13 Dec 2012, 09:19
މާދަމައަކީ، މިއަހަރުގެ ޞަފަރު މަހުގެ އެއްވަނަ ދުވަހެވެ. ޞަފަރުމަހާ ބެހޭގޮތުން ޖާހިލިއްޔަ ޒަމާނުއްސުރެ ފެށިގެން ދެކެވޭ ޚުރާފާތުގެ ވާހަކަތަކެއް އުޅެއެވެ. ޞަފަރުމަހުގެ ބަދުނަސީބުކަމުގެ ވާހަކައަކީ، ރާއްޖޭގައިވެސް ތަންކޮޅެއްކުރިން ކޮންމެވެސް ވަރަކަށް ދެކެވެމުން އައިސްފައިވާ ވާހަކައެކެވެ. ޞަފަރުމަހުގެ ފުރަތަމަ 10 ކަނޑާފައި ނޫނީ ދަތުރެއް ނުފެށުމަށް މުސްކުޅިން ބުނާކަމަށްވެއެވެ. އަދި އެމަހުގެ ތެރޭގައި އާމަސައްކަތެއް ފެށުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބުނެއުޅުނުކަމަށްވެސް ވެއެވެ. އެވާހަކަތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލެވޭތޯ އަޅުގަނޑު ބަލާނަމެވެ.
ހިޖްރީ ތަޤްވީމުގައިވާ ބާރަ މަސްދުވަހުގެ ތެރެއިން މުޙައްރަމް، ރަޖަބް، ޛުލްޤަޢިދާ، ޛުލްޙިއްޖާ މިހަތަރު މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރެއްވި ހަތަރު މަހެވެ. މީގެއިތުރުން ރަމަޟާން މަހަކީ އެމަހުގެ ތެރޭގައި ކީރިތި ޤުރްއާން ބާވައިލައްވަން ފެށްޓެވި މަސް ކަމަށްވާތީ، އެމަހަކީ ޝަރަފުވެރި ބަރަކާތްތެރި މަހެއްކަން އެނގެއެވެ. އަދި އެމަހުގެ ދުވާލުގެ ވަގުތުތަކުގައި ރޯދަހިފުމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ.
މިދެންނެވި ފަސް މަހުގެ އިތުރުން އެހެން އެއްވެސް މަހަކީ، ދީނީ ނަޒަރަކުން ބަލާއިރު އިތުރު މާތްކަމެއް ލިބިގެންވާ މަހެއް ނޫނެވެ. މިހެން ދެންނެވިޔަސް، ރަބީޢުލްއައްވަލް މަހަކީ މިއުންމަތުގެ މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވި މަސްކަމަށްވާތީ، މުސްލިމުންގެ ހިތްތަކުގައި އެމަހަށް ދެވިފައިވާ ޚާއްޞަ ޤަދަރެއް އޮވެއެވެ.
ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުން ޞަފަރުމަސް ދެކެފައިވަނީ ވަރަށް ތަފާތު ގޮތަކަށެވެ. އަދި ތަޤްވީމުގައި ޞަފަރުމަސް ދެވަނައަށް އޮތް ކަމުގައިވިޔަސް، އެމަސް އޮންނަ ތަރުތީބަށްވެސް ބައެއް އަހަރުތަކުގައި އެބައިމީހުން ބަދަލުގެނެސްފައި ހުރެއެވެ. އަދި އެމަހަކީ ސުންޕާ މަހެއްގެ ގޮތުގައި އެބައިމީހުން ޤަބޫލުކުރަމުން ގެންދިޔަ ކަމުގައި ވެއެވެ. އެހެންކަމުން ޞަފަރުމަސްދެކެ ބިރުގަތުމާއި އެމަހުގެ ތެރޭގައި އާކަމެއް ނުފެށުމަކީ އެބައިމީހުން ވަރަށް ބޮޑު އިސްކަމެއް ދެމުން ގެންދިޔަ ކަމެކެވެ. ވަކިން ޚާއްޞަކޮށް ޞަފަރު މަހުގެ އެންމެ ފަހު ބުދަ ދުވަހަކީ، ބަދުނަސީބުކަން މާބޮޑު ދުވަހެއްގެ ގޮތުގައި އެބައިމީހުން ބުނަމުން އައި ދުވަހެކެވެ.
އިސްލާމްދީން އައުމަށްފަހުގައިވެސް މި އިޢްތިޤާދުތައް ޢަރަބީންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހަރުލާފައި ހުއްޓެވެ. އަދި އޭގެސަބަބުން ކީރިތި ޤުރްއާނުގައި ނުވަތަ މާތް ރަސޫލާގެ ސުންނަތުގައި އައިސްފައިނުވާ ބައެއް ކަންތައްތަކުގެ ވާހަކަ ދީނީ ބައެއް ފޮތްފޮތުގައި އައިސްފައި ހުރެއެވެ. އޭގެތެރެއިން އެއްވާހަކައަކީ، ޞަފަރުމަހުގެ އެންމެ ފަހު ބުދަ ދުވަހު ކުރަން އޮންނަ ޚާއްޞަ ސުންނަތް ނަމާދެއްގެ ވާހަކައެވެ. އެހެންނަމަވެސް، މިނަމާދަކީ ކީރިތި ރަސޫލާ ކުރެއްވި ނަމާދެއް ނޫނެވެ. އަދި ކުރަން އެންގެވި ނަމާދެއްވެސް ނޫނެވެ. އަދި އެކަލޭގެފާނުންގެ އަޞްޙާބުންވެސް އަދި މިއުންމަތުގެ ސަލަފުންވެސް ކުރެއްވި ނަމާދެއް ނޫނެވެ.
ޙަޤީޤަތުގައި ޞަފަރުމަހާ ބެހޭގޮތުން ދެކެވޭ ކަމަށް އަޅުގަނޑު ކުރިން އިޝާރާތްކުރި ވާހަކަތަކަކީ، ދީނުގެ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫނެވެ. ޖާހިލިއްޔަ ޒަމާނުއްސުރެ ފެށިގެން އެގޮތްމިގޮތުން މިހާހިސާބަށް އައިސްފައިވާ ބާޠިލް ޚުރާފާތު ތަކެކެވެ. މިފަދަ އަސްލެއްނެތް ދޮގު ވާހަކަތަކާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މާތް ﷲ މިންވަރު ކުރައްވާ ގޮތެއްގެ މަތިން މެނުވީ ގައިންގަޔަށް ބަލި އެރުމެއް ނުވެއެވެ. އަދި ފާލުބެލުމުގެ ގޮތުން ދޫނި އުދުއްސުމެއްވެސް ނުވެއެވެ. އަދި މީހަކު މަރުވާން އުޅޭކަމުގެ ޢަލާމާތެއްގެ ގޮތުން ގޮވާ ދޫންޏެއްވެސް ނުވެއެވެ. އަދި ޞަފަރުމަހުގައި ހިމެނޭ ސުންޕާ ކަމެއްވެސް ނުވެއެވެ."
މުހިންމު ކަމެއް ފެށުމުގެ ކުރިން ފާލުބެލުމުގެ ގޮތުން ދޫންޏެއް އުދުއްސާލުމަކީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބީން ކުރަމުންއައި ކަމެކެވެ. އެގޮތަށް އުދުއްސާލާ ދޫނި އުދުހިފައި ދިޔައީ ކަނާތްފަރާތަށް ކަމަށްވާނަމަ އެކަމަކީ ފައިދާވާނެ ކަމެއް ކަމަށާއި، އެދޫނި އުދުހިފައި ދިޔައީ ވާތްފަރާތަށް ކަމަށްވާނަމަ، އެއީ ގެއްލުންވާނެ ކަމެއް ކަމުގައި އެބައިމީހުން ޤަބޫލުކުރަމުން ދިޔައެވެ. އަދި ހާމަތު ކިޔާ ދޫންޏެއް އައިސް ގޭގެ ފުރާޅުގައި ނުވަތަ އެގޭގެ ގަހެއްގައި އިނދެގެން ގޮވަން ފަށައިފިނަމަ، އެއީ އެގޭގެ މީހަކު ވަރަށް އަވަހަށް މަރުވެދާނެ ކަމުގެ ޢަލާމާތެއް ކަމުގައިވެސް އެމީހުން ބުނެއުޅުނެވެ.
ކީރިތި ރަސޫލާ އަޅުގަނޑުމެންނަށް އަންގަވައި ދެއްވާފައި އެވަނީ، ގައިންގަޔަށް ބަލިނާރާ ވާހަކައެއް ނޫނެވެ. ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުން ފާލުބެލުމަށްޓަކައި ދޫނި ނުއުދުއްސާ ވާހަކައެއްވެސް ނޫނެވެ. އަދި ޞަފަރުމަސް ނާންނަ ވާހަކައެއްވެސް ނޫނެވެ. އިތުރު މާތް ނަބިއްޔާ އަޅުގަނޑުމެންނަށް އަންގަވާފައިއެވަނީ، މިފަދަ އަސްލެއްނެތް ދޮގު ޚުރާފާތުގެ ވާހަކަ އެއްގޮތަކަށްވެސް ޤަބޫލުކޮށްގެން ނުވާނެކަމަށެވެ.
އެއްވެސް މަހަކީ، ނުވަތަ ދުވަހަކީ، ނުވަތަ ވަގުތަކީ، ސުންޕާ ނުވަތަ ބަދުނަސީބު މަހެއް ނުވަތަ ދުވަހެއް ނުވަތަ ވަގުތެއް ނޫނެވެ. ނަމާދު، ރޯދަ، ޙައްޖު، ޢުމްރާ ފަދަ ދީނުގެ ކަންތައްތައް ކުރުމަށް ޝަރްޢުގައި އަންގަވާފައިވާ މަސްމަހާއި، ދުވަސްތަކާއި، ވަގުތުތައް ފިޔަވައި، ކަމެއް ފެށުމަކަށް ނުވަތަ ކުރުމަކަށް ވަކިން ހެޔޮ ދުވަހެއް ނުވަތަ ވަގުތެއް ނޯވެއެވެ. އެކި ކަންތައްތައް ކުރުމަށް ރަނގަޅު ވަގުތެއް ހޯދުމަކީ، ނުވަތަ އިރުވަރު ބެލުމަކީ ދީނުގެ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. އެއީ ބޭރުގެ ޘަޤާފަތްތަކުން މުސްލިމުންގެ ތެރެޔަށް އައިސްފައިވާ ކަމެކެވެ. ކަމެއް ކުރުމަށް ނުވަތަ މަސައްކަތެއް ފެށުމަށް ތައްޔާރުވުމުން، އެކަމެއްގައި މާތް ﷲ ބަރަކާތްލެއްވުން އެދި ދުޢާ ކުރަމުން، އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން އެކަމެއް ފަށަންވީއެވެ.