13 Dec 2012, 14:18
އިނގިރޭސި ލީގުކަޕުގެ ކުއާޓާ ފައިނަލުގައި ދެ ވަނަ ޑިވިޒަންގެ ޓީމެއް ކަމަށަވާ ބްރެޑްފޯޑް އަތުން ޕެނަލްޓީ ޖަހައިގެން ދޭއް ތިނަކުން އާސެނަލް ބަލިވުމާ ގުޅިގެން ޓީމުގެ ވަފާތެރި ފޭނުން ދަނީ އާސެނަލްގެ ފަރަންސޭސި ކޯޗު އާސީން ވެންގާ އަށް ނުރުހުން ފާޅު ކުރަމުން ނެވެ.
އަންގާރަ ދުވަހުގެ ރޭ ބްރެޑްފޯޑް ސިޓީގެ ދަ ވެލީ ޕެރޭޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރެޑްފޯޑް ކުރި ހޯދާފައި ވަނިކޮށް އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 88 ވަނަ މިނިޓުގައ ތޯމަސް ވަމައެލަން ކާމިޔާބު ކޮށްދިން ލަނޑުން ނެވެ. އަދި މެޗުގެ ފުރިހަ ވަގުތު ހަމަވި އިރު ނަތީޖާ ހަމަހަމަ ވުމުން 15 މިނިޓުގެ އިތުރު ދެ ހާފް ކުޅުވައިގެން ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން ކުރި ހޯދީ ބްރެޑްފޯޑް އެވެ.
މެޗަށް ފަހު ވެންގާ ބުނީ "120 މިނިޓު ވަންދެން މޮޅުވާން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަހަރުމެން ކުރިން. އަދި ބްރެޑްފޯޑް މޮޅުވުމުން އެމީހުންނަށް މަރުހަބާ ކިޔަން ޖެހޭ" ކަމަށެވެ.
ބްރެޑްފޯޑާ ދެކޮޅަށް ވަރުގަދަ ޓީމެއް ނެރެ ބަލިވި ޓީމުގެ ކޯޗު އިތުރަށް ބުނީ މެޗުން ބަލިވުމުން ކުޅުންތެރިން ލަދު ގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. "ލަދުގަންނަން ޖެހޭނީ މަސައްކަތެއް ނުކޮށް ބަލިވި ނަމަ. އޭގެ ބަދަލުގައި ކުޅުންތެރިން ތިބޭނީ ހިތާމައާއި ހިތްހަމަ ނުޖެހުމެއްގައި." ވެންގާ ބުންޏެވެ.
އާސެނަލްއިން މިފަހަކަށް އައިސް ފެންނަ ދަށް ކުޅުމުގެ ސަބަބުން އާސެނަލް ސަޕޯޓާސް ޓްރަސްޓު (އޭއެސްޓީ)ގެ ފަރާތުން ސަތޭކަ ވަރަކަށް ސަޕޯޓަރުން ބުދަ ދުވަހު ވަނީ ކުލަބުގެެ ޗީފް އެގްޒެކެޓިވް އީވާން ގަޒިޑިސް އާއި ބައްދަލު ކޮށް މިކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
އޭއެސްޓީގެ ފަރާތުން ވާހަކަ ދެއްކި ޓިމް ޕޭޓަން ބުންޏެވެ.
"ހަރަދު ކުރަން ބައިވަރު ލާރި އެބަހުރި. އިވާން އާއި އޭނާގެ ފައިނޭންސް ޑައިރެކްޓަރު ދިން މެސެޖަކީ އެއީ،" އޭނާ ބުންޏެވެ. "އަހަރެން ހާއްސަކޮށް ފައިނޭންސް ޑައިރެކްޓަރާއި މިވާހަކަ ދެއްކިން. އަދި އެމީހުން ބުނީ ކޯޗަށް ފެންނަ ރަނގަޅު ކުޅުންތެރިން ފާހަގަކޮށްފައި ބުނުމުން އެކުޅުން ތެރިން ހޯދުމަށް ހަރަދުކުރަން ގިނަ އަދަދެއްގެ ފައިސާ އެބަހުރި." ޕޭޓަން އިތުރަށް ކިޔައި ދިނެވެ.
އާސެނަލްގެ ކުޅުމުގެ ފެންވަރު ދަށްވުމާއި ސްކޮޑް ހީނަރުވަމުން ދިއުމުގެ ސަބަބުން ގިނަ ފޭނުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އަދި އެމީހުން ބުނަމުން ދަނީ ކުޅުންތެރިން ހޯދަން ޚަރަދު ކުރާނޭ ފައިސާ ހުރި އިރު އެ ފައިސާ ބޭނުން ކުރަން ވެންގާ ފަސްޖެހެނީ ކީއްވެތޯ ބަލަން ބޭނުން ކަމަށެވެ.
އަދި ބައެއް ފޭނުން އާސީން ވެންގާ އާސެނަލް ދޫކޮށް ދާންވީ ވަގުތު ނުޖެހޭތޯ ވެސް ސުވާލު އުފައްދަ އެވެ. އަދި އޭއެސްޓީ އިން ދެކެނީ ވެންގާއަށް އަދި ވަގުތު ދޭން ޖެހޭ ކަމަށެވެ.
"ވަރަށް ގިނަ މީހުން އެބަ އަހާ އަދިވެސް ވެންގާ ދާކަށް ނުވޭހޭ" ޕޭޓަން ބުންޏެވެ. "ވެންގާ އެބަޖެހޭ ބަދަލުތަކެއް ގެންނެސް ޓީމް ވަރުގަދަ ކުރަން. ހަރަދު ކުރަންހުރި ލާރި ބޭނުން ކޮށްގެން ރަނގަޅު ސެޓަޕް އެއް ގާއިމް ކުރަން. ދެން ނުކުންނަ ނަތީޖާ އަށް ބަލާފައި ގޮތެއް ނިންމަންވީ" އޭއެސްޓީގެ ތަރުޖަމާނު އިތުރަށް ކިޔައި ދިނެވެ.
ކެޕިޓަލް ވަން ކަޕުން އާސެނަލް ކަޓާފައި ވާއިރު އެޓީމު އޮތީ އިނގިރޭސި ލީގު ތާވާލުގެ ހަތް ވަނައިގަ އެވެ. އެނގޭހާވެސް ކަމަކީ ޓީމުގެ ފޭނުންނަށް އޮތީ ޖެނުއަރީ ޓްރާންސްފާ ނިމެންދެން ވެންގާ ކަންތައް ކުރާނޭ ގޮތެއް ބަލަން ތިބުމެވެ.