13 Dec 2012, 11:15
މާލެއަކީ ކުށް މަދު އަމާން ތަނަކަށް ހެދުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި ހޭޝް އޮއިލް ކަމަށް ޝައްކު ކުރެވޭ ބައި ކިލޯ މަސްތުވާ ތަކެއްޗާއި އެކު ރޭ މާލެއިން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ރޭ 12:00 ހާއިރު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ގުޅިގެން ހިންގި ޚާއްސަ "ޑްރަގް" އޮޕަރޭޝަނެއްގައި އެ ތަކެއްޗާއި އެކު ބަޔަކު ހައްޔަރުކުރީ މ. އޯކިޑް ހައުސްގެ 4 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުސް އޮފީހުން ބުންޏެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބައި ކިލޯ މަސްތުވާ ތަކެއްޗާއި އެކު ރޭގެ ވަގުތެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.