13 Dec 2012, 11:53
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުން އިންޑިއާގެ ޖީއެމްއާރަށް ދީފައިވާ ގޮތް ބެލުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ތަހުގީގުތައް އަންނަ އަހަރުގެ ފެބުރުއަރީ ހިސާބުގައި ނިންމާލެވޭނެ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ އެއާޕޯޓް ޖީއެމްއާރަށް ދީފައި ވަނީ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެމަތިން ދައުލަތަށް ގެއްލުމެއް ނުވާގޮތަށްތޯ ބެލުމަށް މިހާރު ކުރަމުންދާ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތަށް ފަންނީ އެހީހޯދުމުގެ ގޮތުން އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް މިމަހުން ފެށިގެން ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މަސައްކަތްތައް ދަނީ ވަރަށް ބާރަށް މިހާރު މަސައްކަތްދާގޮތަށް އެއްވެސް ހުއްޓުމެއްނެތި ދާނަމަ ފެބުރުއަރީ މަހުގެ ހިސާބުގައި ނިންމާލެވޭނެ، ނަމަވެސް ފާހަގަކޮށްލަން ބޭނުން ބައެއް ފަރާތްތަކުން ލިބެންޖެހޭ މައުލޫމާތް ލިބުމުގައި ދަތިތަކެއް ހުރޭ" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހޯދަން ޖެހޭ ބައެއް ލިއެކިއުންތަކާއި ބައެއް އެހެން ފަރާތްތަކުން ވެސް ހޯދަން ޖެހޭ ލިއުންތައް ނުލިބޭތީ އެ ތަހުގީގަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
ޖީއެމްއާރުގެ ތަހުގީގު ލަސްވަމުންދާތީ ސަރުކާރުން ވަނީ އޮޑިޓާ ޖެނެރަލާއި އޭސީސީ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ ޖީއެމްއާރުގެ ސަބަބުން ދިވެހި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެއާޕޯޓް ހިނގުމަށް ކޮށްފައިވާ 25 އަހަރު ދުވަހުގެ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ. މިހާރު އެއާޕޯޓް ހިންގަމުން ދަނީ އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިންނެވެ.