12 Dec 2012, 18:24
ކުރިއަށް އޮތް ތާނގައި މިހާރަށް ވުރެ ބޮޑު ސްކޭލެއްގައި މަސްވެރިކަންކޮށް، މަސްވެރިކަން މެނޭޖް ކުރުމުގެ ޚިޔާލު ނެރުމަށް ވިސްނަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، ހުވަދުއަތޮޅު ގއ. ވިލިނގިލީގައި ހިންގަމުންގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު ބޭއްވެވި މަސްވެރިކަމުގެ ގައުމީ ފޯރަމް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިފޯރަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތު މިހާރުއޮތްގޮތް ދެނެގަނެ، މަސްވެރިކަމުގެ ކުރިމަގު ބައްޓަން ކުރެވިދާނެ ގޮތްތަކާ ދޭތެރޭގައި ޚިޔާލުކޮށް މަޝްވަރާ ކުރުމުގެ މަޤްޞަދުގައި ބޭއްވެވި ފޯރަމެކެވެ.
މަސްވެރިކަން ކުރުމުގައި މިހާރު ކުރިމަތިވާ އެންމެބޮޑު މައްސަލައަކީ، ތެލުގެ އަގު ބޮޑުވަމުންދިޔުން ކަމަށާއި ތެލުގެ އަގަކީ މަހުގެ އަގުގެ ވަރަށް ބޮޑު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންކަމުން، މިޒަމާނުގެ ޓެކްނޯލޮޖީގެ ވަސީލަތްތައް އަޅުގަނޑުމެން ތަޢާރުފްކުރާ އިރު، ދޯނިފަހަރަށް ވީހާ ވެސް ޚަރަދުކުޑަކޮށް މަސްއައިންތަކާ ހަމައަށް ދެވޭނެގޮތް ހޯދުމަކީ، ވަރަށް މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ފައިދާހުރި ގޮތެއްގައި، ގިނަބަޔަކު އެކުވެގެން މަސްވެރިކަންކުރާ ކުންފުނިތަކެއް ނެތްކަން ފާހަގަކުރެއްވި އެވެ. އަދި ތެލަށް ކުރަން ޖެހޭ ޚަރަދު ބޮޑުކަމާ އެކު، މުސްތަޤްބަލުގައި ގިނަދޯނިފަހަރު އެކީގައި ބެލެހެއްޓޭފަދަ މަސްވެރިކަމުގެ ކުންފުނިތަކުން މިކަން ކުރަމުން ގެންދާ ނަމަ، މިފަދަ ޚަރަދުތައް ހަމަޖައްސަން ތަންކޮޅެއް ފަސޭހަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދިޔަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަންވަނީ ވަރަށްބޮޑު ކުރިއެރުންތަކެއް ހޯދާފައި ކަމަށާއި މިއަދު ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ވަރަށް ކާމިޔާބު ގޮތެއްގައި މިމަސައްކަތް ކުރެވެމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެ، މެރިން ސްޓްވެޑްޝިޕް ކައުންސިލްގެ ސެޓްފިކެޓް ޙާޞިލުކުރިކަން އެއީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚުގައި، އަލަށް ޙާޞިލު ކުރެވުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާއި، އޭގެ ޙައްޤު ޝުކުރު އަދާކުރަންޖެހެނީ، ރާއްޖޭގެ މަސްވެރިންނަށާއި މަސް އެކްސްޕޯޓް ކުރައްވާ ފަރާތްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މަސްވެރިކަމުގެ ގައުމީ ފޯރަމް އިފްތިތާޙުކޮށްދެއްވުމަށް ފަހު، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ވިލިނގިލީގައި ބޭއްވި ޓްރޭޑް ފެއާ ވެސް ބައްލަވައިލެއްވި އެވެ.