13 Dec 2012, 10:49
ޒުވާން މަސްވެރިން ސިއްހަތަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އެދިވަޑައިގެންފި އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ގއ. ވިލިނގިލީގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ވައްޓަފާޅި އާއި މަސައްކަތަށް އައި ބަދަލާ ގުޅިގެން، ޒުވާން މަސްވެރިން މަސްދޯނީގައި މާކަނޑުގައި އުޅޭ ވަގުތާއި އާއިލާއާ ވަކިން އުޅެން ޖެހޭ ވަގުތު އިތުރުވެފައިވުމާ އެކު، އެފަދަ ބަދަލުތަކެއް އަންނަމުންދާ އިރު، މަސްވެރި ޒުވާނުންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
"ކުރިން ފަތިހު ތެދުވެ، އެންދަމައިގެން މަހަށް ނުކުމެ، އެދުވަހު މަސް ބާނައިގެން ރަށަށް ލެފި ކަމުގައިވިޔަސް، މިއަދު މަސްވެރިން މަހަށް ނުކުމެ، ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަސް މާކަނޑުގައި ގެންދަނީ ހޭދަކުރަމުން." ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއާތުގައި ޒުވާނުންގެ ބައިވެރިވުން ވެސް ދުވަހެއް ދުވަހަށް އިތުރުވަމުންދާ ކަމުގައި ވިދާޅުވަމުން މިހާރު މަހަށް ނުކުންނަ ޒުވާނުންނަކީ ކިޔަވައިގެން އެކަމުގެ ތައުލީމް ލިބިގެން މަހަށް ނުކުންނަ ޒުވާނުންނަށް ވާން ޖެހޭ ކަމަށް ރައީސް ބަޔާންކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ބާނާ މަހުގެ އިލްމު އެނގުމަކީ މަސްވެރިކަން ކުރިއެރުވުމަށް ލިބޭ އިތުރު ބާރަކަށްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތަކީ މިހާރު ހަމައެކަނި ދޮށިއަޅައިގެން މަސްވެރިކަން ކުރުން ނޫން ކަމަށާއި މައިކްރޯ ބައޮލޮޖިސްޓުން ފެށިގެން ގޮސް އެކައުންޓެންޓުންނާއި އަދި މެނެޖީރިއަލް ވަޒީފާތައް ވެސް މަސްވެރިކަމުގެ ސިނާއަތުގައި ތަނަވަސްވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކްއާކަލްޗާގެ ސިނާއަތް ހުޅުވި، ތަރައްގީވެގެންދާ އިރު، މަސް ވިއްސާ އާލާކުރުމާއި މަހަށްޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމާއި އަދި މަސް ޕްރޮސެސް ކުރުމުގެ ދާއިރާގެ ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން ވަރަށްބޮޑަށް ތަރައްގީވެ، އެކަމުން ރާއްޖޭގެ އިގުތިސާދަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން ދަށްވަމުން އައި އައުން މިހާރު ރަނގަޅުވާން ފަށާފައިވާކަމުގެ ނިޝާންތައް، މިއަހަރު ނިމެމުންދާއިރު ފެންނަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގައި، އެކްއާކަލްޗާ ތައާރުފްކޮށް، ސިނާއީ ފެންވަރުގައި މަސް ވިއްސާ އާލާކޮށް، އެކްއާކަލްޗާގެ އުފެއްދުންތައް ގެނައުމަކީ ވެސް ކޮންމެހެން މުހިންމު ކަމެއް، އަދި ރާއްޖޭގެ މަސްވެރިކަން ބެލެހެއްޓުމުގައި، ތިމާވެށްޓާ ރަޙްމަތްތެރި ގޮތަކަށް، އެކަންތައްތައް ކުރުމަކީ، ރާއްޖެއަށް އެންމެ ފައިދާކުރުވަނިވި ގޮތް،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވެ އެވެ.