13 Dec 2012, 10:35
ސާޅީސް ހަތަރު ވަނަ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2012، އަންހެން ޑިވިޒަންގެ ފައިނަލު މެޗުގެ ދެ ވަނަަ ޖާގަ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ހޯދައިފި އެވެ.
އިއްޔެ ހަވީރު އިހަވަންދޫގައި ކުޅުނު ގައުމީ ވޮލީމުބާރާތުގެ އަންހެން ޑިވިޒަންގެ ތިން ވަނަ ސެމީ ފައިނަލުގައި ޕޯލް ސްޓާއާ ވާދަކޮށް އިމަގު މޮޅުވީ ފަހަތުން އަރައި ތިން ސެޓް ދެ ސެޓުން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އިމަގުގެ ޖާޒީ ނަންބަރު 13 ތަރުއާ އެނިކާ އެވެ.
ޕޯލް ސްޓާ ފުރަތަމަ ދެ ސެޓް ގެންގޮސަފައި ވަނީ 25/23 އަދި 25/11 އިން ނެވެ. ތިންވަނަ ސެޓުގައި އިމަގު ކުޅުން ވަރުގަދަކޮށް ވަރަށް ހަމަހަމަކޮށްދިޔަ ސެޓް 24/26 ކާމިޔާބު ކުރީ އިމަގު އެވެ. އަދި ޖެހިގެން އައި ސެޓް ފަސޭހަކަމާ އެކު އިމަގު ކާމިޔާބު ކޮށްފައި ވަނީ 15/25 އިންނެވެ. ދާދި ހަމަހަމަކޮށް ކުޅެމުން ދިޔަ ދެ ޓީމުގެ މެދުގައި ނަތީޖާ ނެރެން ކުޅުނު ފަސްވަނަ ސެޓް 14/16 އިން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ އިމަގު އެވެ. މި މެޗުން ޕޯލް ސްޓާ ބަލިވުމުން އެޓީމަށް ލިބޭނީ މުބާރާތުގެ ތިންވަނަ މަގާމެވެ.
ޕޮލިސް ކުލަބާއި އިހަވަންދޫ މަސްވެރިންގެ ގުޅުން ބައްދަލު ކުރާ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޒަންގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ.