ވަކި ފަރާތަކަށް ބުރަ ނުވާ މުއައްސަސާއެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގާއިމުވެ އޮތުމަށް ބޭނުންވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލައި އާންމުކޮށްފި އެވެ.


ޖޭއެސްސީން ބުނީ އަންނަ އަހަރަށް އަމާޒުކޮށްފައިވާ އެ ކޮމިޝަނުގެ ސެޓްރެޓެޖިކް ޕްލޭނުގައި ތިން ލަނޑުދަނޑިއެއް ހާސިލު ކުރުމަށް އިސްކަން ދީފައިވާނެ ކަމަށާއި އެއީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ޖޭއެސްސީއަށް ހޯދުމާއި ފަނޑިޔާރުންގެ އިތުބާރު ކޮމިޝަނަށް ހޯދުމާއި ރައްޔިތުންގެ އިތުބާރު ފަނޑިޔާރުންނާއި ކޯޓުތަކަށް ހޯދައިދިނުން ކަމަށެވެ.


ޖޭއެސްސީން ބުނީ އާ ސެޓްރެޓެޖިކް ޕްލޭން އެކުލަވައިލީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ބަހުސާއި މަޝްވަރާތައް ކޮށްފައި ކަމަށާއި މުޅި ޕްލޭނުގައި މައިގަނޑު ތިން ސިޔާސަތެއް ހިމަނައި ހަ ސްޓްރެޓިޖީއެއް ކަނޑައަޅާފައިވާނެ ކަމަށެވެ.


ޖޭއެސްސީގެ މި ޕްލޭން ފާސްކޮށްފައި ވަނީ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުންނެވެ.


ޖޭއެސްސީގެ ސްޓެރެޓަޖީ ޕްލޭނަށް ބަލާއިރު، ކޮމިޝަނަކީ މުސްތަގިއްލުކަމާ މިނިވަންކަމާއެކު ވަކިފަރާތަކަށް ބުރަނުވާ މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރުމާއި، ގާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން  ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތައް ކޮމިޝަނުގެ މެންބަރުން ދެނެގަތުމާއި، ކޮމިޝަންގެ އިދާރާ ހަރުދަނާކުރުމާއި، ކޮމިޝަންގެ މަސައްކަތާއި ފަނޑިޔާރުންނާގުޅޭ ކަންތައްތައް ކޮމިޝަނުން ގެންދާގޮތާބެހޭ މަޢުލޫމާތު ހާމަކުރުމާއި، ޤާނޫނީ އިމުގެ ތެރެއިން ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ބަލައިގަންނަ މިންވަރަށް ހުޅުވާލެވިގެން ހިނގާ މުޢައްސަސާއަކަށް ޖޭއެސްސީ ހެދުން ހިމެނެ އެވެ.