ބިމާއި ބެހޭ ގާނޫނާ ހިލާފަށް ގދ. ތިނަދޫއިން 161 ގޯތި އެރަށުގެ ބަޔަކަށް އެ ކައުންސިލުން ގޯތި ދޫކޮށްފައިވާ މައްސަލައާ ގުޅިގެން ޝަރީއަތުން ގޮތެއް ނިންމުމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)ން އެމައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

އެސީސީން ބުނީ ތިނަދޫއިން 2010 ވަނަ އަހަރު ގޯތި ދޫކުރުމުގައި ކޮރަޕްޝަނަށް މަގު ފަހިވާފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅުނު މައްސަލައެއް އެކޮމިޝަނުން ތަހުގީގުކޮށް ބެލިއިރު ތިނަދޫ ކައުންސިލުން ގޯތި ދޫކުރުމުގައި ފޯމް ހުށަހެޅި ހުރިހާ ފަރާތްތަަކަކަށް ހަމަހަމަކަމާއި އިންސާފުވެެރިކަމާ އެކު އެއް އުސޫލަކުން އަމަލުކޮށްފައިނުވާކަން ސާބިތުވާ ކަމަށާއި މިބުރުގައި ދޫކޮށްފައިވާ 161 ގޯއްޗަކީ އިންސާފުވެރިކަމާ އެކު ދޫކޮށްފައިވާ ގޯތިތަކެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

ތިނަދޫއިން 2010 ގައި އިޢުލާނާ ކުރި ގޯތިތައް ދޫކޮށްފައި ވަނީ 2011 ވަނަ އަހަރު އެވެ.

އޭސީސީން ބުނީ ގޯއްޗަށް އެދޭ ފޯމް ތިނަދޫ އޮފީހުން ދޫކޮށްފައިވާއިރު އެފޯމްގައި ހިމަނަންޖެހޭ ގިނަ މައުލޫމާތުތަކެއް ހިމަނާފައިނުވާ ކަމަށާއި ގޯއްޗަށް އެދި ހުށަހަޅެމުމަށްޓަކައި ތިނަދޫ އޮފީހުން ދޫކުރި ފޯމުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ ވެސް ކޮބައިކަން ބަޔާންކޮށްފައިނުވާ ކަމަށެވެ.

ގޯއްޗަށް އެދޭ ފަރާތްތަކަށް ގޯތި ދޫކުރުމުގައި މާކްސް ދިނުމުގައި ބަލަންޖެހޭ މައުލޫމާތުތަކާއި ލިޔެކިޔުންތައް ގޯއްޗަށް އެދޭ ފޯމާ އެކު ހުށަހަޅަންޖެހޭ ކަމަށް އެފޯމްގައި ހިމަނާފައިނުވާ ކަމަށާއި ހުށަހެޅި ގިނަ ފޯމްތަކުގައި މާކްސް ދިނުމަށް ބޭނުންވާ މައުލޫމާތާއި ލިޔެކިޔުންތައް ހިމަނާފައިނުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ގޯތިތައް ދޫކުރުމުގައި ކަނޑައަޅާފައިވާ އުސޫލަކީ ކައުންސިލުން ފާސްކޮށްފައިވާ އުސޫލެއްކަން އެނގެން ނެތްއިރު މާކްސް ދިނުމުގައި ތަފާތު ދެ މާކްސް ޝީޓެއް ބޭނުންކޮށްގެން މާކްސް ދީފައިވާ ކަމަށާއި ހުށަހަޅާފައިވާ ފޯމްތަކަށް މާކްސްދީފައިވަނީ ކައުންސިލްގެ ހަތް މެމްބަރުންގެ ތެރެއިން ކޮންމެ ވެސް އެއް މެމްބަރު ކަމަށް އޭސީސީން ބުންޏެވެ. އަދި އެ ފޯމްތަކަަށް މާކްސް ދިނުމުގައި ބަލާފައިވަނީ ތަފާތު މިންގަނޑުތަކަށް ކަމަށްވާއިރު އެއް މައުލޫމާތެއް ހުށަހަޅާފައިވާ ދެ ދަރާތަކަށް މާކްސް ދިނުމުގައި ބޮޑެތި ފަރަގުތަކެއް ހުރި ކަމަށް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

ތިނަދޫ ކައުންސިލުން ގޯތި ދޫކުމުގައި އަމަލްކޮށްފައިވާ ގޮތުން ގޯއްޗަށް ޝަރުތުހަމަވާ ފަރާތްތަކަށް ގޯތި ލިބުމުގެ ފުރުސަތު މަހުރޫމްވެފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކަށް ގިނައިން މާކްސް ލިބިގެން ގޯތި ލިބިފައިވާކަން ޝާބިތުވާތީ އާއި ބައެއް ފަރާތްތަކަށް ގޯތި ލިބިފައިވަނީ ކަނޑައެޅިފައިވާ އުސޫލުން މާކްސް ލިބިގެން ކަމުގައިނުވާތީ ގޯއްޗަށް އެދުނު އެތައް ބައެއްގެ ހައްގުތަށް ގެއްލިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.