ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ މައްސަލައާ ގުޅިގެން 14 ދުވަހުުގެ ނޯޓިސް ނާޒިމަށް ރައްޔިތުންގެ މަޖިލީހުން ފޮނުވައިފި އެވެ.

ނާޒިމަށް މަޖިލީހުން ނޯޓިސް ފޮނުވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާތީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ސިއްރު ވޯޓެއް ނުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނިކޮށެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެނަމަ އެހުށަހެޅުމަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަަޒީރުންގެ މަޖިލީހުގެ އެ މެމްބަރަކަށް އެކަން އަންގަންވާނެ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ މެމްބަރަކަށް ލިބިގެންވެ އެވެ.

މިނިސްޓަރު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ވައްދާފައިވާ އިރު އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމަށްއެ މައްސަލަމަޖިލީހަށް ވެއްދީ 17 މެމްބަރުން ސޮއިކުރައްވައިގެންނެވެ.

އެމްޑީޕީން މަޖިލީހަށް އެ މައްސަލަ ވެއްދީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެ އެ ދެ ވުޒާރާގެ މަސައްކަތްތަކުގެ އަސާސީ ސިފަތައް މަސްހުނިކުރައްވާފައިވާތީ އާއި ސަރުކާރު ބައިވެރިވާ މަދަނީ މުއާމަލާތްތައް ޝަރީއަތުން ބޭރުގައި ރޫޅާލުމަށް އަސްކަރީ ނުފޫޒުފޯރުވާފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެ ތުހުމަތުތައް ނާޒިމު ދޮގުކުރައްވަ އެވެ.

އެމްޑީޕީން މީގެ ކުރިން ވަނީ ހޯމް މިނިސްޓަރު ޖަމީލުގެ އިތުރުބާރު ނެތްކަމުގެ މައްސަލައެއްވެސް ހުށައަޅާފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ވަނީ އެމައްސަލަ ނަގައިފަ އެވެ.