13 Dec 2012, 12:02
ވިކިލީކްސްއޭ ބުނީމާ ގިނަ ބަޔަކަށް އިނގެ އެވެ. އެއީ ދުނިޔޭގެ ބޮޑެތި ގައުމުތައް، ހާއްސަކޮށް އެމެރިކާ އިން ބަދަލުކުރާ ސިއްރު އެތައް މައުލޫމާތެއް ފަޅާއަރުވާލުމުގެ ސަބަބުން ލިބުނު މަޝްހޫރު ކަމެކެވެ.
ނަމަވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ އޮންލައިން އޯގަނައިޒޭޝަނެއްގެ ގޮތުގައި މީހުންގެ ހަމްދަރުދީ ލިބިގެން އޮތް ވިކިލީކްސް މިހާރު ވަނީ މުޅިން އެހެން ދިމާއަކަށް މިސްރާބު ޖަހައިފަ އެވެ.
އިކުއެޑޯ އެމްބަސީން ހިމާޔަތް ހޯދައިގެން މިހާރު ހުރި، ވިކިލީކްސްގެ ވެރިޔާ ޖޫލިއަން އަސާންޖް މިހާރު ވަނީ "ވިކިލީކްސް ޕާޓީ" އުފައްދައި، އަންނަ އަހަރު އޮސްޓްރޭލިއާގައި އޮންނަ ފެޑެރަލް އިންތިހާބުގައި ވާދަކޮށް، ސެނެޓްގެ ގޮނޑިއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
އޮސްޓްރޭލިއާގެ ފެއާ ފެކްސް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އަސާންޖް ބުނެފައި ވަނީ އޭނާ އުފައްދާ ޕާޓީ ހިންގައިދީ، އެ ޕާޓީގެ ޓިކެޓްގައި ސެނެޓަށް ވާދަކުރުމަށް އޮސްޓްރޭލިއާ ރައްޔިތުންގެ ތާއީދު ލިބިވަޑައިގެން ތިއްބެވި އެތައް ބޭފުޅުންނެއް ތައްޔާރަށް އެބަ ތިއްބެވި ކަމަށެވެ. އަދި އޭނާގެ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޕްލޭން މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އަސާންޖް މިހެން ބުނި ނަމަވެސް، އޭނާ މިހާރު ހުރި، އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯ އެމްބަސީން އޭނާ އަށް ނުކުމެވޭނެ ދުވަހެއް އަދި ނޭނގުމަކީ އޭނާ އެބުނާ ސިޔާސީ މަސައްކަތްތަކަށް އޮތް ހުރަހެކެވެ.
ސްވިޑުން އަށް ނުވަތަ އެމެރިކާ އަށް ފޮނުވާލަން އުޅޭތީ އެކަމުން ސަލާމަތް ވުމަށް އިކުއެޑޯ އެމްބަސީ އަށް ވަދެ އެތާ އޭނާ ހުންނަތާ މިހާރު ހަ މަސް ވެއްޖެ އެވެ.
ނަމަވެސް އަސާންޖް ބުނަނީ އެއީ ވަރަށް ކުޑަ ކުޑަ ހުރަހެއް ކަމަށެވެ. އެއީ ވިކިލީކްސްއާ ދެކޮޅަށް އެމެރިކާ އިން ކުރަމުންދާ ތަހުގީގު ހުއްޓާލުން އެއީ ނުވެ ނުދާނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރާތީ އެވެ.
"މީޑިއާ އޯގަނައިޒޭޝަނަކަށް އިހާނެތިކޮށްހިތުމާ ދެކޮޅަށް، ސިޔާސީ އިދިކޮޅު ހަރަކާތެއް އުފެއްދުމުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ހިންގަމުންދާ ތަހުގީގު އެމީހުން ހުއްޓާލުމަށް މަގުފަހިވާނެ،" ފެއާ ފެކްސް އަށް ދިން އިންޓަވިއުގައި އަސާންޖް ބުނެފައިވެ އެވެ.
އޮސްޓްރޭލިއާގެ ސެނެޓަށް ވާދަކުރާނީ ކޮން ދާއިރާއަކުންކަން ކަނޑައަޅާނީ އޭނާ ނިންމާ ސްޓްރެޓެޖިކް ނިންމުމަކުން ކަމަށް އަސާންޖް ބުނެ އެވެ.
އަސާންޖް އުފައްދަން މަސައްކަތް ކުރާ ޕާޓީގެ މަސައްކަތް އޭނާގެ ބައްޕަ ގެންދަނީ އޮސްޓްރޭލިއާގައި ކުރަމުންނެވެ. އެގޮތުން އެ ޕާޓީގެ އާއްމު ގަވައިދު މިހާރު ވަނީ ޑްރާފްޓްކޮށް ގާނޫނީ ގޮތުން ރިވިއުކުރުމަށް ހުށައަޅައިފަ އެވެ.
އޮސްޓްރޭލިއާގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، އެ ގައުމުގެ އިލެކްޓޯރަލް ރޯލްގައި ރަޖިސްޓްރީކޮށްފައިވާ 500 މީހުންގެ ސޮއި އިލެކްޝަން ކޮމިޝަނަށް ހުށައަޅަން ޖެހެ އެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ވެސް ވިކިލީކްސްގެ ސިޔާސަތަކަށް ވާނީ އެ ޖަމާއަތް އުފެދިގެން އައި އިރު އޮތް ސިޔާސަތެވެ. އެއީ ސީޔާސީ ދާއީރާ އާއި ސަރުކާރުގައި ހާމަކަން ބޮޑުކުރުމެވެ.