އައްޑޫ ސިޓީ މަރަދޫއިން އިސްމާއިލް ޝާކިރު އަދި އަހުމަދު ނާއިފް

ޖެހެމުން ދިޔައީ މަޑުމަޑު ފިނި ވައިރޯޅި އެވެ. ކަނޑުގެ ރާޅުތައް ވަނީ ހިމޭންވެފަ އެވެ. ބިޔަ ރާޅުތަކާއި ގަދަ ވިއްސާރައިގެ ނިޝާނެއްވެސް ނުފެނެ އެވެ. މުދާ ބަރުކޮށްގެން އާދައިގެ މަތިން "ހިތްވަރު ބޯޓު" މާލެއިން އައްޑުއަށް ދަތުރު ފެށީ 10 މީހުންނާ އެކު މިިދޔަ މަހުގެ 28 ވަނަ ދުވަހު ގެ ފަތިހު އެވެ. ރަތަފަންދޫގެ 76 އަހަރުގެ ވިޔަފާރި ވެރިއަކާއި އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ފިޔަވައި ބާކީ ތިބި އެންމެންނަކީ ހިތްވަރު ބޯޓަށް އާ ބައެއް ނޫނެވެ. އެ އޮޑީގެ ދަތުރުތަކަށް ފަރިތަ އެ އޮޑި ދަތުރުކުރާ މަގުތައް ރަނގަޅަށް ދަންނަބައެކެވެ. އެދަތުރުގެވެސް މާލިމީ، އަބްދުﷲ ނަސްރު އަކީ ވޭތުވެ ދިޔަ ފަސް އަހަރުވެސް ގަދަ ކަނޑުތަކުގައި ހިތްވަރު ބޯޓަށް ފަރިތަ ކެޕްޓަނެކެވެ. ނަސްރު އާއި އޭނާގެ 11 އަހަރުގެ ކޮއްކޮ، އަލީ އަމީޒު ވެސް ތިބީ ވީލްހައުސްގައި ހަމަޖެހިލައިގެންނެވެ. ހާސްކަމެއް ނެތެވެ. މަޖާ ވާހަކައާ ކުޅިވަރުގައި އެންމެންވެސް ތިބީ މަސްއޫލުވެގެންނެވެ. ކުއްލިއަކަށް އިވުނީ ވަރުގަދަ އަޑުފައްގަނޑެކެވެ. ބޯޓަށް އައީ ކުއްލި ލޮޅުމެކެވެ. ވިއްސާރަ ވީކަމަށް ހިތާ އަވަސްއަވަހަށް ބޭރު ބަލައިލެވުނެވެ. ނަމަވެސް އުޑުމަތީގައި ވިލާ ރޮއްޖެއްވެސް ނެތެވެ. ދެން އިވުނީ ރުއިމުގެ އަޑެވެ. އެހީއަށް އެދި ގޮވާއަޑެވެ. ބޯޓުގެ އިންޖީނުގެއިން ދުވެފައި ރޮމުން ކަހަލަ ގޮތަކަށް އައިސް ވީލްހައުސްތެރެއަށް ވަނީ ބޯޓުގެ ބިދޭސީ ފަޅުވެރި އެކެވެ.

“އޭނާ ދުވެފައި އައިސްބުނީ ފެންގަނޑު އަރަނީއޭ. ރޮމުން ރޮމުން އޭނާއައީ އައިސްފައިބުނީ ބޯޓު ފަޅަފަޅައިގެން ގޮސް ފެންގަނޑު އަރަނީއޭ. އޭރު އަޅުގަނޑަށްވެސް ނޭންގުނު ހުރެވުނު ތަނެއް. ދުވެފައި ކަހަލަ ގޮތަކަށް ތިރިއަށް ދިޔައީ،" ކެޕްޓަން ބުންނެވެ. ކަމަކު ދާކަށްނެތެވެ. ފަށަނުގެ ތިރިން އޮޑިމެދަކާ ހިސާބުން ފަޅައިގެން ގޮސް އެއްވެސް ހިފެހެއްޓުމެއްނެތި ލޮނުގަނޑު ދިޔައީ އަރަމުންނެވެ. ދެން ހެދޭނެ އެއްވެސް ގޮތެއްނެތެވެ. ދެން އޮތީ މަންޒަރު ބަލަން ހުރުން ނޫނީ ފުރާނަ ސަލާމަތްކުރުމެވެ.

"އެ ހިސާބުން އަޅުގަނޑަށް އިގިއްޖެ ދިޔަގަނޑު ކޮންޓްރޯލް ނުވާނެކަން. އޭރު އަޑީގައި އަޅާފައި އޮތް ފައިބަރު ކޯޓުވެސް ފަޅައިގެން ގޮސް އެތަނުންވެސް އިންޖީނު މައްޗަށްވެސް ހޯސްލާފައި ފެންގަނޑު ދިޔައީ އަރަމުން. މުޅި ބޯޓު އޭރު ދިޔައީ ފުޑުފުޑުވަމުން. ބަލަން ހުއްޓާ ތެޔޮ އަޅަން ހަރުކޮށްފައި ހުރި ދެ ތެޔޮޓޭންކްވެސް ނައްޓާލައިގެން އިންޖީނު ރޫމްތެރެއަށް ދޫވެއްޖެ. ލޮނުގަނޑު ހެދިފައި އޮތީމައި އޮޔެގަނޑުގެ ތެރޭގައި ބޯޓުގެ ދެ ފަރާތުގައި ޓޭންކުން ޖެހި ބޯޓުގެ މެދުވެސް ބިންދައިގެން ހިނގައްޖެ،" ކެޕްޓަން ބުންޏެވެ.

ދުވެފައި ގޮސް ވަނީ ވީލް ހައުސްއަށެވެ. އެންމެން މައްޗަށް އައުމަށް އޭނާ އިރުޝާދު ދިނެވެ. ހަލުވިމިނެއްގައި ބޯޓުގެ ތެރެއަށް ފެންގަނޑު އަރައި ބޯޓު ދިޔައީ އިތުރަށް އަޑިއަށެވެ. އޭރު ސަލާމަތްތެރި ތަނަކަށް އޮތީ ވީލްހައުސް އެވެ. ހެދޭ ނުހެދޭއެއް ނޭންގި ނަސްރު މަސައްކަތް ކުރީ އޭނާގެ ޒިންމާގެ ދަށުގައި ތިބި ނުވަ މީހުންގެ ފުރާނަ ސަލާމަތް ކުރާށެވެ. ބަދިގެއަށް ވަދެ ވަޅި ހިފައިގެން އައިސް ވީލް ހައުސްގައި އޮތް ޑިންގީ މޮހާލައި މޫދަށް ބޭލި އެވެ. އޭނާގެ އިރުޝާދަކަށްވީ ޑިންގީއަށް އެންމެންވެސް އެރުމަށެވެ.

“އެ ޑިންގީ ފުދޭވަރަކަށް ބޮޑުވާނެ. މުދާ ބަރުކުރުމުގައި ބޭނުންކުރާ ޑިންގީއެއް އެއީ. އޭތި ތިރިކޮށް އެންމެން ޑިންގީއަށް އެރުވީ. އޭރު ގާތްގަނޑަކަށް ބޯޓު އަޑިއަށް ހިނގައްޖެ. ވީލް ހައުސްއާ ހިސާބަށް ފެންގަނޑު ނާރާކަން. އެންމެން އަރުވާފައި އަހަރެން މަޑުކުރީ. ކިހިނެތްތޯ ވަނީ ބަލަން. އެކަމަކު އެންމެ ފަހުން އަހަރެންވެސް ދާންޖެހުނީ،" ނަސްރު ބުންޏެވެ.

އޭނާ ކިތަންމެ ހިތްވަރު ކުރިއަސް ހިތްވަރު ބޯޓު އޭނާގެ ލޯމަތީގައި އަޑިއަށް ގޮސް ގެއްލިއްޖެ އެވެ. ބޯޓު ކުދިކުދި ވެގެން ދިޔައީ އޭނާގެ ލޯމަތީގަ އެވެ. އިތުރަށް ކުރެވެން އޮތްހާވެސް ކަމަކީ ޑިންގީގައި ސަލާމަތްތެރި ހިކިފަސްތަނެއް ހޯދުމަށް ހިތްވަރު ކުރުމެވެ. ބޯޓުގައި ހުރި މުދާތައްވެސް އޭރު ދިޔައީ މައްޗަށް އަރަމުންނެވެ. ގޭސްފުޅިތަކާއި ފެންފުޅިއާއި ބިސްކޯދު ކޭސްތައްވެސް ފޯވެގެން އެރީ މައްޗަށެވެ. ޑިންގީ ވަށައިގެން ކާ އެއްޗެތި ފެންނަން ހުރުމުގެ އުފާ ލިބުނަސް އަނެއް ގޮތަކުންވީ އެކަންވީ ނުރައްކަލަކަށެވެ.

“އެތާންގައި މަޑުކުރެވޭކަށްނެތް. ބޯޓާ ދުރަށް ދާންޖެހިއްޖެ. އެއީ އޭރުގައި މުދާތައް ދިޔައީ މައްޗަށް އަރަމުން. ގޭސްފުޅި ކަހަލަ އެއްޗެއް ޖެހިގެން ޑިންގީފަޅައިގެން ހިނގައިދާނެ. އެހެންވެ ނެގުނީ ހަމަ އެކަނި 500 އެމްއެލްގެ ފެންކޭހަކާއި ބިސްކޯދު ކޭހެއް. އެހެން އެއްވެސް އެއްޗެއް ނުނެގުނު. ދެން ދުރަށްދާން ނިންމީ އެއީ މައްޗަށް އަރާ ގޭސްފުޅިއަކުން ޑިންގީގެ ދަށުގައި ޖެހި ފަޅައިގެން ހިނގައިދާނެތީ،" ނަސްރު ބުންޏެވެ،

ެބޯޓު ފެތުނު ރޭން ފެށިގެން މިއަދާ ޖެހެންދެންވެސް އެންމެ ނިދިފިއެއްވެސް ނުޖަހަ އެވެ. އުންމީދާއި ހިތްވަރުގައި އެ ވަގުތުން ފެށިގެން މަސައްކަތް ކުރީ ސަލާމަތްތެރި ކަމަށެވެ. އެންމެންވެސް މަސައްކަތްކުރީ އެގޮތަށެވެ. ނަސްރުގެ އިރުޝާދުގެ ދަށުން ޑިންގީގައި ތިބި އެންމެންވެސް މަސައްކަތް ކުރި އެވެ. ފައްޔަކަށް ބޭނުންކުރީ ކުކިންއޮއިލް ހަން ކަފައިގެން ހަދާފައިވާ އެއްޗިހިތަކެކެވެ. އުންމީދު ގެއްލޭ ފަހަރާއި އާވާ ފަހަރު ދިޔައީ އަންނަމުންނެވެ. ކަޅު އަދިރިކަން ވަނީ ވަށާލައިފަ އެވެ. ހިކިފަސްތަނެއްގެ އައްޔެއްވެސް ނިޝާނެއްވެސް ނެތެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ ދޯންޏެއްގެ އައްޔެކެވެ. ވަރަށް ކައިރިންނެވެ. އެންމެންގެ އުންމީދުވެސް އާވި ކަހަލަ އެވެ. ދޯންޏަށް އެންގުމަށް ލައިފް ޖެކެޓްގައި އަލިފާން ރޯކޮށް އަދި ފޯނުތަކުން އަލިވެސްކުރި އެވެ. ނަމަވެސް އަޅައެއްނުލި އެވެ. އޮޔާ ދިޔަ ގޭސްފުޅިތައް ހޮވާ އެއްކޮށްގެން އެމީހުން ދިއައީ އެވެ.

