(18:00)


މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މާލެއިން 2000 އަށް ވުރެ ގިނަ މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން 4000 އަށް ވުރެ ގިން މީހުން ވޯޓުލާފައި ވަނިކޮށް އިންތިހާބުގެ ވޯޓުލުން ހުއްޓާލައިފި އެވެ.


އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ވިދާޅުވީ މި އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރު ފަހު 2:00 ޖެހި އިރު ފެށުމަށް ފަހު 4:30 ގައި، އިންތިހާބު ކެންސަލްކޮށް ވޯޓުލުން ހުއްޓައިލީ ވޯޓުލުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.


މި އިންތިހާބަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ބޭއްވި އިންތިހާބެވެ. އިންތިހާބުގައި ވޯޓުލަމުން ދިޔައީ އެސްއެމްއެސް މެދުވެރިކޮށެވެ. ވޯޓުލުމަށް މި އިންތިހާބުގައި ހަމަޖައްސާފައި އޮތީ އިނގިރޭސިވިލާތުގެ ނަމްބަރަކަށް އެސްއެމްއެސް ފޮނުވައިގެނެވެ. މިނިޒާމް ގާއިމުކޮށްފައި ވަނީ އެމެރިކާގެ "ޕޯލް އެވްރީވެއާ" މެދުވެރިކޮށެވެ.


ޝާހު ވިދާޅުވީ ވޯޓުލުން ހުއްޓައިލަން ޖެހުނީ ވޯޓުލުމަށް ފޮނުވާ އެސްއެމްއެސް ފޮނުވުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.


"މެސެޖް ސެންޑް ނުވަނީ. އެހެންވީމާ ވޯޓުލާ މީހުން ވެސް ކެންޑިނޑޭޓުން ވެސް ބޭނުންވީ ހުއްޓާލައި ވަގުތީ ގޮތުން އިންތިހާބު ކެންސަލްކުރަން،" ޝާހު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ، ދާއިރާތަކުގެ އިންތިހާބު ދެން ބާއްވާނެ ދުވަހެއް ފަހުން އިއުލާނު ކުރާނީ، މާދަމާ އިންތިހާބާބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ކަމަށެވެ.


ޝާހު ވިދާޅުވީ މިއަދު އިންތިހާބުގެ ވޯޓުލުން ހުއްޓައިލި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް މާލޭގައި ވެސް އަތޮޅުތަކުގައި ވެސް ހިނގާފައި ނުވާ ކަމަށާއި އެހެންނަމަވެސް ވަރަށް ގިނަ އަދަދެއްގެ އިންތިހާބީ ޝަކުވާތައް ހުށަހެޅިފައިވާ ކަމަށެވެ.


(17:59)


މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ހުއްޓާލުމަށްފަހު މި އިންތިޚާބު ބާއްވާނޭ ދުވަހެއް އަލުން އިޢުލާންކުރާ ގޮތަށް އެމްޑީޕީން ހަމަޖައްސައިފިއެވެ.


ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ދެންމެ ވިދާޅުވީ މިއިންތިހާބުގެ ވޯޓުލުން ހުއްޓާލީ ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ އެކަމަށް އެދިވަޑައިގެންނެވުމުގެ މަތިން ކަމަށެވެ.