ސުޕްރީމް ކޯޓަށް ވައްދާފައިވާ ދެ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އިއްޔެ ސުޕްރީމް ކޯޓުން ނެރުނު ދެ އަމުރެއް ނެރުމުގެ ބާރު އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ފުރަތަމަ އަމުރަކީ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ފާސްކޮށްފައިވާ ނިންމުން ބާތިލް ކުރުމަށް ވެއްދި މައްސަލަ ނިމެންދެން ސިއްރު ވޯޓުގެ އެއްވެސް ކަމެއް މަޖިލީހުގައި ކުރިއަށް ނުގެންދިޔުމުގެ އަމުރެކެވެ. އަދި ސިވިލްސާވިސްގެ ރައީސް މުހަންމަދު ފަހުމީ ހަސަން އެ ކޮމިޝަނުން ވަކި ކުރި މައްސަލަ ވެސް ބަލަމުންދާތީ އެކޮމިޝަންގެ މެންބަރުކަމަށް މީހަކުހޮވުން ފަސްކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުނެރެފަ އެވެ.

ނަޝީދު އޭނާގެ އަމިއްލަ ބުލޮގް "އެމްނަޝީދުޑޮޓްކޮމް"ގައި އިއްޔެ ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 88 މާއްދާގެ ށ.ގައިވާ ގޮތުގެ މަތިން ގާނޫނު އަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު މަޖިލީހުގެ އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.

"އަމުރު ނެރުނު ދެ މައްސަލައިގައި އަޅުގަނޑު ދަންނަވަންއޮތީ، އެ ދެ އަމުރު ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށް. އަދި، ކީއްތޯ. އެ ދެ މައްސަލަ އެކޯޓުން ބަލައިގަތުމުގެ ބާރެއް ވެސް އެ ކޯޓަށް ލިބިގެންނުވޭ. ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ)ގައި، 'މި ޤާނޫނު އަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށް ޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ ކަމަށް' ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވޭ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހެޅޭނެ ކަންތައްތަކާއި ހާލަތްތައް ގާނޫނު އަސީގައި ބަޔާންވެގެންވާ ކަމަށެވެ. އެގޮތުން ރައީސްގެ މަގާމުގައި ހުރި މީހަކު މަޖިލީހުގެ ވޯޓަކުން މަގާމުން ދުރުކުރުމަށް ފާސްކުރި ކުރުމާމެދު ހިޔާލުތަފާތު ވެއްޖެ ނަމަ އެކަމުގައި އެންމެ ފަހުސް ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށާއި އަދި މެންބަރެއްގެ މެންބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅަން ޖެހެނީ ވެސް ސުޕްރީމް ކޯޓުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިއަސް ޤާނޫނު އަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށް އެކަނި ކަމަށް ވެސް ނަޝީދުވަނީ ވިދާޅުވެފަ އެވެ.

"މާނައަކީ، މަޖިލީހަށް ފުރިހަމަ އިމްތިޔާޒް ލިބިދީފައިވާ ދާއިރާގެ ތެރޭގައި މަޖިލީހުން ކުރާ ކަންކަމަކީ، ކޯޓަކަށް ބެލޭނެ ކަންކަމެއް ނޫނޭ. އެއާމެދު ޗެލެންޖުކުރެވޭނެ، އިސްތިޢުނާފުކުރެވޭނެ، އެއާމެދު ތަޢުނުކުރެވޭނެ ކަންކަމެއް ނޫނޭ. މަޖިލީހުގެ ނިންމުމެއް މަޖިލީހުން ބަދަލުނުކުރާހާ ހިނދަކު، އެއީ، އެންމެފަހުގެ ނިމުމެވެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ 88 އަށް ވަނަ މާއްދާގެ 'ށގެ މަގުސަދަކީ މަޖިލީހުގެ ނިންމުންތަކަށް ހުއްޓުމެއް ގެނެވުމަށް ހުރި މަގުތައް ބަންދުކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ މައްސަލަތައް އެފަދަ ގޮތަކަށް ސުޕްރީމް ކޯޓަށް ހުށަހަޅާ މަޖިލީހުގެ މައްޗަށް އަމުރުތައް ނެރުން އާންމުވެއްޖެ ނަމަ ދެން ސުޕްރީމް ކޯޓު ބަދަލުވެގެންދާނީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮތް، ރައްޔިތުންގެ "އިސްތިޢުނާފީ" މަޖިލީހަކަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ)ގެ އެހެން އޮއްވާ ކޮންމެ ނިންމުމެއް ސުޕްރީމް ކޯޓަށް ދާންފަށައިފި ނަމަ، އެފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ރޫހާއި އަދި ގާނޫނު އަސާސީގެ ތަސައްވުރު ކަމަށް ގަބޫލު ކުރެވޭނެ ހަމަ އެއްވެސް އަދި ގޮތެއް ވެސް ނެތެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.