ހިތްވަރު ބޯޓު މާކަނޑަށް ފެތި ދަތުރުކުރި 10 މީހުން ކަނޑުވި އިރު އެ ބޯޓުގައި ހުރި 11 އަހަރުގެ، ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު ވެސް ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ދިޔައީ ހުށަހެޅެމުންނެވެ. ރޭގަނޑުގެ އަދިރި ކަމުން ހަފަރާތް ބެދިފައިވާ އިރު ކުޑަ ކުޑަ އަމީޒަށް ސަލާމަތްތެރިކަން ދިނީ "ހިތްވަރު ބޯޓު"ގައި މުދާ އުފުލަން ގެންގުޅުނު ކުޑަ ޑިންގީ އެކެވެ. ބޯޓުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި އަމީޒުގެ ބޭބެ، އަބްދުﷲ ނަސްރުގެ އިރުޝާދާ އެކު އަމީޒަށް ވެސް ފުންމާލަން ޖެހުނީ އެ ކުޑަ ޑިންގީ އަށެވެ. އަމީޒުގެ އުމުރުން 11 އަހަރު ނަމަވެސް އޭނާއެކޭ ޑިންގީގައި ތިބި އެހެން މީހުންނެކޭ އެ ހާލަތުގައި ތަފާތެއްނެތެވެ. ބަނޑުހައި ހޫނުކަމާއި ކަރުހިއްކުމުގެ ވޭން އަމީޒު ވެސް ތަހައްމަލް ކުރަންޖެހުނެވެ. އެންމެ ދެތިން ދުވަހަކަށް ނޫނެވެ. ނުވަ ދުވަހުވެސް އެ ކުޑަކުޑަ އަމީޒު ވެސް އުޅެން ޖެހުނީ އެ ހާލުގަ އެވެ.

"ރޮވުނު. ބައެއް ފަހަރު ވަރަށް ބާރަށް ވެސް ރޮން. އެކަމަކު ހިތްވަރު ކުރަނީ. ބޭބެ ބުނޭ ހިތްވަރު ކުރާށޭ. އޭރުން ރަނގަޅުވާނޭ. ވަރަށް ކަރުވެސް ހިއްކި. ފެން ލިބެނީ އެންމެ މަތިގަނޑެއް. އަދި ދުވަހަކު ވެސް މިކަހަލަ ބިރުވެރި ދުވަހެއް ނުދެކެން،" ކުޑަކުޑަ އަމީޒު ކިޔައިދިނެވެ.

އެއީ އޭނާ ކަނޑުމައްޗަށް އެރި ފުރަތަމަ ދުވަހެއް ނޫނެވެ. އަދި ދިގު ދަތުރެއް ވެސް ކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ނަމަވެސް އެފަދަ ނުރައްކާތެރި ހާލަތުގައި ބޭބެ ބުނާ ގޮތް ހެނދުން ނޫންކަމެއް އަމީޒަށް ކުރެވޭކަށް ނެތެވެ. ބަސްއަހައިގެން ޑިންގީގައި މަޑުކުރީ އެވެ. މަންމަ އާއި އާއިލާދޫކޮށް ދެކެމުން ދިޔަ ހުވަފެންތަކާއި ދުރަށް ރޭގަނޑުގެ ކަޅު އަނދިރިކަމުގެ ތެރެއަށް ޑިންގީއާ އެކު ބެހެމުން ދިޔައިރު އަމީޒު ދެއްކީ ނަމޫނާ އެވެ. މީހުންނަށް އެހީތެރިވުމާއި ބޭބެގެ އިރުޝާދުގެ ދަށުން އެންމެންގެ ހިމާޔަތުގައި ކުރެވުނު ކޮންމެ ކަމެއް އޭނާ ދިޔައީ ފަސްޖެހުމެއް ނެތި ކުރަމުންނެވެ.

