ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުޅުނު މެޗުގައި ކުލަބު އީގަލްސްއާ ވާދަކޮށް ދިވެހި ސިފައިންގެ ކުލަބު ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެއްޖެ އެވެ.

ރޭގެ މެޗުގައި ސިފައިންގެ ކުލަބުން އީގަލްސްގެ މައްޗަށް ކާމިޔާބު ހޯދީ 121 ޕޮއިންޓު 69 ޕޮއިންޓުން ނެވެ. ސިފައިންގެ ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެ ޓީމަށް 57 ޕޮއިންޓު ހޯދައި ދިން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މާކޯ ލެޓިނޮވިޗް އެވެ.

ކުލަބު އީގަލްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ ނިކޮލާ ކޫގާ އެވެ. އޭނާ ރޭގެ މެޗުގައި އެ ޓީމަށް 22 ޕޮއިންޓު ހޯދައި ދިނެވެ.

ރޭގެ މެޗުން ބަލިވުމުން ކުލަބް އީގަލްސް ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާ އެކު ތާވަލުގެ އެންމެ ކުރީގައި އޮތީ ރެޑް ލައިން ކުލަބެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުުން މޮޅުވެ އެއް މެޗުން ބަލިވި ޕޮލިސް ކުލަބާއި ޓީ-ރެކްސް އަށް ކޮންމެ ޓީމަކަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. އަދި ކުޅުނު އެއް މެޗުން މޮޅުވެ ތިން މެޗުން ބަލިވި ހަރިކޭން ބީސީ އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.

މިރޭ ވެސް ގައުމީ ބާސްކެޓް ލީގުގެ މެޗެއް ކުޅެވޭނެ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅެން ހަމަޖެހިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ޓީ-ރެކްސް ބީސީ އާއި ޕޮލިސް ކުލަބެވެ. މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާ އިރު އެވެ.