“މުޅި ޑިންގީ އޮތީ އަލިކަމުން ފުރިފައި. އަހަރުމެންނަށް ފެނުުނު ގޭސްފުޅިތައްވެސް ނަގަނިކޮށް. އެމީހުންނަށް އަހަރުމެން ނުފެނެއެކޭ ނުބުނެވޭނެ،" ނަސްރު ބުންޏެވެ. އެހީއަށް އެދި އަޑުގަދަކޮށް ހަޅޭއްލަވައި ރޮއިވެސް ހެދި އެވެ. ނަމަވެސް އަޑެއްނީވުނެވެ. ނޫނީ ނީވޭކަމަށް ހެދީ އެވެ. އެރޭ ފާއިތުވީ އެ މާޔޫސްކަމުގަ އެވެ. އަނެއް ދުވަހަށް އިރު އަރައިފި އެވެ. ޑިންގީއަށް އަރުވާފައިވާ ފެން ގާތްގަނޑަކަށް ހުސްވުމާއި ގާތްވެއްޖެ އެވެ. ނަމަވެސް އެންމެންވެސް ބޭނުންވީ ފެންބޯށެވެ. އެންމެ ބޮޑަށް ކަރު ހިއްކާ މީހުންނަށް ފެންދެމުން ގޮސް އެންމެފަހުން ފެންވެސް ހުސްވެއްޖެ އެވެ. ކަނޑުމަތީގައި ހޭދަކުރާތާ 12 ގަޑިއިރު ވުމާ ގާތްވަނީ އެވެ.

“އެންމެ ފަހުން ފެންހުސްވެއްޖެ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތް. ދެން އޮތް ގޮތަކީ ލޮނު ފެން ބުއިން. އެއާ އެކު އިތުރު މައްސަލަތައް ނިކުންނަން ފަށައިފި. ކާން ހުރީ ބިސްކޯދު. ކަރު ހިކިފައި ހުރީމައި ބިސްކޯދު ކަރުއެތެރެއަށް ނުދޭ. ގިނައިން ލޮނުފެން ނުބޯންވެސް ބުނިން،" އޭނާ ބުންޏެވެ.

ގިނައިން ލޮނުފެން ނުބޯން އިރުޝާދު ދިން ނަމަވެސް ގިނަ މީހުންނަށް އެގޮތަކަށް ކެތެއް ނުކުރެވުނެވެ. މަރުވި ބަގްލަދޭސް މީހާއަށް ވެސް ދިމާވީ ހަމަ އެ މައްސަލަ އެވެ. މާގިނައިން ލޮނުފެން ބުއިމުން އޭނާގެ ތުންފަތް ވަރަށް ބޮޑަށް ފާރުވެ ކަރުތެރޭގައިވެސް ކޮންމެވެސް ވަރަކަށް ފާރުހެދި ލޭއަންނަން ފެށި އެވެ. ބާކީ ކާންހުރި މަދު ބިސްކޯދު ކޮޅުވެސް އަރުން އެއްޗެއް އެތެރެ ނުވާތީ ކެވޭގޮތެއްނުވި އެވެ. ލޮނުފެން މާގިނައިން ބުއިމުގެ ނަތީޖާއެއްގެ ގޮތުން އަގައިން ދިޔައީ ގިނަ އަދަދަކަށް ލޭއަންނަމުންނެވެ. މިހާރު އެހެން ކަނޑުވެފައި ތިބޭތާ މިވީ ތިން ވަނަ ދުވަހެވެ. އުންމީދުގެ އެއްވެސް ކުލަވަރެއް ނެތެވެ. އޭގެ ބަދަލުގައި މީހުންގެ ވަރުދެރަވެ ސިއްހީ މައްސަލަތަކާ ގުރޫޕުން ކުރިމަތިލާން ޖެހުނެވެ.

“އަހަރުމެންގެ ތެރެއިން އެންމެންގެ ހާލު ވަރަށް ދެރަވެއްޖެ. މަރުވި ބަގްލަދޭސް މީހާ އޭނާގެ ތުންފަތުންނާއި އަގައިންވެސް ލޭއަންނަން ފަށައިފި. އޭނާއަށް އެއްގޮތަކަށް ނުވެސް ކެވުނު ފަހުން. ނުވެސް ތެދުވެވުނު އެންމެ ފަހުން ޑިންގީގައި ބާއްވަން ޖެހުނީ. ދެން ހެދޭނެ ގޮތެއް ނެތް،" އޭނާ ބުންޏެވެ. ދެން ކުރިމަތިވީ ބިރުވެރިކަމެވެ. ހާލުދެރަވި ބަގްލަދޭސް މީހާގެ ހާލަތު ދަށަށް ގޮސް ޖެހިގެން އައިރޭ އިރާކޮޅު އޭނާ މަރުވެއްޖެ އެވެ. ދެން ޖެހުުނީ ކޮންމެވެސް ގޮތެއް ނިންމާށެވެ. އޭނާގެ މަރު އެންމެންގެ ލޯމައްޗަށްވެސް ފެނުނީ ބިރުވެރިގޮތެއްގައި ކަމަށްވުމުން ގަބުރައިގެން އިތުރަށް ދަތުރުކުރުމަކީ ރައްކާތެރި ކަމެއްގެ ގޮތުގައި އެކަކުވެސް ގަބޫލެއްނުކުރި އެވެ.

“އެކަކަށްވެސް އެއްބަހެއް ނުވެވުނު ގަނެފައިވާ ބިރެއްގެ ސަބަބުން ގަބުރައިގެން ދަތުރުކުރާކަށް. އެއީ އެ މީހާ މަރުވީ އަގައިން ލޭއައިސް ވަރަށް ބާރަށް ހަޅޭއްލަވަމުން. އެހެންވެ ކުޑަކުއްޖާވެސް ރޮނީ. އެންމެން ރޯން ފަށައިފި. ދެން އެންމެ ފަހުން އިރުކޮޅެއްގައި ބާއްވައިފައި. އިރުއޮއްސުމުގެ ކުރިން ފަސްތަނުން ބަދެފައި އޭނާ މޫދަށް އެއްލާލީ. ދެން އަވަހަށް ދުރަށް ދަތުރުކުރަން ފެށީ،" އޭނާ ބުންޏެވެ. އެންމެންވެސް ތިބީ އެ މަންޒަރަށްވެސް ބިރުވެރިކޮށް ބަލަހައްޓައިގެންނެވެ. “އަހަރުމެން ބަލަން ތިއްބާ ގަބުރު ފެތިގެން އަޑިއަށް ދިޔައީ، ޖެހިގެން އައިރޭ ހޭދަކުރީ ބިރުވެރި ކަމުގައި،"

ގުރޫޕުގެ އެކަކު މަރުވުމުގެ ކުއްލި ހިތާމައާއި ބިރުވެރިކަމާއި ނާމާން ކަމުގައި ތިއްބާ އަނެއްދުވަހަށް އިރު އަރައިފި އެވެ. އެއީ ކަނޑުވިތާ ފަސްވަނަ ދުވަހެވެ. ކާނާ އެކީއެކަށް ހުސްވާން ފެށުމުން ބޯޓުން އޮޔާ ދިޔަ މޭވާތައް ނަގައިގެން ކާންފެށި އެވެ. އެއީ ފީވެ ހަލާކުވެފައިވާ ތަކެތި ކަމަށްވިޔަސް އެކަމާ ފަރުވާލެއް ނުބަހައްޓަ އެެވެ. ބަނޑަށް ޖެހި ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އިރު މެދު ޖެހުމުން ލިބޭ ހޫނު ކަމާއި ކަނޑުން އަރައި ވައި ނޫނީ އެ މީހުންނަށް އެހެން ކަމެއް އިހުސާސެއްނުވެ އެވެ. ކުއްލިއަކަށް އިވުނީ ބާރު އަޑެކެވެ. ވަށައިގެން އެއްވެސް ތަނެއް ފެންނަން ނެތަސް އެއީ ހެލިކޮޕްޓަރެއްގެ އަޑެވެ. ބާރަށް ފިޔަގަނޑު އެބުރޭ އަޑެވެ. ގަދަފަދަ އިންޖީނުގެ އަޑެވެ. މައްޗަށް ބަލައިލިއިރު އެއީ މާމައްޗެވެ. ލޮލުކޮޅަށްވެސް ކިރިޔަ ކިރިޔާ ފެންނަނީ އެވެ.

“އަހަރުމެން ހީކުރިން އެއީ އަހަރުމެން ހޯދަން އުޅޭ އެއްޗެކޭ. އެކަމަކު އެހެނެއް ނުވި. ލޮލުކޮޅަށް ކިރިޔަ ކިރިޔާ ފެންނަނީ. ދޮންދޫންޏެއްގެ މިސާލުގައި ހެލިކޮޕްޓަރު އިނީ،" އޭނާ ބުންޏެވެ.

ހެލްކޮޕްޓަރަށް އެމީހުން ނަގާނެ ކަމުގެ އުންމީދުވެސް ދިޔައީ ފެނަށެވެ. ކޮންމެގޮތެއް ވިޔަސް އެ ހިސާބުން އުންމީދު ކަނޑާލި އެވެ. ދެން އެ މީހުންގެ ޒަމާން ދިޔައީކަމަށް އަމިއްލައަށްވެސް ނިންމި އެވެ. “އަހަރުމެން އޭރު ބުނިން ހަތަރު ދުވަސްފަހުން ބަޔަކު އަހަރުމެން ނުނަގައިފިއްޔާ ދެން ނުފެންނާނެ،" އޭނާ ބުންޏެވެ. ކުރިމަތި ވަމުން އައީ ހިތާމައަކަށް ފަހު ހިތާމައެކެވެ. އިތުރު މާޔޫސްކަމެކެވެ. ބޯޓުން ދަތުރުކުރި އެންމެ މުސްކުޅި މީހާވެސް މަރުވީ އެވެ. އޭނާގެ މަރު ބިރުވެރި ކަމަކަށް ނުވިޔަސް ނާއުންމީދުވެފައިވާ ގުރޫޕުގެ ނާއުންމީދުކަން އިހުނަށްވުރެ ބޮޑުވުމެވެ.

“އެމީހާ މަރުވީ ކުއްލިގޮތަކަށް. ހަތަރު ވަނަ ދުވަހު ބުނެފި ތިމަންނާ މާދަމާ ރަށަށް ދާނަމޭ. އަހަރުމެންވެސް ބުނިން ކިހިނެއްހޭ. އެހެން ކިޔާފައި އޮއްވާ އަނެއް ދުވަހު ބޭރު މީހާ މަރުވިތާ އޮށޯވެއްޖެ، ދެން ނުއެއް ތެދުވި. އެހެން އޮވެފައި އެއްގޮތަކަށްވެސް ނުތެދުވި. އެހެން އޮވެފައި ހަށަންވެސް ބަނދެއްޖެ. ދެން ގުރުއާން ކިޔަވަމުން ގޮސްފައި ސަހާދަތްވެސް ކިޔާފައި ހަބަރު ހުސްވެއްޖެ. ހަބަރެއް ވޭތޯ އެކިގޮތްގޮތަށް ތަޅުވާވެސް ހެދިން އެކަމަކު ނުވި،" އޭނާ ބުންޏެވެ.