"ބޭބެ ބުނާގޮތް ހަދަން. ފަލިވެސް ޖަހަން. ބޭބެ މަޑުން އިންނާށޭ ބުންޏަސް ނީންނަން. އަބަދުވެސް ބެލީ މީހުންނަށް އެހީތެރިވެދެވޭތޯ،" އަމީޒު ބުންޏެވެ،

ގްރޭޑް ހަތެއްގައި އަމީޒު ކިޔަވަމުން އަންނަ އިރު އޭނާއަކީ މޫދަށް ފަރިތަ ކުއްޖެކެވެ. ފަތަން ރަނގަޅަށް ދަނެ އެވެ. މޫދަކީ އޭނާއަށް ފަރިތަތަނެކެވެ. ބޭބެއާ އެކު ހިތްވަރު ބޯޓުގައި މާލެ ދަތުރުކޮށްލުމަކީ އޭނާގެ އާންމު އާދައެކެވެ. އެއީ ކޮންމެ ބޮޑު ޗުއްޓީއަކާ ދިމާކޮށް އޭނާ ހޮލިޑޭ ހޭދަކޮށްލާ ގޮތެވެ. ޑިންގީގައި ތިބި އެންމެންނަށް ވުރެ އަމީޒު ކިތަންމެ ހަގަސް ރާއްޖެ އާދެވުމާ ހަމައަށް ކަނޑުމަތީގައި ހޭދަކުރަން ޖެހުނު ކޮންމެ ވަގުތަކާ ވެސް އޭނާ ކުރިމަތިލީ ކެރިގެންނެވެ. ކަރު ހިތްކައިގަނެގެން ވާތާ ވިޔަސް މާގިނަ ލޮނުފެނެއް ވެސް ނުބޮ އެވެ. އެއީ ބޭބެ އެގޮތަށް އިރުޝާދު ދީފައި އޮތީމަ އެވެ. ކެތްކޮށްލައިގެން މަޑުކޮށްލަނީ އެވެ.

"ބޭބެ ބުނޭ މަދުންނޭ ލޮނުފެން ބޯންވާނީ. އެހެންވެ ކިތަންމެ ކަރު ހިއްކިޔަސް މަދުމަދުން މި ފެންބޮނީ. ގިނައިން އެއްގޮތަކަށް ވެސް ލޮނު ނުބޮން. ދޫނެރެގެން ވެސް ބައެއް ފަހަރު ހުންނަން ކަރުހިއްކައިގަނެގެން،" ހޭދަކުރަން ޖެހުނު އުނދަގޫ ވަގުތުތައް ކިޔައިދެމުން އަމީޒު ބުންޏެވެ.

އަމީޒު ކިތަންމެ ކުޑަޔަސް އޭނާއަށް ވެސް ޖެހިފައި އޮތީ އެހެން މީހުންނާ ވެސް ކުރިމަތިވި ކަންތައްތަކާ ކުރިމަތިލާށެވެ. ސިއްހަތަށް ރައްކާތެރި ނޫނަސް ބައެއް ފަހަރު އަރުން ނުދިރުނަސް ހިތާދެކޮޅަށް ގަދަކަމުން ކިތަންމެ އެއްޗެއް ކާންޖެހުނެވެ. ތަޣައްޔަރުވެފައިވާ ފެނާއި ހަލާކުވެފައިވާ މޭވާ އަރުތެރެއިން ދިރުވަން ޖެހެނީ ގަދަކަމުންނެވެ. ކުރިން ތިން އިރު ކައިގެން އުޅުނަސް އަމީޒަށް ޖެހުނީ އެންމެ އިރަކު ކައިގެން އުޅެން ދަސްކުރާށެވެ. އެކަމަކު ޝަކުވާއެއްނެތެވެ.

"އެނގޭ ދެން ގޮތެއް ނެތްކަން. ވަކީލުކޮށްލައިގެން ގަދަކަމުން ބިސް ކޯދުވެސް ކެއިން. އެތެރެއަށް ނުގޮސް ކަރުގަވެސް އަޅައިގަނޭ. މެންދުރުވެއްޖިއްޔާ ކަރުހިއްކާ ވަރުން ކެތްނުވެ. ބޭބެ މަތިގަނޑަށް އަޅާފައި ފެން ދޭނެ. އެވެސް ވަރަށް މަދުން. ބުނާނެ އެންމެންނަށް ވެސް ފެން ބަހަން ޖެހޭނޭ. އެހެން ގޮސް ކާންޖެހުނު ހުރިހާ އެއްޗެވެސް ކޭން،" ދަތި ގޮތަކަށް ނުވަދުވަހު ކަނޑުމަތީގައި ހޭދަކުރި ގޮތުގެ ހާދިސާތައް އޭނާ ސިފަކޮށްދިނެވެ.

އަމީޒުގެ ލޯމަތިން މިއަދުވެސް އެ ހާދިސާތައް ފެންނަ ފަދަ އެވެ. އެއީ އޭނާ އަށް އަވަހަށް ހަނދާން ނައްތާލެވޭނެ ހާދިސާތަކެއް ނޫނެވެ. މަންމަ އާއި ބައްޕަ އަދި އާއިލާއާ ދުރުގައި ކުޑަކުޑަ އަމީޒު ނުވަ ދުވަސް ހޭދަކުރީ ހިތްވަރާ އެކު އެވެ. ދެކެމުން ދިޔަ ހުވަފެންތައް ގާތްގަނޑަކަށް ފެނަށް ވުމާ ގާތްވުމާ ދިޔައިރު ވެސް އުންމީދު ކަނޑައެއްނުލަ އެވެ. ކަށިން ހިތްވަރު ނެރެ ވަކީލު ކުރީ ﷲ އަށެވެ. އަޅުތަކުންގެ އަޑުއެންމެ މޮޅަށް އައްސަވަނީ އެ އިލާހުކަން އަމީޒު ރަނގަޅަށް ދެނެހުއްޓެވެ.

"އެކަން ދިމާވި ފުރަތަމަ ވަގުތުން ފެށިގެން ބޭބެ ބުނި ދުއާކުރާށޭ. އެގޮތުގައި ހުންނާށޭ. ބޭބެގެ އިރުޝާދުގެ މަތިން މައިން ބަފައިންނަށް ވުރެ ވެސް ބޮޑަށް ހަނދާން ކުރީ ﷲ. ދުއާކުރިން ސަލާމަތްވުމަށް އަބަދުވެސް ދުއާކުރިން. އެއީ އޭރުއޮތް ހަމައެކަނި އުންމީދަކީ،" ފެންކަޅިވެ އިނދެ އޭނާ ބުންޏެވެ.

ބެހިގެން ޑިންގީގައި ތިބި އެހެން މީހުންނެކޭ އެއްގޮތަށް އަމީޒު ވެސް މާޔޫސްވެ ކަރުއެލުވާލަން ޖެހޭ ކިތަންމެ ވަގުތެއް އައެވެ. ނަމަވެސް އަދިވެސް ސަލާމަތްވާނޭ ކަމުގެ އުންމީދުގައި އޭނާ މަސައްކަތް ކުރަމުން ދިޔައީ ހިތްވަރާ އެކު އެވެ. ފަލިޖަހަން ޖެހޭ ފަހަރުފަހަރަށް ފަލިޖަހަ އެވެ. ކަނޑަށް ފުންމާލަން ޖެހިއްޖެ ނަމަ އެކަމަށް ވެސް ހުރީ ތައްޔާރަށެވެ. ޑިންގީ ހިމާޔަތްކުރަން ފާރަށް ހުންނަން ޖެހޭ އިރު އެކަން ވެސް ކުރެ އެވެ. އަމީޒު ކިތަންމެ ކުޑަޔަސް ދައްކަދިނީ އިމާން ތެރިކަމެވެ. އެހެން މީހުންނަށް އަޅާލުމާއި އޯގާތެރި ވުމަކީ ފުރަތަމަ ވާޖިބު ކަމުގައި އޭނާ ގަބޫލުކުރެ އެވެ.

"އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބެލީ އެހެން މީހުންނަށް އެހީވުން. އެއަށް ފަހު އެހެން ހުރިހާ ކަމަކަށް އިސްކަން ދިނީ. އޭގެން ކުރިން އެއްވެސް ކަމަކަށް ނުވިސްނަން. ފަހަތަކަށް ނުޖެހެން. ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އަޅުގަނޑުހުރީ ތައްޔާރަށް،" އަމީޒު ބުންޏެވެ.

