މޫސުން ތަން ނުދީގެން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތީން ފަސްކުރި "ގަންނާނެއްބާ ސަރުކާރު" މުޒާހާރާ މިރޭ ބާއްވާ ގޮތަށް ހަމަޖެއްސުމަށް ފަހު މާދަމާރެއަށް މުޒާހަރާ އަނެއްކާ ވެސް ފަސްކޮށްފި އެވެ.


މިރޭ މުޒާހަރާ ބާއްވާނެ ކަމަށް އިއުލާނުކޮށްފައި ވަނިކޮށް ކުއްލިއަކަށް މޫސުމް ގޯސްވެ ވާރޭ ވެހެން ފެށުމުން މާދަމާރޭ މުޒާހަރާ ބާއްވަން ނިންމިއިރު ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވެސް ވަނީ މާދަމާރޭ ޑީއާރްޕީގެ މުޒާހަރާއެއް ބާއްވަވާނެ ކަމަށް އިއުލާނު ކުރައްވައިފަ އެވެ. މޫސުން ރަނގަޅަށް އޮވެ މުޒާހަރާ ބޭއްވިއްޖެނަމަ މާދަމާރޭ ވެގެންދާނީ ޑީއާރްޕީގެ ލީޑަޝިޕްގެ ދެ މުޒާހަރާ އެކީގައި ބޭއްވޭ ރެއަކަށެވެ.


ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް އަހުމަދު އިސް ނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ "ގަންނާނެއްބާ ސަރުކާރު" މުޒާހަރާއާ ބެހޭ ގޮތުން އުމަރު ނަސީރު ދެންމެ ވިދާޅުވީ "ހާލަތު ނިޔާކުރި ގޮތުން އަނެއްކާ ވެސް މާދަމާރެއަށް ފަސްކުރަންޖެހުނީ" ކަމަށެވެ.


އަދި ވިދާޅުވީ މާދަމާރޭ މުޒާހަރާ ބޭއްވޭ ގޮތް ނުވެއްޖެނަމަ ދެން މުޒާހަރާ ބާއްވަން އިއުލާނުކުރާނީ މުސޫމް މުޅިން އަލިވެ، ސާފުވުމުން ކަމަށެވެ.


 ވަކި ކަމެއް ނުކުރުމަށް އަންގާފައި ވަނިކޮށް އެކަމެއް ކުރައްވާފައިވާ ކަމަށް ބުނެ ޑީއާރްޕީގެ ކައުންސިލުން ޑިސިޕްލިނަރީ ކޮމެޓީ އަށް މައްސަލަ ފޮނުވައިވާ އުމަރު ވިދާޅުވީ މާދަމާ ރޭވެސް މުޒާހަރާ ކުރިޔަށް ގެންދަން ރާވާފައި ވަނީ އާޓިފިޝަލް ބީޗުގައި ވީޓީވީން ލައިވްކުރާ ގޮތަށް ކަމަށާއި ނުބޭއްވި ފަސްވަމުން ދިޔަ ނަމަވެސް މުޒާހަރާގެ ފޯރިކުޑަވިޔަ ނުދޭނެ ކަމަށެވެ.  


އެންމެ ބޮޑު އިދިކޮޅު ޕާޓީ ލީޑަރުންތަކެއް ގުޅިވަޑައިގެން ބާއްވަން ނިންމައި މިހާނަތަނަށް ވެސް ނުބޭއްވި އޮތް މި މުޒާހަރާގެ ސަބަބުން ޕާޓީ ތެރޭގައި ވަނީ ބައިބައިވުންތަކެއް އުފެދިފަ އެވެ. މިއީ މޫސުމް ގޯސްވެ ވާރޭވެހޭތީ މި މުޒާހަރާ ފަސްކުރި ފަސް ވަނަ ފަހަރެވެ.