12 Dec 2012, 21:02
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލީއްޔަތު ކޮމެޓީން ދިރާސާ ކުރި އިރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ގާނޫނު އަސާސީއާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް މާލީއްޔަތު ކޮމެޓީން ނިންމައި އެ މައްސަލަ އޭސީސީ އަށް ފޮނުވުމަށް މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މާލިއްޔަތު ކޮމެޓީގެ ރިޕޯޓް އިއްވަވަމުން ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ޕީޖީ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ކޮމެޓީން ދިރާސާ ކުރި އިރު ގާނޫނު އަސާސީގެ ދެ މާއްދާއަކާ ޕީޖީ ހިލާފުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި ޕީޖީ ހިލާފުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މި މައްސަލަ ކޮމެޓީން ބެލިބެލުމުގައި ގާނޫނު އަސާސީގެ ދެ މާއްދާއަކާ ޕްރޮސިކިއުޓާ ޖެނެރަލް ހިލާފްވެވަޑައިގެންނެވި ކަމަށް ކޮމެޓީ އަށް ފާހަގަ ކުރެވިފައިވޭ. އެއީ ހަމަހަމަ ކަން ޔަގީން ކޮށްދިނުމުގެ ގޮތުން ގާނޫނު އަސާސީގައި ބަޔާން ކޮށްދީފައިވާ މާއްދާ އާއި ތަފާތު ނުކުރުން ގާއިމް ކުރުމުގެ ގޮތުން ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މާއްދާ. އެއީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ. މި މާއްދާ އާއި ޕްރޮސިކިއުޓާ ޖެނެރަލް ހިލާފް ވެވަޑައިގެންފައިވާ ކަމަށް ކޮމެޓީ އަށް ފާހަގަ ކުރެވޭ." ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ކޮމެޓީ އަށް ފާހަގަކުރެވުނީ މާލިއްޔަތު ގަވާއިދުގެ 8:15 ށ. މާއްދާ އާއި މީގެ ކުރިން ހިލާފްވި ބައެއް ފަރާތްތަކާ ދޭތެރޭގައި ޖިނާއީ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އުފުއްލަވާފައި ވާތީ ކަމަށެވެ. އެހެންނަމަވެސް ޕީޖީ ވެސް އެ މާއްދާއާ ހިލާފް ވެފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ އޮފިޝަލަކު ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ އެ އޮޑިޓް ރިޕޯޓަކީ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ކަމުގައި ވިޔަސް އެ ރިޕޯޓް ޝާއިއު ކުރެވިފައި ވަނީ 2011 ވަނަ އަހަރު ކަމަށެވެ. އަދި ވިދާޅުވީ އޮޑިޓް އޮފީހުން ރިޕޯޓްތައް ތައްޔާރުކުރުމަށް ފަހު އޭސީސީ އަށް ފޮނުވާ އުސޫލުން އެ ރިޕޯޓް ވެސް ވާނީ އޭސީސީ އަށް ފޮނުވާފައި ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި ރިޕޯޓުގައި ކޮރޮޕްޝަނަށް މަގުފަހިވާ ކަމެއްވާ ނަމަ އެކަމެއް ބެލުމަށް އެ އޮފީހުން މަރުހަބާ ކިޔާ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން އޮތީ މި އޮޑިޓް ރިޕޯޓަކީ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެއް. މި އޮޑިޓް ރިޕޯޓް ޝާއިއު ކުރައްވާފައި ވަނީ 2011 ވަނަ އަހަރު. އަޅުގަނޑަށް އެނގިފަވާ ގޮތުގައި ވެއްޖީއްޔާ އޮޑިޓާ ޖެނެރަލް ނެރުއްވާ ކޮންމެ ރިޕޯޓެއް އޭސީސީ އަށް ފޮނުއްވަވާ. އެހެންކަމުން މި ރިޕޯޓް މިހާރު އޭސީސީގެ ސަމާލު ކަމަށް އައިސްފައިވާނެ ކަމަށް ގަބޫލު ކުރަން. ދެން މިކަމާ ބެހޭ ގޮތުން އޭސީސީން ގޮތެއް ނިންމުމަކީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މަރުހަބާ ކިޔާ ކަމެއް. މައްސަލަ ބަލަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މަރުހަބާ ކިޔަން." އޮފިޝަލް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ ޕީޖީ އޮފީހާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސްއާ ގުޅިގެން އީ-ކްރައިމް ކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންގެ ޝަރަފުގައި އޮތް ފަރިއްކޮޅަށް ހަރަދުކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 15: 8 (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންމެ އެކަށީގެންވާ ފަރާތެއް ހޯދަން އާންމުކޮށް އިއުލާން ނުކުރައްވައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ އޭސީސީ އަށް ފޮނުވަން ނިންމާފައިވާ ކަމަށް ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޕީޖީ އޮފީހަށް އެންގުމަށް ވެސް މާލީއްޔަތު ކޮމެޓީން ވަނީ ނިންމައިފަ އެވެ.
އެ މައްސަލާއާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވީ ޕީޖީ މުއީޒް ގާނޫނު އަސާސީއާ ހިލާފް ވެފައި ވާތީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ޕީޖީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އޭނާ ހުށަހެޅުއްވި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު މާލިއްޔަތު ކޮމެޓީން ގޮތެއް ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއަށް ގޮތެއް ނިންމަވާނެ ކަމަށެވެ.