ބިރުވެރި ކިތަންމެ ވަގުތެއް އޭނާ ތަޖުރިބާ ކުރި އެވެ. އޭނާގެ ލޮލުން ކިތަންމެ ފަހަރަކު ކަރުނަ އޮހުނެވެ. ދެ މީހަކު ލޯ ކުރިމަތީ މަރުވެ އެމީހުން ކަނޑަށް ދޫކޮށްލަން ޖެހުމުން އަމީޒު ހަގީގަތުގައި ވެސް ބިރުގަތެވެ. "އެ ގަޑީގައި ބިރުންގޮސްރޮވުނު، އެއީ ނާމާން ވަގުތެއް" އެ ހިދުކޮޅު އަމީޒު ސިފަކުރަނީ އެހެންނެވެ. ނަމަވެސް އެ ފަހަރު ވެސް ހިތްވަރުއާކޮށްދިނީ ބޭބެ އެވެ. ދިވެހި ދެ އުޅަދެއް އެމީހުންނާ އަޅާނުލައި ދިޔަ ދެ ފަހަރު ވެސް އަމީޒުގެ ހިތް ދިޔައީ ކަރުނައިން ފުރިގެންނެވެ. އެމީހުންނަށްޓަކައި ހިތުގައި ނަފުރަތު އެ ވަގުތުގައި އުފެދުނެވެ.

"މަންމަމެން ވެސް ބުނޭ އެބަޔަކު ކުރިކަމެއް އޮންނާނީ އެބަޔަކަށޭ. އެ ކުރީ ގޯސްކަމެއް. އަހަރުމެން އެވަރަށް ހަޅޭލެވި އިރު އަޅާނުލުން. އެވަގުތު ވަރަށް ރުޅިއައި. އެ މީހުންނަށް އަޑު ނީވުނަސް އެއްޗިހި ކީން. އެކަމަކު މިހާރު އެކަހަލަ ރުޅިވެރިކަމެއް ހިތަކު ނެތް. އެބަޔަކު ކުރިކަމެއް އޮންނާނީ އެބަޔަކަށް. އަޅުގަނޑު ސަލާމަތްވީތީ ޝުކުރުކޮށް ﷲ އަށް ދުއާކުރަނީ،" އަމީޒު ބުންޏެވެ. އެއީ ފަސްދީގޮސްފައިވާ ދުވަސްތަކެކެވެ. އެކަމާ މެދު ވިސްނުމަކުން މިއަދު ފައިދާއެއް ނެތެވެ.

ހަގީގަތުގައި ވެސް އަމީޒަށް ލިބުނު އެއީ ތަޖުރިބާ އެކެވެ. އުންމީދުކޮށް ގަދައަޅައި ކާމިޔާބަށް މަސައްކަތް ކުރާނަމަ އެކަން ހާސިލްވާނެ ކަމަށް އެންމެ 11 އަހަރުގެ އަމީޒު މިއަދު ސާބިތުކޮށްދެ އެވެ. ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ ހިތްވަރާއި މަސައްކަތާއި އަޒުމްކަން އޭނާ ގަބޫލުކުރެ އެވެ. ނުވަ ދުވަހުގެ ތަޖުރިބާ ކިތަންމެ ހިތި ނަމަވެސް އަމީޒު މޫދު ދެކެ ބިރެއްނުގަނަ އެވެ. ސަން އޮންލައިންގެ ނޫސްވެރިންނަށް ދިން އިންޓަވިއު ނިންމާލަމުން އަމީޒު އުދަރެސްއާ ދިމާލަށް އަތްދިއްކޮށްލަމުން ބުނެލީ ކުރުކުރު އެންމެ ޖުމްލަ އެކެވެ. އެ ތުއްތު ހިތުގެ އެންމެ އަޑީގެ ޝުއޫރެވެ. "އަދިވެސް މާލެ ދާނަން، އެއީ ބިރުގަންނަންވީ ކަމެއް ނޫން. އެއީ ލިބުނު ފިލާވަޅެއް ތަޖުރިބާއެއް،"

އެ ހާދިސާ އިން އަމީޒަށް ވަނީ ފުން އަސަރެއް ކޮށްފަ އެވެ. އެ މައުސޫމް ހިތުގައި ވަނީ އެ ހަނދާންތައް ބިންވަޅުނެގިފަ އެވެ. އަބަދަށްޓަކައި ފޮރުވިފަ އެވެ. ރައްކާތެރިކަމާ އެކު އެނބުރި އާއިލާއާ ހަމައަށް އާދެވުނަސް އަމީޒު އާންމު ދިރިއުޅުމަށް އަންނަން ވަގުތު ބޭނުންވާނެ އެވެ. އެ ހަނދާންތަކުން ދުރަށްދާން އެ މައުސޫމް އަމީޒަށް އެހީ ބޭނުންވެ އެވެ.