12 Dec 2012, 21:47
ކުރީގެ ވެރިކަން ބަދަލުވުމާ ގުޅިގެން ފެބުރުއަރީ އަށެއްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ދައުލަތުގެ މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުކުރެވޭ މީހެއްގެ މައްސަލަ ތަހުގީގް ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގާ ދައުވާކޮށް ދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ ގދ. ތިނަދޫ، ބްލޫނިޔާއާގޭ އުމުރުން 27 އަހަރުގެ ޝަމްއާން އަޙްމަދުގެ މައްޗަށެވެ.
އަދި ބުނީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ ދެ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހު ގދ. ރަތަފަންދޫ ކައުންސިލް އިދާރާ އަށާއި ކޯޓަށާއި ޕޮލިސް ސްޓޭޝަނަށް ވަދެ އެތަންތަނުގައި ހުރި މުދަލަށާއި ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
ކުރީގެ ސަރުކާރު ފެބުރުއަރީ ހަތް ވަނަ ދުވަހު ބަދަލުވުމާ ގުޅިގެން ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ދައުލަތުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުނަތަކެއް ދީފަ އެވެ. އެއިގެތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާ އިރު ގިނަ މައްސަލަތަކެއް މިހާރު ދަނީ ތަހްގީގްކުރަމުންނެވެ.