ކުރީގެ ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ދީފައިވަނިކޮށް މިހާރުގެ ސަރުކާރުން އެ އެގްރިމެންޓް ބާތިލްކޮށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެއާޕޯޓް ހަވާލުކުރުމަށް ނިންމުމުން އެއާޕޯޓް ހަވާލުކުރުމުގެ ކަންތައްތައް ގޮސްފައި ވަނީ ވަރަށް އޮމާންކޮށްކަމަށް ޖީއެމްއާރު އިން ބުނެފި އެވެ.

ޖީއެމްއާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓް ހަވާލުކުރުމުގެ ކަންތައްތައް ވަރަށް އޮމާންކޮށް ގޮސްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެއާޕޯޓްގެ އެއްވެސް އޮޕަރޭޝަންއަކަށް ބުރުލެއް އަރާފައިނުވާ ކަމަށެވެ.

"ޖީއެމްއާރާއި މެލޭޝިއާގެ އެއާޕޯޓްސް މާލެ އައީ ރާއްޖެ އަށް ޒަމާނީ ތަރައްގީ ގެނެސް ދިނުމަށް. އެއްބައި ފުރިހަމަކޮށްފައި ދާކަށް ނޫން،" އެބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެބަޔާނުގައި ބުނެފައި ވަނީ ސިންގަޕޫރު ކޯޓްގެ އެންގުމުގެ މަތިން އެއާޕޯޓް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ގާނޫނީ ގޮތުން ޖީއެމްއާރް ގަބޫލްކުރާ ގަބޫލުކުރުމަށް ބަދަލެއް ނުގެނެސް ކޯޓް މެދުވެރިކޮށް ޖީއެމްއާރަށް ލިބެން ޖެހޭ ބަދަލު ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އެއާޕޯޓް ހަވާލުކުރުމުގެ ކަންތައްތައް ހިނގާފައި ވަނީ ވަރަށް އަމާންކޮށް ކަމަށް ޖީއެމްއާރުން ބުނެފައިވާ އިރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިނގުމަށް ޖީއެމްއާރަށް ދިފައިވާ 25 އަހަރު ދުވަހުގެ އެގްރިމެންޓް ބާތިލްކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އަދި މި މަހު 7 ވަނަ ދުވަހު ސަރުކާރުން ވަނީ އެއާޕޯޓް ހިންގުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އާ ހަވާލުކޮށްފަ އެވެ.