އެންމެ ފަހުން ކުރީ ބިދޭސީ މީހާއެކޭ އެއްގޮތަށް އެ ގަބުރުވެސް ފަސްތަނުން ބަދެފައި މޫދަށް އެއްލައިލި އެވެ.އިތުރު ހިތާމައެކެވެ. އިރުއޮއްސުމުގެ ކުރިން ގަބުރު ދޫކޮށްލި ހިސާބުން ދުރަށްޖެހުނެވެ. އިތުރަށް އެހެންކަމެއް ކުރާނޭ ހިތްވަރެއްވެސް ނެތެވެ. ދެން އެމީހުންގެ ދުވަސް ދިޔައީ ކަމަށް ބަލައިގެން އަނެއް ދުވަހު އިރުއަރަންދެން ދުއާކުރުމުގައި ތިބީ އެވެ. ހެދުނު އިރުއެރި އިރު ކާ އެއްޗެއްވެސް ނެތެވެ. ދެން ޖެހުނީ ތަފާތުކަމެއް ކުރާށެވެ. މަސްހިފައިގެން ކާށެވެ. ނަމަވެސް ދަލެއް ނެތެވެ. ނަސީބު ދިމާކުރީ ރަނގަޅަށެވެ. ފުމެފުމެ އޮތް މަސްއައިނަކުން މަސްހިފަން ޖެހުނީ އަތްދިމައިކޮށްގެންނެވެ.

“މަސްތައް ފުމެގަންނަނީ މަސްއައިނެއްގެ ތެރެއަށް މިޔަރެއް ވަދެގެން. ފުމެ ގަތީމައި ޑިންގީއެއް ތެރެއަށް މަސްތައް އަތުން ލަފާލަނީ ޑިންގީތެރެއަށް. ދެން މަސްތައް ވެއްޓެނީ ޑިންގީއަށް، އެގޮތަށް ކުދި ރާގޮޑި ކަހަލަ އެއްޗިހި ހިފިން،" އޭނާ ބުންޏެވެ. ނަމަވެސް އެމަސައްތައް ރޯފިލުވާނޭ ގޮތެއްވެސް ނެތެވެ. އޮތްހާވެސް ގޮތަކީ އަވިސް މަސްތައް ކޮންމެވެސް ވަރަކަސް ރޯފިލުވުމެވެ. “ރޮލާވެސް ކާންޖެހުނު އެ މަސްތައް. އެ ނޫންގޮތެއްނެތް. އެކަމަކު އެކަން އިހުސާސެއް ނުވޭ،"

އެދުވަސްވެސް ފަސްދީހިނގައްޖެ އެވެ. ކަނޑުމަތީ ބެހި ހާލުގައި ތިބޭތާ އަށްވަނައަށްވީރެއަށް އިރުއޮއްސިއްޖެ އެވެ. ފެންވެސް މިހާރު އެއްގޮތަކަށް ނެތެވެ. މާތްރަސްކަނލާގެއަށް ދުއާކުރުން ނޫންކަމެއްވެސް ނުކުރެވެ އެވެ. ނަމަވެސް އެމީހުންގެ ނަސީބުލައްވާލި އެވެ. އެރޭ 1100 ޖަހާކަންހާއިރު ވެހުނު ބޯވާރޭގައި ފެން ރައްކާކުރެވުނެވެ. އެކަމަކު އެވެސް ނަޖިސްފެނެވެ. ފެން ރައްކާކުރަން ޖެހުނު ޑިންގީގައި އޮތް ސަތަރިގަނޑެއް ބޭނުންކޮށްގެންނެވެ.

“އެފެނުގެ ކުލަ ހުރީ މަގުމަތީގައި ހުންނަ ޗަކަ ފެން ކުލައިގައި. އެ ފެން އެންމެ ފަހުން ބޯން ބޭނުންކުރީ. ކިތަންމެ ހަޑިޔަސް އެފެން ބޭނުން ކުރަން ޖެހުނީ، އެނޫންގޮތެއްނެތް ވިއްޔާ" އޭނާ ބުންޏެވެ. ފެން ބޯލައިގެން ލިބުނު ހިތްހަމަ ޖެހުމުގައި އެންމެންވެސް ނިދަން ޖައްސާލި އެވެ. އޭރުވެސް ސަލާމަތުގެ ޔަގީންކަމެއް ނެތެވެ. ލިބުނު ވަރުބަލި ކަމުގައި އެންމެން ނިދާފައި ތިއްބާ ހޭލެއްވީ މީހަކު ހަޅެއްލަވާ އަޑަށެވެ. މާދުރުން އައްޔެއް ފެންނަނީ އެވެ. އެންމެން އެކަމަށް ހޭލައްވާ ތެދުކުރުވީ ޑިންގީގައި ހުރި ބިދޭސީ މީހާ އެވެ.

