13 Dec 2012, 09:56
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް އިންޑިއާގެ ޖީއެމްއާރާއި މެލޭޝިއާގެ މެލޭޝިއަން އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފެއްދި ކޮންސޯޓިއަމްއާ އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވެފައި އޮތް އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ޖީއެމްއާރުން ނިންމައިފި އެވެ.
އިންޑިއާގެ އިކޮނަމިކް ޓައިމްސް (އީޓީ) އިން ބުނީ ރާއްޖޭގެ އެއާޕޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 800 މިލިޔަން ޑޮލަރު ހޯދުމަށް ދައުވާ ކުރުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ.
ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން ޖީއެމްއާރުގެ އިސް އޮފިޝަލަކު ވިދާޅުވި ކަމަށް އީޓީން އިން ބުނީ ކުރީގެ ސަރުކާރުން އެކުންފުންޏަށް އޮޅުވާލައި މޮޔަ ހައްދާފައިވާ ކަމަށް އިހުސާސް ކުރެވޭ ކަމަށާއި އޭޑީސީއެލް އަކީ ގާނޫނާ ހިލާފު ފީއެއް ކަމުގެ މައުލޫމާތު ނުދީ އޮތް ކަމަށެވެ. އަދި އެއީ ބަދަލު ހޯދަން ދައުވާ ކުރާ އިރު ނަގާނެ ނުކުތާ އެއް ކަމަށް އެ އޮފިޝަލް ވިދާޅުވި ކަމަށް ވެސް ނޫހުގައިވެ އެވެ.
އެއްބަސްވުން އުވާލީ، އެއްބަސްވުން ހެދި އިރު އޭގައި ހިމަނާފައިވާ ގާނޫނާ ހިލާފު ފީއެއްް (އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު)ގެ މައްސަލާގައި ކަމަށާއި އެފީ ހިމެނުމަކީ އޮޅުވާލުމެއް ކަމަށް ދެކޭ ކަމަށާއި އެއީ ގާނޫނާ ހިލާފު ފީއެއްކަން އެކުންފުންޏަށް ނޭނގޭ ކަމަށް ޖީއެމްއާރާ ހަވާލާދީ ނޫހުގައިވެ އެވެ.
"ޖީއެމްއާރުން ހޯދަން މަސައްކަތް ކުރާނެ އަންދާސީ ބަދަލަކީ 800 މިލިޔަން ޑޮލަރަށް ވުރެ މަތީ އަދަދެއްގެ ބަދަލެއް. އަހަރެމެންގެ ލޯޔަރުންނާ މަޝްވަރާކޮށްގެން ގާނޫނީ ސްޓްރެޓެޖީއެއް ކަނޑައަޅާނަން އަދި ތަފާތު މައްސަލަތަކާ ބެހޭ މައުލޫމާތު ސަރުކާރަށް ދޭނަން. އަދި ރަނގަޅު ވަގުތުގައި އެކަށޭނަ އެހީތެރިކަމަށް އެދޭނަން،" ޖީއެމްއާރުގެ ޗީފް ފައިނޭންސް އޮފިސަރު ސިދާރަތު ކަޕޫރު ވިދާޅުވި ކަމަށް އިކޮނޮމިކް ޓައިމްސްގައިވެ އެވެ.
ބަދަލު ހޯދުމަށް ޖީއެމްއާރުން ދައުވާ ކުރާނީ ކޮން ގައުމެއްގެ ކޮން ކޯޓެއްގައި ކަމެއް އަދި ދައުވާ ކުރާނީ ކިހާ އަވަހަކަށް ކަމެއް އެ ކުންފުނިން ބުނެފައެއް ނުވެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ދިނުމަށް ވެފައިވާ އެއްބަސްވުން އުވާލައި އެއާޕޯޓް ހިންގުމާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހަވާލުވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ސަރުކާރުން އެ އެއްބަސްވުން އުވާލީ އެއީ ސޮއިކުރި ދުވަހުން ފެށިގެން ވެސް ބާތިލު އެއްބަސްވުމެއް ކަމަށް ބުނެފަ އެވެ.