12 Dec 2012, 21:23
މިހާތަނަށް ވިޔަފާރި ކުރިއަށްދާ ގޮތުންނާއި މި އަހަރުގެ ކުއާޓާ ރިޕޯޓްތަކަށް ބަލާ އިރު މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރަކީ ވެސް ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށް ލަފާކުރައްވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ އިން ކުރަމުންދާ މަސައްކަތްތައް ނޫސްވެރިންނާ ހިއްސާކުރުމަށް ވެލާނާގޭ މީޑިއާ ރޫމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ މި އަހަރުގެ ތިން ކުއާޓާއަށް ބަލާއިރު ވެސް ވިޔަފާރި ރަނގަޅުވެފައިވާ ކަމަށާއި އެގޮތުން މި އަހަރު ނިމެން 20 ވަރަކަށް ދުވަހަށްވެފައިވާ އިރު މިހާރު ދާގޮތަށް ކުރިއަށްދާ ނަމަ މިއަހަރަކީ ވެސް ކާމިޔާބް އަހަރަކަށް ވެގެންދާނެ ކަމަށެވެ.
"ދެން ބާކީ މި އޮތީ ހަތަރުވަނަ ކުއާޓާގެ ރިޕޯޓް އެކަނި. ހަތަރު ވަނަ ކުއާޓާ ވެސް ވޭތުވެދިޔަ ތިން ކުއާޓާގެ ޕާފޯމެންސާ އެއްގޮތަށް ގެންދެވިއްޖެއްޔާ ގާތްގަނޑަކަށް 2011 ވަނަ އަހަރުގެ ނަތީޖާ ނެރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯގެ މި އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 187.4 މިލިއަން ރުފިޔާ ލިބި ވިޔަފާރީގެ ގެއްލުމަށް ކެނޑުމުން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 104.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މި އަހަރުގެ ދެ ވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބިފައި ވަނީ 34.3 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާއިރު އެސްޓީއޯ އަށް ވަނީ 181.8 މިލިއަން ރުފިޔާ ލިބިފަ އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އަށް ބަލާއިރު އެކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 146.6 މިލިއަން ރުފިއާ ލިބިފައިވާ އިރު ކޮންމެ ހިއްސާއަކަށް 72 ރުފިޔާ ބަހާފައިވެ އެވެ.