އއ. އަތޮޅު ކަޕްގައި މިއަދު ހަވީރު ރަސްދު އާއި މާޅޮސް ކުޅުނު މެޗު ހައެއް ދޭއްގެ ބޮޑު ތަފާތަކުން ރަސްދޫ ޓީމު މެޗު ކާމިޔާބުކޮށްފި އެވެ. ޖުމުލަ އަށް ގޯލްޖެހި މި މެޗުގައި ރަސްދޫ ޓީމުގެ ސައުދުﷲ އަހްމަދު ދެ ލަނޑު ކާމިޔާބު ކޮށްދީފައިވާ އިރު އެ ޓީމުގެ އަބްދުﷲ އިބްރާހިމް، އަހްމަދު މުސްތަފާ، އާދަމް ރަޝީދު އަދި އަލީ މުސްތަފާ މިއިން ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބު ކޮށްފައިވެ އެވެ.

މެޗުގެ ކުޅުން ފެށިގެން ނުވަ ވަރަކަށް މިނިޓު ހިނގިތަނާ ރަސްދޫ ޓީމުގެ އަބްދުﷲ އިބްރާހީމް ވަނީ މާޅޮހުގެ ގޯލް ހުޅުވާލަ ދީފަ އެވެ. އަދި މެޗުގެ 31 ވަނަ މިނިޓުގައި ރަސްދޫ ޓީމުގެ ކުޅުންތެރިޔަކަށް މާޅޮހު ކީޕަރު ހަމަލާ ދިނުމާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ރަސްދޫ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަހްމަދު މުސްތަފާ އެވެ.

ލަނޑުޖެހިތާ ދެ މިނިޓުފަހުން ރަސްދޫގެ ތިން ވަނަ ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނެގި ކޯނަރަކުން މާޅޮހު އޭރިޔާ ތެރޭގައި ހުރި ރަސްދޫ ޓީމުގެ އާދަމް ރަޝީދު އެވެ.

ފުރަތަމަ ހާފުގައި މާޅޮހު ޓީމުން ވެސް ރަސްދޫގެ ގޯލަށް ނުރައްކާތެރި ދެ ތިން ހަމަލާއެއް ފޮނުވާލި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުނީ ތިނެއް އެކަކުން ރަސްދޫ ޓީމު ކުރީގައި އޮވެގެން ނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަރަކަށް މިނިޓު ތެރޭގައި ރަސްދޫގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ސައުދުﷲ އަހްމަދު އެވެ. އެހެން ނަމަވެސް ހިތްވަރާ އެކު ކުޅެމުންދިޔަ މާޅޮހު ޓީމުގެ އަހްމަދު އާރިފް ވަނީ އޭގެ ދިހަ މިނިޓު ފަހުން ރަސްދޫ ކޮޅަށް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަތަރެއް އެކަކަށް ބަދަލުކޮށްފަ އެވެ.

މާޅޮހު ޓީމަށް ގެނައި ބައެއް ބަދަލާ އެކު ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމުގެ އަލީ ވަސީމް ޖެހި ލަނޑާ އެކު މެޗުގެ ނަތީޖާ ހަތަރެއް ދޭކަށް ބަދަލުވެ ފޯރި އިތުރަށް ގަދަ ވެގެން ދިޔަ އެވެ.

ނަމަވެސް ރަސްދޫ ޓީމުން މާޅޮހު ޓީމުގެ ގޯލަށް ދެމުން ގެންދިޔަ ހަމަލާތައް ވަރުގަދަ ވެގެން ދިއުމުގެ ނަތީޖާ އަކަށްވީ މެޗުގެ 80 ވަނަ މިނިޓުގައި ރަސްދޫ ޓީމުގެ ފަސް ވަނަ ލަނޑު އެ ޓީމުގެ ސައުދުﷲ ކާމިޔާބު ކުރު މެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މަދު ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ރަސްދޫ ޓީމުގެ އަލީ މުސްތަފާ ވަނީ މާޅޮހު ގޯލަށް ބޯޅަ ވައްދާލައި މެޗުގެ ނަތީޖާ ހައެއް ދޭކަށް ބަދަލު ކޮށްފަ އެވެ.

މުޅި ޖުމުލަ ހަޓީމް ވާދަކުރާ މުބާރާތުގެ ގުރޫޕް އޭގެ ތާވަލުގެ އެންމެ ކުރީގައި އޮތީ ހަތަރު ޕޮއިންޓާ އެކު ރަސްދޫ ޓީމެވެ. އެއް ޕޮއިންޓާ އެކު ދެވަނައިގައި އޮތީ މަތިވެރި ޓީމެވެ. ތާވަލުގެ ފުލުގައި މާޅޮސް އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ގުރޫޕް ބީގެ އެއް މެޗު ކުޅުނު އިރު އެއްވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ތޮއްޑޫ ޓީމެވެ. މާދަމާ ހަވީރު ކުޅެން ހަމަޖެހިފައި ވަނީ ގުރޫޕް ބީގެ މެޗެ ކެވެ. މި މެޗުގައި ބައްދަލު ކުރާނީ ހިމަންދޫ އާއި ބޮޑުފޮޅުދޫ އެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45ގައި އެވެ.