“އޭރު ވަރަށް ދުރުދުރުން އަލިފެންނަނީ. އެ އަލިފެނިގެން އޭނަ ގޮވީ. އަހަރުމެން އެއްކަލަ ހަންތަކުން ހަދާފައި ހުރި ފަލިތަކުން ޖަހަމުން އަހަރުމެން ދިޔައީ ބޯޓު ކައިރިއަށް. އެބޯޓު އެތާ މަޑުކޮށްގެން އޮތީ. ދެން އަހަރުމެން ކައިރިކުރީ ބޯޓަށް. ކައިރި ކުރުމުން އެމީހުން ހީކުރީ ސޯމާލިއާ ބައެއްކަމަށް. އެކަމަކު ދިވެހި ރުފިޔާ ދެއްކީމައި އެމީހުންނަށް އެގިއްޖެ މިއީ ދިވެހިންކަން. ދެން އެ ހިސާބުން އެހީވީ،" އޭނާ ބުންޏެވެ.

އެ މީހުންގެ ނަސީބަކީ ލަންކާގެ މަސްބޯޓު، "ލަކިޝާ" އެވެ. ދިވެހި ސިފައިންނާ ހަމައަށް އެ އަށް މީހުން ގެނެސްދިނީ އެ ބޯޓުންނެވެ. އެ އަށް މީހުންވެސް މިހާރު ތިބީ އާންމު ދިރިއުޅުމަށް އައިސްފަ އެވެ. ނަމަވެސް އެ މީހުންގެ ހިތުން އެ ހަނދާންތަކާއި އެ އަސަރު ފިލައިގެން ނުދެ އެވެ. އެކަމަށް ދުވަސްތަކެއް ނަގާނެ އެވެ. އެކަމަކު ނޭނގޭ ކަމެއް އެބައޮތެވެ. ސާފުނުވާ ކަމެއް އެބައޮތެވެ. ބޯޓުކުއްލިއަކަށް ފެތެން ދިމާވި ގޮތެވެ. ކައްޕި، ނަސްރު ވެސް ގަބޫލުކުރަނީ އަދި ނިންމައިގެން ހުރީވެސް ކުއްލިއަކަށް ރާޅެއް އުފެދި އެ ރާޅުބޯޓަށް ޖެހިގޮތުން ބޯޓު ފުޑުފުޑުވީ ކަމަށެވެ.

“އެ ލޮޅުމާ އެކު ސިކުންތު ކޮޅެއްވެސް ނުނަގައި. އެ ރާޅުޖެހި އަޑުހެން ހީވަނީ އެ އިވުނީ. އަޑެއް އިވިފައި ކުޑަ ހިދުކޮޅެއް ތެރޭގައި އެކަން ވެގެން އެ ދިޔައީ. އަޅުގަނޑަށް ގަބޫލުވެސް ނުކުރެވޭ،" ކައްޕި ބުންޏެވެ. އާއެކެވެ. ގަބޫލުކުރަންވެސް އުދަގުލެވެ. އެކަމަކު ބޯޓުގެ ވެރިމީހާވެސް ގަބޫލުކުރަނީ ބޯޓު ހަލާކުވީ ކުއްލިއަކަށް ނެގި ރާޅެއްގެ ބާރުގައި ކަމެވެ. އެއީ އޭނާވެސް ނިންމައިގެން ހުރިގޮތެވެ.