުމުން ވާރިސެއްގެ ހައިސިއްޔަތުން އޭނާގެ ފަރުދީ ހައްގާމެދު ގޮތެއް ކަނޑައެޅެންދެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ދެ ކުދިން ޖަލަށް ލުމަށް ހުކުމް ކޮށް، އަލީ ހަސަންގެ ވާރިސުގެ ބަސް ނުނެގޭ ކުއްޖާ ތަސައްރަފް ފުދި ބޮޑުވެ ބާލިޣުވުމުން ވާރިސެއްގެ ހައިސިއްޔަތުން އޭނާގެ ފަރުދީ ހައްގާ މެދު ގޮތެއް ކަނޑައެޅުމަށް ޓަކައި އަލުން މި ދައުވާ ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށް ކަނޑައަޅައި ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ޖުވެނައިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެ ތިން ކުދިންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ އެ ތިން ކުދިން އިތުރު ބަޔަކާ އެކު އައްޔުބެ މަރާލަން ރާވައި މި އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާ އިރު ކުޑަހުވަދޫ މިސްކިތްމަގުން އައްޔުބޭ ހިނގާފައި ދަނިކޮށް، އޭގެ ތެރެއިން ދެ ކުއްޖަކު އިތުރު ބަޔަކާ އެކު އައްޔުބެއަށް ފާރަލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ކުއްޖަކު އިތުރު ބަޔަކާ އެކު އެމަގަށް ގޮސް އައްޔުބެއަށް ވަޅިން ހަމަލާދީ އެ މަގުގައި ހުންނަ ހުދުއަލި ކިޔާ ފަޅުގޯއްޗަކަށް ވައްދައި އައްޔުބެގެ ގައިގެ އެކިތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ކޮށް އައްޔުބޭ މަރާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެ އެވެ.

އައްޔުބޭ މަރާލުމަށް ފަހު އޭނާ މަރާލުމަށް ބޭނުންކުރި އާލާތްތައް ދައުވާ ލިބޭ އެއް ކުއްޖަކާއި އިތުރު ބަޔަކު ގެންގޮސް ދައުވާ ލިބޭ ދެ ކުއްޖަކާއި އިތުރު ކުދިންތަކަކާ ހަވާލު ކުރުމުން އެ އެންމެން ގޮސް ބައެއް ވަޅި މޫދަށް އުކާލައި އިތުރު ވަޅިއެއް އެ ރަށު ތުނޑީގައި ވަޅުލާފައިވާ އިރު އައްޔުބޭ މަރާލުމަށް ބޭނުންކުރި އަންގިތަކާއި މާސްކްތަކާއި އަދި އެމީހުން ލައިގެން ތިބި އަންނައުނު ތުނޑީގައި އަލިފާން ކަނޑެއް ރޯކޮށް އަންދާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައިވެއެވެ.