12 Dec 2012, 18:21
"ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު މުއައްސަސާއެއް އުފައްދަވައިފި އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 116 ވަނަ މާއްދާ އިން ރައީސަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު މިއަދު އުފެއްދެވި މި މުއައްސަސާއަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.
މީގެއިތުރުން އެ މުއައްސަސާ ވުޖޫދަށް އައުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒާއި ސެންޓާ ފޯ ކޮންޓިނިއުއިން އެޑިޔުކޭޝަން ރައީސް މިއަދު ވަނީ އުވާލައްވައިފަ އެވެ.
މިގޮތަށް ހަމަޖެއްސެވީ ތައުިލީމީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި ދިވެހި ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒުގެ މަސައްކަތްތަކާއި ސެންޓާ ފޯ ކޮންޓިނިއުއިން އެޑިޔުކޭޝަނުގެ މަސައްކަތްތަކަކީ ވަރަށް ގުޅުން ހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ ދެ މުއައްސަސާގެ މަސައްކަތްތައް އެއްކޮށްލައިގެން އެއް މުއައްސަސާއަކުން ކުރާގޮތަށް ހަމަޖެހުމުން ސަރުކާރުގެ ވަސީލަތްތައް މިހާރަށް ވުރެ ފައިދާ ހުރި ގޮތުގައި ބޭނުންކުރެއްވޭނެ ކަމަށް ފެނިވަޑައިގެންނަވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.