ސ. ހިތަދޫ ފުރުސަތު ނަމަކަށްކިޔާ ބޯޓެއް މިރޭ އިރުއޮއްސުނު ވަގުތު ލ. ވަޑިނޮޅު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސ. ހިތަދޫ ފުރުސަތު ނަމަކަށް ކިޔާބޯޓެއް ފަރަށް އެރިކަމުގެ މައުލޫމާތް ލިބިފައި ވަނީ މިރޭ 7:20 އެހާކަންހާއިރު ކަމަށާއި އެވަގުތު އެބޯޓްގައި 32 މީހުން ތިބިއިރު އެއިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ކަހަލަ ބޯޓެއް ކަމެއް އެމްއެންޑީއެފް އަކުން ނުބުނެ އެވެ.

"ފުރުޞަތު ބޯޓް ލ. އަތޮޅު ވަޑިނޮޅު ފަރަށް އެރުމާ އެކު ބޯޓްގެ ފަޅުވެރިން ކުރި މަސައްކަތުން ބޯޓް ފުންވެފައިވީ ނަމަވެސް ދިޔަވަމުން ދާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބާ ކްރާފްޓް ލޯންޗް ޑައިވަރުންނާ އެކު އެސަރަހައްދަށްވަނީ ފުރުވާލެވިފައި،" އެމްއެންޑީއެފް އިން ބުންޏެވެ.

އަދި ބުނީ ކޯސްޓްޑްގާޑްގެ ޑައިވަރުން އެ ބޯޓްކައިރިއަށް ގޮސް ބޯޓަށް ލިބިފައިވާ ގެއްލުންބަލައި ބަނޑުފިލާގައި ފިލާޖަހައި ދިޔަ މަނާކޮށްދިނުމުން މިރޭގެ 21:30ގައި ލ. މާމެންދުއަށް ދިޔުމަށް އެބޯޓް ނައްޓާލާފައިވާ ކަމަށެވެ.